ކިމް ބުނަނީ ސިންގަލް މަންމައަކަށް ވީމާ އުނދަގޫ ކަމަށް

އެކަނިވެރި މައެއް ނުވަތަ ސިންގަލް މަންމައެއްގެ ގޮތުގައި ދަރިން ބަލައި ބޮޑު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމުގައި ސޯޝަލް މީޑިއާގެ އެންމެ ނުފޫޒުގަދަ އެކަކު އަދި މަޝްހޫރު ސޯޝަލައިޓް ކިމް ކާޑޭޝިއަން ބުނެފިއެވެ.

ކިމް އާއި އޭނާގެ ކުރީގެ ފިރިމީހާ ކާންޔޭ ވެސްޓްއާ އެކު އޮތް ގުޅުން ރޫޅާލައި ދެ މީހުން ވަރިވި ފަހުން ދަރިން ބެލުމުގެ ބޮޑު މަސައްކަތެއް ކުރަނީ ކިމްއެވެ. ދެމަފިރިންނަށް ލިބިފައިވާ ހަތަރު ދަރިން ވެސް އުޅެނީ ކިމްއާ އެކުގައެވެ.

އަމިއްލަ ވަޒީފާއިން ބިލިއަނަރަކަށް ވެސް ވެފައިވާ ކިމް ދާދި ފަހުން "އޮން ޕާޕަސް ވިތު ޖޭ ޝެޓީ" ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާއަށް މިހާތަނަށް ކުރެވުނު އެންމެ ބުރަ އަދި އުނދަގޫ މަސައްކަތަކީ މަންމައަކަށް ވުމާއި އޭގެ ޒިންމާތަކާއި މަސައްކަތް ކަމަށެވެ.

އެއީ، ކިތައްމެ ބުރަ މަސައްކަތެއް ނަމަވެސް އެއީ އެންމެ ހިތްހަމަ ޖެހުން ލިބޭ ޒިންމާ ކަމުގައި ކިމް ފާހަގަކުރިއެވެ.

ކިމް ބުނަނީ އެކަނި ދަރިން ބެލުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި، އޭގެ ޒިންމާ ބޮޑު ކަމުން އެއްބައި ރޭރޭ އެކަނި އިނދެ ރޮވޭ ކަމަށް ވެސް ކިމް ފާހަގަކުރިއެވެ.

ދަރިއެއް ބެލުމުގެ މަސައްކަތް ކުރުމަށް ފޮތްތަކެއް ކިޔަވައި ޓްރެއިނިން ތަކެއް ހެދިޔަސް އެކަމުގެ އުނދަގޫ އެނގޭނީ ކުއްޖެއް ލިބުމުން ކަމަށް ކިމް ބުންޏެވެ. އަދި، ތައްޔާރު ވެގެން ހުރެ ދަރިއެއް ހޯދިޔަސް ބައެއް ކަންތައްތައް ދަސްވާނީ ހަމަ މަޔަކަށް ވާ ފަހުން ކަމަށް އެނާ ފާހަގަކުރިއެވެ.

comment ކޮމެންޓް