ގާސިމަށް ރިޔާސީ ޓިކެޓު ދިނުން އަންނަ މަހު 9 ގައި

ޑިސެމްބަރ 9، 2019: ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތްފިޔަ" ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޖުމްހޫރީ ޕާޓީ (ޖޭޕި)ގެ ރިޔާސީ ކެނޑިޑޭޓުކަމަށްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރަސްމީކޮށް ރިޔާސީ ޓިކެޓު ދިނުން އަންނަ މަހު ނުވައެއްގައި އޮންނާނެކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަަލަކު "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ ކަމަަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތްކަމަށެވެ.

އެގޮތުން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ޖޭޕީން ބުންޏެވެ. އެ ޕާޓީން ބުނި ގޮތުގައި ރިޔާސީ ޓިކެޓު އެރުވުމަށް ބާއްވާ ހަފްލާ އޮންނާނީ ކާނިވާ ސަރަހައްދުގައެވެ.

އިންތިޚާބު ގާތްވަމުން އަންނައިރު ރައީސް އިބްރާހީމް މުހައްމަދު ޞާލިހުވަނީ ކޯލިޝަންގެ ދައުވަތު ޖޭޕީއަށް ދެއްވައިފައެވެ.

ނަމަވެސް ޖޭޕީން ސަރުކާރާ ނުގުޅި ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމުމާއެކު އެ ޕާޓީގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލާ ހަވާލުކުރީ ގާސިމަށެވެ. އެ ކަން ކުރީ އެ ޕާޓީގެ ކައުންސިލުން ފާސްކުރި ގަރާރަކުންނެވެ.

ވަކިން އިންތިޚާބުގައި ވާދަކުރަން ޖޭޕީން ނިންމި ނަމަވެސް އަދިވެސް އެ ޕާޓީ އޮތީ ސަރުކާރު ކޯލިޝަނުގެ ތެރޭގައެވެ. އެއާއެކު ވެސް ސަރުކާރާ ދެ ބަސްވާ ގިނަ ކަންތައްތަކެއްގައި ޖޭޕީން އަންނަނީ އެހެން ޕާޓީތަކާއެކު މަސައްކަތްކުރަމުންނެވެ.

އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދުމަށް މަސައްކަތްކުރައްވަމުން އަންނަ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނާއެކު ވެސް ޖޭޕީން އަންނަނީ މަޝްވަރާކުރަމުންނެވެ.

ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު ޖޭޕީންވަނީ އެހެން ޕާޓީތަކަށް ވެސް އެ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ދީފައެވެ. އެ ޕާޓީން ބުނަމުން އަންނަ ގޮތުގައި ކޯލިޝަނެއްގައި އެ ޕާޓީން ލީޑުކުރުން ނޫން އެހެން ދައުރަކަށް އެއްބަހެއް ނުވާނެއެވެ.

comment ކޮމެންޓް