ސިޔާސީ މުވައްޒަފުންނަށް ހައްޖާއި އުމްރާ ޗުއްޓީ ލިބޭ ގޮތް ހަމަޖައްސައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް -- ސަން ފައިލް ފޮޓޯ

ސިޔާސީ މުވައްޒަފުންނަށް އުމްރާ އާއި ހައްޖު ޗުއްޓީ ލިބޭ ގޮތަށް ރައީސް އޮފީހުން އުސޫލެއް އެކުލަވާލައިފިއެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންނަށް ޗުއްޓީ ލިބޭ އުސޫލަށް ބަދަލު ގެނެސް ރައީސް އޮފީހުން މިހާރު އާއްމު ކޮށްފައިވާ އުސޫލުގައި ސަރުކާރުގެ ހުރިހާ ސިޔާސީ މުވައްޒަފުންނަށް އުމްރާ އާއި ހައްޖު ޗުއްޓީ ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި އުސޫލުގައިވާ ގޮތުން ޙައްޖަށް ފުރާ ސަރުކާރުގެ ސިޔާސީ މުވައްޒަފުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރާ ދުވަހުން ފެށިގެން މުސާރަ ހިނގާނެ ގޮތަށް 35 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް ފުރާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 15 ދުވަހުގެ ޗުއްޓީއެއް ނެގިދާނެއެވެ.

މުސާރަ ލިބޭގޮތަށް ޙައްޖާއި އުމްރާގެ ޗުއްޓީ ލިބޭނީ އެ އަޅުކަން ފުރަތަމަ ފަހަރު އަދާކުރަން ދާ ފަރާތްތަކަށެވެ. އަދި ސިޔާސީ މުވައްޒަފުންގެ މަގާމާ ގުޅޭ ދަތުރެއްގައި ދެވޭނީ ރައީސް އޮފީހުން ޚާއްސަ ހުއްދައެއް ލިބުނުކަން ލިޔުމަކުން އެންގުމުން ކަމަށް އެ އުސޫލަށް ގެނައި އިސްލާހުގައިވެއެވެ.

ސިޔާސީ މުވައްޒަފުންނަށް އުމްރާ ޗުއްޓީ ލިބޭގޮތަށް ގަވާއިދު އިސްލާހުކޮށްފައިވާ އިރު ސިވިލް ސާވިސް މުވައްޒަފުންނަށް މި ޒާތުގެ ޗުއްޓީއެއް ނުލިބެއެވެ.

ސިޔާސީ މުވައްޒަފުންގެ ގޮތުގައި ބަލަނީ، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަކުން ސޮއި ކުރާ ލިޔުމަކުން ވަޒީފާ ހަމަޖައްސާއިދޭ ފަރާތްތަކެވެ.

comment ކޮމެންޓް