ޝިއާއު މަރާލުން: ޝާހިލްއަށް ދައުލަތުން ވަކީލަކު ހަމަޖައްސައިދީފި

ކްރިމިނަލް ކޯޓުގެ އަޑުއެހުން ނިންމާލުމަށްފަހު ޝާހިލް ގެންދަނީ: އޭނާއަށް ދައުލަތުން ވަނީ ވަކީލަކު ހަމަޖައްސަދީފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ޏ. ފުވައްމުލައް، ކުރި، ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްއަށް ދައުލަތުން ވަކީލަކު ހަމަޖައްސަދިނުމަށްފަހު އަޑުއެހުންތައް ފަށައިފިއެވެ.

ޝިއާއު މަރާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް ހަތް ވަނަ ދުވަހުގެ ރެއެވެ. އެ މައްސަލައާ ގުޅިގެން ޝާހިލް ހައްޔަރު ކޮށްފައިވަނީ ވެސް ކުށުގެ ވެށިންނެވެ. އަދި އޭނާގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އުފުލާފައެވެ. އަދި އިތުރު ދެ ދައުވާ އުފުލާފައިވާއިރު އެއީ ކޮން ދެ ދައުވާއެއް ކަމެއް ދައުލަތުން ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ އެ މައްސަލައިގެ ފުރުތަމަ އަޑުއެހުމެވެ. އެ ދުވަހުގެ އަޑުއެހުން ނިންމާލާފައިވަނީ ވަކީލަކާ އެކު ކުރިއަށް ދާން ބޭނުންވާ ކަމަށް ޝާހިލް ބުނުމުންނެވެ.

ގާނޫނު ބުނާގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމިއްލަ އަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުން ވަކީލުން ހަމަޖައްސައިދޭން ޖެހޭނެއެވެ. ޝިއާއު އެދުނީ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސަދިނުމަށެވެ.

އެ މައްސަލައިގައި މިއަދު އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުން އޭނާއަށް ހަމަޖައްސަދިން ވަކީލާއެކުއެވެ. އަދި މިއަދު ވަނީ ދެ ފަރާތުން ލިޔެކިޔުންތައް ހާމަކޮށްފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުން ދައުވާތައް އިއްވައި ޝާހިލްއަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދޭނެއެވެ. އެ އަޑުއެހުން ދެން ބާއްވާނީ ވަކީލަށް ޝާހިލްއާ ބައްދަލު ކުރުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށްފަހު ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ބުނެފައެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވަނީ ހައެއްކަ މަސް ހޭދަކޮށްފައެވެ. ފުލުހުން އެންމެ ފުރަތަމަ ބުނީ އެ މައްސަލައިގެ ތަހުގީގު ނުނިމި ލަސްވީ ޝާހިލް، ޝިއާއު މަރާލި ކަމަށް ބެލެވޭ ސަބަބު ނުހޯދިގެން ކަމަށެވެ.

ނަމަވެސް ފުލުހުން އޭގެ ފަހުން ބުނެފައިވަނީ ޝާހިލްގެ ފަރާތުން ތަހުގީގަށް މާބޮޑު އެއްބާރުލުމެއް ނުލިބުނު ނަމަވެސް އޭނާގެ ފޯނު ހުޅުވިފައިވާ ކަމަށެވެ. އަދި ފޯނުން ލިބޭ މައުލޫމާތުގެ އަލީގައި ޝިއާއު މަރާލި ސަބަބު ދެނެގަނެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ޝިއާއު މަރާލިކަމުގެ ކުށް ޝާހިލްގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ފަހުން ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ފުލުހުން އެންމެ ފަހުން ބުނިގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް