މިފްކޯގެ ''ޖަޒީރާ 103'' މަރާމާތުކޮށް އަލުން މަސްކިރަން ފަށައިފި

މިފްކޯއިން އަލަށް ގެނައި ބޯޓުން މަސްކިރަން ފެށުން -- ފޮޓޯ/ މިފްކޯ

މިފްކޯއިން އެންމެފަހުން ގެނައި މަސްކިރާބޯޓު "ޖަޒީރާ 103" ގެ މަސް ފިނިކުރާ ނިޒާމަށް ދިމާވި މައްސަލަ ހައްލުކޮށް ނިންމުމަށް ފަހު، މަސް ކިރުވަން މިއަދު ފަށައިފިއެވެ.

މިފްކޯއިން އަލަށް ގެނައި "ޖަޒީރާ 103" އޮޕަރޭޝަނަށް ނެރުނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް މަސްކިރަމުން ދަނިކޮށް, ބޯޓުގެ ކޯލްޑް ސްޓޯރޭޖްގެ ގޭސް ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ބޯޓުގެ މަސައްކަތް ހުއްޓުމަކަށް އައެެވެ.

މިކަމާ ގުޅޭގޮތުން ''ސަން"އާ ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވަނީ އަވަހަށް މަރާމާތުކުރުމަށް ފަހު, ބޯޓު އޮޕަރޭޝަނަށް ނެރުން ކާމިޔާބެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

"އަލަށް ގެނެސް ބޭނުންކުރަމުންދާއިރު، މައްސަލަ ޖެހޭ ފަހަރުވެސް އަންނާނެ. އެގޮތަށް ދިމާވާ މައްސަލަތައް އަވަހަށް ހައްލުކުރުމުގެ ޤާބިލުކަން މިފްކޯގެ ހުންނާނެ. އެކަން ފެނިގެންމިދިޔައީ" ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން އަލަށް ގެނައި ބޯޓުން މަސްކިރަން ފެށުން -- ފޮޓޯ/ މިފްކޯ

"ޖަޒީރާ 103" ބޯޓަކީ ދުވާލެއްގެ މައްޗަށް 120 މެޓްރިކް ޓަނުގެ މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީ ހުރި ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ ބޯޓެކެވެ. އަދި, 420 މެޓްރިކް ޓަނުގެ މަސް މި ބޯޓުގައި ރައްކާ ކުރެވެއެވެ.

މިފްކޯގެ އޮޕަރޭޝަންތައް ފުޅާކުރުމަށް އެ ކުންފުނިން ވަނީ މަސްކިރާ ހަތަރު ބޯޓު ރާއްޖެ ގެނައުމަށް ނިންމާފައެވެ.

comment ކޮމެންޓް