މަގޫދޫ އެއާޕޯޓު ވެގެންދާނީ އެންމެ ފުރިހަމަ ރީޖަނަލް އެއާޕޯޓަށް: ރައީސް ޞާލިޙް

ފ މަގޫދޫގައި ފެނަކައިގެ އައު އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ--- ފޮޓޯ/ރައީސް އޮފީސް

ފ. މަގޫދޫ އެއާޕޯޓު ވެގެންދާނީ އެންމެ ފުރިހަމަ ރީޖަނަލް އެއާޕޯޓަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މަގޫދޫގައި ފެނަކައިގެ އައު އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މަގޫދޫގައި އެއާޕޯޓެއް އެޅުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ޒަމާނުއްސުރެ އެދިއެދިތިބި ކަމެއްކަމަށެވެ.

މަގޫދޫގައި އަޅާ އެއަރޕޯޓަކީ، އޭގެ ސަބަބުން ފ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައަކާއި ފައިދާތަކެއް ލިބިގެންދާނެ މަޝްރޫޢެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަގޫދޫ އެއާޕޯޓަކީ އެ އަތޮޅުގައި ސަރުކާރުން މިއަދު ހިންގާ އެންމެބޮޑު މަޝްރޫޢު ކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވަނީ މަގޫދޫ އެއާޕޯޓުގެ ރަންވޭ 1800 މީޓަރަށް ބޮޑުކޮށް ޕްރައިވެޓް ޖެއްސާ ގޮތަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ހާމަކުރައްވާފައެވެ.

"ފުރަތަމަ އަޅުގަނޑުމެން އެއަރޕޯޓުގެ މަސައްކަތް ފަށައިގަތީ، 1200 މީޓަރުގެ ދިގުމިނުގެ އެއާޕޯޓެއްގެ ގޮތުގައި. އެހެން ނަމަވެސް، މިއަދު މިވަނީ އެއަރޕޯޓް ބޮޑުކޮށް، 1800 މީޓަރުގެ އެއާޕޯޓަކަށް ބަދަލުކުރަން އަޅުގަނޑުމެން ނިންމާފައި" ރައީސް ވިދާޅުވިއެވެ.

ފ މަގޫދޫގައި ފެނަކައިގެ އައު އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ރައީސް އޮފީސް

މަގޫދޫ އެއާޕޯޓު މަޝްރޫއަަކީ ގާތްގަނޑަކަށް 232 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

ސަރުކާރުން މިހާރު މަގޫދޫ އެއާޕޯޓު ތަރައްޤީކުރުމަށް ނިންމާފައިވަނީ، ޖެޓްތައް ޕާކް ކުރެވޭނެ އިތުރު ޕާކިން ސަރަޙައްދަކާއި، ވީ.އައި.ޕީ. ޓާމިނަލެއް ހިމެނޭ ގޮތަށެވެ. އަދި އެތަނަށް ޖައްސާ ބޯޓުފަހަރަށް ތެޔޮއެޅޭނެ ފިއުލް ފާމެއް އެއާޕޯޓުގައި ގާއިމުކޮށް، ޖެޓުތަކުގެ ފަޅުވެރިންނަށް މަޑުކުރެވޭނެ ހޮޓަލެއް ވެސް ތަރައްގީ ކުރާނެއެވެ.

"ރާއްޖޭގައި އޮތް ރީޖަނަލް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް އެއާޕޯޓަށް މި އެއާޕޯޓު ވެގެންދާނެ. އަދި އޭގެއިތުރުން، ޖެޓްތަކުގައި އަންނަ ފަޅުވެރިން، ކްރޫން މަޑުކުރެވޭނެ ކުޑަ ހޮޓަލެއް، މި ރަށުގައި އެއާޕޯޓާ އެކީގައި ޤާއިމުކުރުމަށް ވެސް އަޅުގަނޑުމެން ވަނީ ނިންމާފައި" މަގޫދޫ އެއަރޕޯޓާއި ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.

ފ މަގޫދޫގައި ފެނަކައިގެ އައު އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ރައީސް އޮފީސް

ރައީސް ވިދާޅުވީ މަގޫދޫ އެއާޕޯޓު ނިމޭއިރު، އިގްތިސާދީ ގޮތުންނާއި، އުމްރާނީގޮތުން މަގޫދޫ އާއި އެ އަތޮޅަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. މިގޮތުން ވަޒީފާ ތކާއި، އެ ނޫން ވެސް ފުރުސަތުތައް ރައްޔިތުންނަށް ފަހިވެގެންދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ފ. އަތޮޅަކީ މިހާރު ރާއްޖޭގައި އެއާޕޯޓެއް ނެތް ހަތަރު އަތޮޅުގެ ތެރެއިން އެއް އަތޮޅެވެ. ދެން އެއާޕޯޓެއް ނުހުންނަނީ މ. އަތޮޅާއި މާލެ ކައިރީގައި އޮންނަ އއ. އަތޮޅާއި ވ. އަތޮޅުގައެވެ. ސަރުކާރުން އަންނަނީ މ. މުލީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް