ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ ވަޒީފާތަކަށް އިއުލާނު ކުރަން ފަށައިފި

ހއ. ދިއްދޫގައި އަޅަމުންދާ ޖޫނިއާ ކޮލެޖް -- ފޮޓޯ/ ހަޔާ އެޑިއުކޭޝަން

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ހއ. ދިއްދޫގައި ތަރައްޤީ ކުރަމުންދާ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި ތަރައްޤީ ކުރަމުންދާ ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރުގެ ބައެއް މަޤާމުތަކަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހުޅުވާލާފައިވާ ވަޒީފާގެ ފުރުސަތުތަކަކީ ދިއްދޫ ޖޫނިއާ ކޮލެޖުގެ މެނޭޖަރުގެ މަގާމަށާއި އަލިފުށީ ޓިވެޓް ސެންޓަރުގެ މެނޭޖަރު ކަމުގެ މަގާމަށެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ މި ދެ ތަނުގެ ޕޯސްޓް ކޮންސްޓްރަކްޝަން ސްޓޭޖުން އޮޕަރޭޝަނަލް ސްޓޭޖަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، މި ދެ ތަން އެކަށީގެންވާ ފެންވަރަކަށް ހިންގުމަށްޓަކައި ދެ މެނޭޖަރުން ނެގުމަށް މިދިޔަ ހަފްތާގައި އިޢުލާނު ކުރެވިއިވާ ކަމަށެވެ.

ރ. އަލިފުށީގައި އަޅަމުންދާ ޓިވެޓް ސެންޓަރު -- ފޮޓޯ/ ހަޔާ އެޑިއުކޭޝަން

އެގޮތުން މި މެނޭޖަރުންގެ މައިގަނޑު މަސައްކަތަކީ މިތަންތަން ހުޅުވުމަށްޓަކައި ޕްރީ އޯޕަނިން ސްޓޭޖުގައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި މޮނީޓާ ކުރުން ކަމަށް ހަޔާ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

"މެނޭޖަރުގެ ޒިންމާއަކީ އޮޕަރޭޝަނަލް ޕްލޭނެއް ތައްޔާރުކޮށް ތަންފީޒުކުރުމާއި، އިންސްޓިޓިއުޓްގެ މަސައްކަތް ދުވަހުން ދުވަހަށް ހިންގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ގާއިމްކޮށްދިނުމުގެ އިތުރަށް އިންސްޓިޓިއުޓްގެ އިދާރީ ހިންގުމުގެ މަސައްކަތްތަކާއި ކިޔަވައިދިނުމުގެ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން" ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޖޫނިއާ ކޮލެޖާއި ޓިވެޓް ސެންޓަރުގެ މެނޭޖަރުންގެ މަޤާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންގާރަ ދުވަހުގެ 13:30 ގައެވެ.

މެނޭޖަރުންގެ މަޤާމަށް މުސާރައިގެ ގޮތުގައި 13،890 ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގައި 5,437.50 ރުފިޔާ ލިބޭނެއެވެ. އަދި ޓެނުއަޝިޕް އެލަވަންސްގެ ގޮތުގައި މަހަކު 6,000 ރުފިޔާ ލިބިގެންދާނެއެވެ.

ދިއްދޫ ޖޫނިއާ ކޮލެޖް ހާއްސަ ކޮށްފައި ވަނީ ފުޑް ޕްރޮސެސިން ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އަދި އަލިފުށީ ޓިވެޓް ސެންޓަރު ހާއްސަ ކޮށްފައި ވަނީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތައް ހިންގުމަށެވެ.

comment ކޮމެންޓް