ނިލަންދޫ ރައްޔިތުންގެ ދަތިތަކަށް ވަރަށް އަވަހަށް ހައްލު ލިބޭނެ: ރައީސް

ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ފ. ނިލަންދޫ ރައްޔިތުންނަށް ދަތިވެފައި ހުރި މައްސަލަތަކަށް ވަރަށް އަވަހަށް ހައްލު ހޯއްދަވައިދެއްވާނެކަަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ފ. އަތޮޅަށް މިހާރު އެ މަނިކުފާނު ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނުވަނީ ރަށު ކައުންސިލާ ބައްދަލުކުރައްވައި ދަތިތައް އޮޅުން ފިލުއްވައިފައެވެ. އޭގެ ފަހުން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެ ކަންކަމުގެ މަސައްކަތް އަވަހަށް ފެށޭނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން ފަޅު ތެރެއިން ދެ ރަށެއް ހިއްކައި ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއު ވެސް އަވަހަށް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި މަޝްރޫއަކީ އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި ފަތުރުވެރިކަމަށް އެ ސަރަހައްދު އިތުރަށް ހުޅުވައިލުމުގެ ގޮތުން ހިންގާ މަޝްރޫއެއްކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރަށުގެ ބަނދަރު ތަރައްގީކުރުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށެވެ. އަދި އެ ސަރަހައްދުގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒު ވެސް ނިލަންދޫގައި ގާއިމްކުރުމަށް ހަަމަޖެހިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ ވަކިވަކި ރަށްރަށް ތަރައްގީކޮށްގެންކަމަށެވެ. ރަށްރަށުގެ ރައްޔިތުންނަށް ވެސް ތަރައްގީގެ އުންމީދު ހޯދައިދިނުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އެ އަތޮޮޅަށް ކުރައްވާ ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެއެވެ.

ނިލަންދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މިއަދު ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު އެ ރަށުގެ ރައްޔިތުން ވެސް ވަނީ އެ ރައްޔިތުން ބޭނުންވާ ކަންކަން ހިއްސާކޮށްފައެވެ.

އެގޮތުން، ރަށުގެ މަގު ހެދުމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ހޮސްޕިޓަލްގެ ތަރައްގީގެ މަސައްކަތް ފާހަގަކޮށްފައިވެއެވެ. އަދި ސްކޫލްގައި އިތުރު ވަސީލަތަތްތައް ގާއިމްކުރުމާއި ކުޅިވަރު ވަސީލަތްތައް ތަރައްގީކޮށްދިނުމަށް ވެސް ރައްޔިތުން އެދިފައިވެއެވެ.

comment ކޮމެންޓް