ހުޅުމާލޭ އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ދޫކުރަނީ

އުނިމާ ޕާކިން ޒޯނުގެ ކުރެހުމެއް --- ފޮޓޯ/ އާބަންކޯ

ހުޅުމާލޭގައި ޕާކް ކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރެޑްވޭވް މެގަމޯލް ކައިރީގައި ހަދާފައިވާ އުނިމާ ޕާކިން ޒޯނުން ކާރު ޕާކު ކުރާނެ ޖާގަ ކުއްޔަށް ދިނުމަށް އާބަންކޯއިން ހުޅުވާލައިފިއެވެ.

އާބަންކޯއިން ހުޅުވައިލީ ބީލަމުގެ އުސޫލުން ދޫކުރާ ޖުމުލަ 10 ޖާގައެވެ. ބީލަން ފެށޭ އަގަކީ 1500 ރުފިޔާއެވެ. މި ޖާގަތައް ކުއްޔަށް ދިނުމަށް ކަނޑައެޅިވަފިވަނީ 12 މަސް ދުވަހުގެ މުއްދަތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ މީހުންގެ ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމީހަކީ ދިވެހި ރައްޔިތަކަށްވެ، އުމުރުން 18 އަހަރު ފުރިފައިވާ އަދި އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރެއް އޮތުން ހިމެނެއެވެ. އަދި އެ މީހަކީ މިވަގުތު އާބަންކޯގެ އެއްވެސް ޕާކިން ޖާގައެއް ކުއްޔަށް ހިފާފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެއެވެ.

އުނިމާ ޕާކިން ޒޯނުގެ ކުރެހުމެއް --- ފޮޓޯ/ އާބަންކޯ

މި ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބީލަމުގެ ގޮތުގައި ހުށަހަޅާ އަގަށް 80 ޕޮއިންޓު، އަދި އެ ނޭބަހުޑްގައި ދިރިއުޅޭ ފަރާތްތަކަށް 20 ޕޮއިންޓު ކަނޑައަޅާފައިވެއެވެ. މި ބީލަމާބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެއެވެ.

އާބަންކޯއިން ބުނި ގޮތުގައި ޕާކިން ޖާގަތައް ދޫކުރުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއި ހަމަހަމަ ކަމާއެކު ކާރު ޕާކު ކުރުމަށް މަގުފައި ކޮށްދިނުމެވެ. އަދި ޖާގައިގެ ދަތިކަމުގެ ސަބަބުން ވެހިކަލް ޕާކު ކުރަން ދިމާވާ ދަތިތައް ހައްލު ކުރަން އާބަންކޯއިން މިހާރު ވެސް ގިނަ މަސައްކަތްތަަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުނިމާ ޕާކިން ޒޯނުގެ ކުރެހުމެއް --- ފޮޓޯ/ އާބަންކޯ

އެގޮތުން އާބަންކޯއިން ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ޕާކިން ސޮލިއުޝަން މި ހަފުތާ ތެރޭގައި ތައާރަފު ކޮށްފައިވާއިރު، ފުރަތަމަ ސްމާޓް ޕާކިން ޒޯންގެ ގޮތުގައި ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ސްމާޓް ޕާކިން ޒޯނު ހުޅުވައި، އިތުރު ސްމާޓް ޕާކިން ޒޯނުތައް ތައާރަފު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

https://sun.mv/177506

އެ ކުންފުނީގެ އުއްމީދަކީ، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ އަދި އިންގިލާބީ ބަދަލެއް ޕާކިންގެ ކަންކަމަށް ގެނައުން ކަމަށް އާބަންކޯއިން ބުންޏެވެ.

comment ކޮމެންޓް