މޭ ހައެއް ހަމަލާ: ތަހުމީނުގެ ދިފާއީ ހެއްކަކު ބަލައިނުގަންނަން ނިންމައިފި

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ތަހުމީން: އޭނާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކި ބަލައި ނުގަތުމަށް ވަނީ ނިންމާފައި ---

ދެހާސް އެކާވީސް ވަނަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދަށް ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ދިން ނަމަވެސް އޭނާގެ ފަރާތުން ހުށަހެޅި ހެއްކަކު ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ ދިފާއީ ހެކި ހުށަހެޅުމަށް ތަހުމީނަށް ފުރުސަތު ނުދިނުމަށެވެ. އެއީ ހެކި ހުށަހެޅުމަށް ދިން ފުރުސަތު ހަމަވެގެން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް ހެކި ހުށަހަޅާފައި ނުވާތީއެވެ. ނަމަވެސް ތަހުމީނުގެ ފަރާތުން ދިފާއުގައި ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދުމުން މައްސަލަ ބައްލަވާ ގާޒީ ޞަފްޢަތު ޙަބީބް ވަނީ އެ ފުރުސަތު ދެއްވާފައެވެ.

އެގޮތުން މިއަދު އޮތީ އެ މައްސަލައިގައި ދައުވާ ލިބޭ ތަހުމީނުގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމެވެ. އޭނާގެ ފަރާތުން ދިފާއުގައި ދެ ހެއްކެއް ހުށަހެޅިއެވެ. އެއީ ކުށުގެ އަމަލު ހިންގި ތަނުގައި އޭނާ ނެތް ކަން ސާބިތު ކޮށްދިނުމަށެވެ.

ނަމަވެސް ދައުލަތުން ވަނީ އެ ދެ ހެކިން ބަލައި ނުގަތުމަށް އެދިފައެވެ. އެއީ ތަހުގީގު ނުކުރާ އަދި ދިފާއުން ވެސް ތަހުގީގު މަރުހަލާގައި ނުދައްކާ ވާހަކައެއް ސާބިތުކުރުމަށް ހެކި ހުށަނޭޅޭނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އެކަމަށް ރައްދު ދެއްވައި ދިފާއީ ވަކީލް ވިދާޅުވީ, ތަހުގީގުގައި ނުކުރާ ސުވާލަކަށް އަމިއްލަ އިސްނެގުމަށް ޖަވާބު ދޭން ނުޖެހޭނެ ކަމަށެވެ. އަދި ތަހުގީގުގައި އޭނާގެ މުވައްކިލުއާ ސުވާލުކޮށްފައިވަނީ ހާދިސާ ހިނގި ތާރީހު ނޫން އެހެން ތާރީހަކާ ގުޅޭ ގޮތުން ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު ގާޒީ ނިންމެވީ ކުށުގެ އަމަލު ހިންގި ތަނުގައި ނެތްކަން ސާބިތުކުރުމަށް ހުށަހެޅި އެ ދެ ހެކިން ބަލައި ނުގަތުމަށެވެ. ނަމަވެސް އެހެން ކަމެއް ސާބިތުކުރުމަށް އެ ތަނުން އެއް ހެއްކެއް ހުށަހަޅާފައިވާތީ އޭނާގެ ހެކިބަސް ނަގާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތް ފަށައި ހެކިންގެ ހެކިބަސް ނެގުމެވެ. އެބައި ކުރިއަށް ގެންދާނީ ދައުވާ ލިބޭ އެންމެން އެއް މަޖިލީހަކަށް ހާޒިރުކޮށްގެންނެވެ.

ތަހުމީންގެ އިތުރުން ދެން އެ މައްސަލައިގައި ޝަރީއަތް ކުރިއަށް ގެންދަނީ, މއ. ފޭރުގޭ މުޖާޒް އަހުމަދާއި ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީއާއި، މ. ކުދެހިގެ، އިސްހާގުގެ މައްޗަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް