ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނާޒިމް ސޮއިކުރައްވައިފި

މޯލްޑިވްސް ނެޝަނަލްް ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަންފޮޓޯ/ ނާއިލް ހުސައިން

އިމުގެ މައްސަލައިގައި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ އިއްތިހާދުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުޙައްމަދު ނާޒިމް ސޮއިކުރައްވައިފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެ މައްސަލައިގައި އޭނާ ސޮއިކުރެއްވީ، މިއީ ގައުމީ މުހިންމު މައްސަަލައަކަށްވާތީ ކަމަށެވެ.

އަދި ޗާގޯސްގެ މައްސަލައިގައި ގެއްލުނު ކަމަށް، ސަރުކާރާ ދެކޮޅު އިއްތިހާދުން ބުނާ ކަނޑުގެ ބޮޑު ސަރަހައްދު ގެއްލުނީ ރައީސްގެ އިހުމާލުންކަމަށް ނާޒިމް ތުހުމަތުކުރެއްވިއެވެ.

އެގޮތުން ނާޒިމް ވިދާޅުވީ ރާއްޖެއަށް ކަނޑުގެ ބޮޑު ސަރަހައްދު ގެއްލުނީ މަޖިލީހުގެ ރުހުމެއް ނެތި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވެވި ސިޓީފުޅުގެ ސަބަބުންކަމަށެވެ.

"އަމިއްލަފުޅަށް ނިންމެވި ނިންމެވުން. އެހެން ރައީސުލްޖުމްހޫރިއްޔާއަކަށް ނުނިންމެވޭނެ މަޖިލީހުގެ ރުހުން ހޯދުމަކާ ނުލާ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް މިހާ ބޮޑު ސަރަހައްދެއް ގެއްލުނީ،" ނާޒިމް ވިދާޅުވިއެވެ.

"މިހާރު އަަޅުގަނޑުމެންނަށް ގިނަ ބައެއްގެ ސޮއި ލިބެމުން މި އަންނަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވީހާ ވެސް އަވަހަކަށް ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ކަންތައް ހުށަހަޅާނަން. އަޅުގަނޑުމެން މިހާރު މަޝްވަރާކުރަމުން މި ދަނީ މި ކަމުގައި އުޅޭ ޕާޓީތަކާ އެކުގައި،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހެޅޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި ރައީސްގެ މެމްބަރުން ގިނަ ނަމަވެސް އެ މައްސަލައިގައި ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

"އަޅުގަނޑު ދަންނަވައިފައިވާނީ މީގައި ސޮއިނުކުރައްވާ ބޭފުޅުންނަކީ އަޅުގަނޑު ގަބޫލުކުރަނީ މި ގައުމަށް ޚިޔާނާތްތެރިވި ބޭފުޅުންގެ ގޮތުގައޭ. އަޅުގަނޑުމެން މި ފަދަ ފުރުސަތުތައް ރައީސުލްޖުމްހޫރިއްޔާއަށް ދީގެން ނުވާނެ،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާނޫނަށްވުރެ މަތީގައި އެއްވެސް ބޭފުޅަކަށް ހުރެވިގެން ނުވާނެކަމަށެވެ.

ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތިގެ މަތީން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގެ މަގާމުގައި ހުންނަ މީހަކު މަގާމުން ވަކި ކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެމީހަކު މަގާމުން ދުރު ކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅޭނީ މަޖިލީހުގެ މަދުވެގެން ތިންބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމަކުންނެވެ. އެއީ 29 މެންބަރުންނެވެ.

އިދިކޮޅު އިއްތިހާދުގައި ހިމެނޭ ފިކުރެއްގެ ދިރުމުގައި ތިއްބަވާ މަޖިލިސް މެންބަރުންގެ އަދަދު 12އަށް އަރާއިރު ޕީޕީއެމާއި ޕީއެންސީގެ ހަތް މެންބަރުން ތިއްބަވައެވެ. އަދި ޖޭޕީގެ ތިން މެންބަރުން ތިއްބަވާއިރު އެމްއެންޕީގެ ވެސް ތިން މެންބަރުން ތިއްބަވައެވެ.

ސަރުކާރަށް ތާއީދު ކުރާ 56 މެމްބަރުން އަދިވެސް މަޖިލީހުގައި އެބަތިއްބެވެ.

މީގެ ކުރިން ރައީސް ވަނީ، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ ޗާގޯސްގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ރާއްޖެއިން ބަލައިގަތް ވާހަކަ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ، އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި މިއީ ދެ މައްސަލައެއް ކަމަށް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އިމުގެ މައްސަލައިގައި އިޓްލޮސްއިން ނިންމީ ރާއްޖެއާއި މޮރީޝަސްއާ ކަނޑުގެ ސަރަހައްދުން ފުށުއެރި 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދީ، މޮރީޝަސްއަށް 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދިނުމަށެވެ.

މި ނިންމުމާ އެކު، ރާއްޖެއަށް 4687 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުނުނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ.

comment ކޮމެންޓް