ޓައިފޮއިޑް ފެތުރޭ މިންވަރު މަދުވިޔަސް، ޑެންގީގެ އަދަދުތައް އެއްވަރެއްގައި

އައިޖީއެމްއެޗު --- ފޮޓޯ: އެމްޑަބްލިއުއެސްސީ

ސާފުތާހިރުކަން ކުޑަވުމާއި ތަޣައްޔަރު ވެފައިވާ ކާބޯތަކެތީގެ ސަބަބުން ޖެހޭ ޓައިފޮއިޑް ފެތުރޭ މިންވަރު ދަށްވެފައިވީ ނަމަވެސް މަދިރީގެ ސަބަބުން ފެތުރޭ ޑެންގޫގެ އަދަދުތައް ތިރި ނުވާކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑެންގީ އާއި ޓައިފޮއިޑްގެ އެންމެ ފަހުގެ މައުލޫމާތު "ސަން"އާ ހިއްސާ ކުރައްވަމުން ޑރ. ފައިސަލް ވިދާޅުވީ، ރޭ އެކަނި ވެސް ޑެންގީއަށް ފަރުވާކުރުމަށް ތިން ކުޑަކުދިން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުން ކަމަށެވެ. އަދި ހަފުތާއަކު ހަތަރެއް ނުވަތަ ފަސް ކުދިން މިހާރު ވެސް އެޑްމިޓް ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އަދަދުތައް ދަށަށް ނުގޮސް އެއްވަރެއްގައި ހިފެއްޓިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން މިދިޔަ މަހު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ޑެންގީގެ އަދަދުތައް ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން، މާޗު މަހު ޑެންގީގެ، 169 ކޭސް ރިޕޯޓް ކޮށްފައިވާއިރު މިދިޔަ މަހު ޑެންގީގެ 320 ކޭސް ރިޕޯޓުކުރިއެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގައި މި ދުވަސްވަރަ އަޅާބަލާއިރު މި އަހަރުގެ ޑެންގީ ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

މީގެ އިތުރުން، މި ވަގުތު ހޮސްޕިޓަލުގައި ބާއްވައިގެން ޓައިފޮއިޑަށް ފަރުވާ ދެނީ އެންމެ މީހަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓައިފޮއިޑުގެ އަދަދުތައް މަދުކަން ފާހަގަކޮށް އޭނާ ވިދާޅުވީ، މިހާރު ޓައިފޮއިޑް ޖެހިގެން މީހުން ޑޮކްޓަރަށް ދެއްކުން މަދު ކަމަށެވެ.

comment ކޮމެންޓް