ގާސިމް ހުންނެވީ އުއްމީދުގައި؛ ވިދާޅުވީ މިއީ ޖޭޕީގެ ފަހަރު ކަމަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ސިބްރާހީމް: ސަން ފޮޓޯ/ އަހްމަދުަ ސައީދު

މިއަހަރުގެ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަކީ ޖުމްހޫރީ ޕާޓީގެ ފަހަރު ކަމުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީއާ އަލަށް ގުޅުނު 664 މެމްބަރުންގެ ފޯމާ ހަވާލުވެވަޑައިގަތުމަށްފަހު، ގާސިމް ވިދާޅުވެފައިވަނީ ގައުމުގެ ކުރިމަގު އުޖާލާކޮށް، ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސް، ދަރަނިން ސަލާމަތްވެފައިވާ ގައުމަކަށް ދިވެހި ގައުމު ހެދުމަށް ޓަކައި ޖޭޕީއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއީ އަޅުގަނޑުމެންގެ ފަހަރު،" ގާސިމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ދައުވަތު ގަބޫލުނުކޮށް ޖޭޕީން ނިންމާފައިވަނީ ވަކިން ކެންޑިޑޭޓަކު ނެރެގެން ވާދަކުރުމަށެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާނީ ގާސިމެވެ.

ޖޭޕީން ވަނީ މިހާތަނަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އާއި ސަލަފު ޖަމުއިއްޔާއާ ބައްދަލުކޮށް ރިޔާސީ އިންތިޚާބާބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން އެމްޑީޕީ ރިޔާސީ ޕްރައިމަރީން ކުރިމަތިވި ނާކާމިޔާބީއަށް ފަހު އެ ޕާޓީގެ އެތެރޭގައި ރައީސް ނަޝީދު އުފެއްދެވި، "ފިކުރެއްގެ ދިރުން" ފެކްޝަނާއި ޖޭޕީން ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕެއް އެކުލަވާލުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ޖޭޕީއާއި "ފިކުރެއްގެ ދިރުން" ފެކްޝަން ގުޅިގެން، މިއަހަރުގެ ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް އެކަން އޮތީ ކޮޅެއްގައި ނުޖެހިއެވެ.

"ފިކުރެއްގެ ދިރުމުގެ" ނަމުގައި އެމްޑީޕީގެ އެތެރޭގައި ރައީސް ނަޝީދު އުފައްދަވާފައިވާ ފެކްޝަންގެ ފަރާތުން އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ވަނީ ހުށަހަޅާފައެވެ. އެ ޕާޓީއަށް ކިޔަނީ "ދަ ޑިމޮކްރެޓްސް"އެވެ.

އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ރައީސް ނަޝީދުގެ އާއިލީ ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް