ބޮމުގެ ހަމަލާ ހަށިފާރަވެރިއެއްގެ ދުލުން: ނަޝީދު އޮތީ ލެއިން ތަތްތެޅިފައި

ސާޖެންޓް އިލްހާމް: އޭނާ ވަނީ ބޮމުގެ ހަމަލާގެ ވަގުތުކޮޅު ކަން ހިނގައިދިޔަ ގޮތް ކިޔައިދީފަ --- ފޮޓޯ: މަޖިލިސް

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި ވަގުތާއި އެ އަށްފަހު ކަން ހިނގައިދިޔަ ގޮތް އެ މަނުކުފާނުގެ އެންމެ އަރިހުގައި ހުންނެވި ހަށިފާރަވެރިޔާ، ސާޖެންޓް އިލްހާމް އަހްމަދު ކްރިމިނަލް ކޯޓުގައި މިއަދު ކިޔައިދީފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގައި ހެކިބަސް ދެމުން އިލްހާމް ބުނި ގޮތުގައި ބޮން ގޮއްވާލި ވަގުތު އޭނާ ހުރީ ގ. ކެނެރީގެ ހުންނަ މަގު (ނީލޯފަރު މަގު) އާއި މަޖީދީ މަގު ގުޅޭ ކަންމަތީގައެވެ.

"އަޅުގަނޑު އިވުނީ ބާރުގަދަ އަޑެއް. އެއަށްފަހު ފެނުނީ ބޯ ދުންތަކެއް. ދެން ފެނުނީ ރައީސް ނަޝީދު ބިންމައްޗަށް ވެއްޓިވަޑައިގެންފައި އޮތް ތަން," އިލްހާމް ކިޔައިދިނެވެ.

މިއަދު އޮތް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ސާޖެންޓް އިލްހާމް: އޭނާ ވަނީ ބޮމުގެ ހަމަލާގެ ވަގުތުކޮޅު ކަން ހިނގައިދިޔަ ގޮތް ކިޔައިދީފަ --- ފޮޓޯ: މަޖިލިސް

ބޮމުގެ ހަމަލާގައި އިލްހާމަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައި ހުރި ނަމަވެސް ބިންމަތީގައި ވެއްޓިވަޑައިގެންފައި އޮތް ނަޝީދު ނެންގެވުމުގައި އެންމެ ފުރަތަމަ އެޓެންޑްވީ އޭނާއެވެ.

އެގޮތުން ވަގުތުން ނަޝީދު އަތްދަނޑިމައްޗަށް ނަގައިގެން ކާރަށް އެރުވިކަމަށް އިލްހާމް ބުންޏެވެ. ވީއައިޕީ ކާރު ސްޓާޓް ނުވުމުން އަނެއްކާ ވެސް ނަޝީދު ނަންގަވައިގެން އަތްދަނޑިމަތީގައި ގެންގޮސް އެރުވީ ބެކަޕް ކާރަށެވެ. އެކަން ކުރީ ވެސް ޒަހަމްވެފައި ހުރި އިލްހާމްއެވެ.

"އަޅުގަނޑުގެ އިތުރުން ރައީސް ނަޝީދަށް އަނިޔާވެފައި ހުއްޓާ ދެކުނިން. އަޅުގަނޑަށް ފެނުނީ ރައީސް ނަޝީދުގެ ހަށިގަނޑުން އެއްކޮށް ލޭ. ދެން ފެނުނީ ރައީސް ނަޝީދު ގަމީހުން ލޭ. މުޅި ހަށިގަނޑުގައި ހުރީ ލޭ," ޕީޖީގެ ވަކީލުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިލްހާމް ކިޔައިދިނެވެ.

ވީއައިޕީ ކާރު ނުދުވުމުން ބެކަޕް ކާރަށް އަރުވައިގެން ވަގުތުން ރައީސް ނަޝީދު ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށް އިލްހާމް ބުންޏެވެ.

ދައުލަތުން ސުވާލުކުރުމުން އިލްހާމް ބުނީ އެ ހަމަލާގައި އޭނާގެ އަތަށާއި ކަނދުރާއަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާ ވަނީ ކަނދުރާގެ އޮޕަރޭޝަނެއް ވެސް ކޮށްފައެވެ.

ޝީދަށް ހަމަލާދިން މައްސަލައިގައި ޓެރަރިޒަމްގެ ދައުވާތައް އުފުލާފައިވަނީ:

  • ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު،
  • މއ. ފޭރުގޭ މުޖާޒް އަހުމަދު
  • ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު
  • ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް
  • ފަހުމީ އަލީ، ގއ. ވިލިނގިލި، ހުދުރުވާގެ
  • މުހައްމަދު ނާޒިމް، އއ. މާޅޮސް، އަސަރީގެ
  • އިސްހާގު، މ. ކުދެހިގެ

މި މީހުންގެ ތެރެއިން، ބޮން ގޮއްވާލި ރިމޯޓު ގެންގުޅުނު އަދުހަމް ދައުވާއަށް އިއުތިރާފުވުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ 23 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.

comment ކޮމެންޓް