ވަގު ޑޮލަރުން ވިޔަފާރިކުރުމުގެ ހަތް މައްސަލައެއް، އަނެއްކާ ވެސް ހައްޔަރަށް

މީހަކު ބޭރު ފައިސާތަކެއް ހިފައިގެން: ތަކުރާރުކޮށް ވަގު ޑޮލަރުން ވިޔަފާރިކުރާ ޒުވާނަކު ވަނީ ހަތްޔަރުކޮށްފަ --- ސަން ފައިލް ފޮޓޯ

ތަކުރާރުކޮށް ސައްހަ ނޫން ޑޮލަރުން ވިޔަފާރި ކުރަމުން އަންނަ ކަމުގެ ތުހުމަތުވާ ޒުވާނަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން އިތުރު ކޮށްފިއެވެ.

އައްޑޫ ސިޓީ ހުޅުދޫއަށް ނިސްބަތްވާ އެ ޒުވާނާ މީގެ ކުރިން ހަތް ފަހަރަކު ސައްހަ ނޫން ޑޮލަރުން މުއާމަލާތް ކުރިކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

އަނެއްކާ ވެސް އެ ޒުވާނާ ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ އިތުރުން ފޯޖް ކުރުމާއި ކައުންޓާފީޓް އަދި މަނީލޯންޑާރ ކުރިކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އޭނާގެ ބަންދަށް އިއްޔެ މިއަދު ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް އިތުރު ކޮށްފައެވެ.

އޭނާގެ ސަބަބުން ގެއްލުން ލިބުނު މީހުންގެ ބަޔާންތަށް ކޯޓަށް ހުށަހަޅާފައިވާއިރު ވަގު ޑޮލަރުން މުއާމަލާތްކުރިކަމުގެ ހަތް މައްސަލައެއް މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ދެ މައްސަލައިގައި ދައުވާކުރުމަށް އެދި ކޯޓަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެފަދަ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ނަމަވެސް ފަހުން އޭނާ ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައެވެ.

ސައްހަ ނޫން ޑޮލަރުން މުއާމަލާތް ކުރުމުގެ މައްސަލަތައް މިފަހުން އިތުރު ވެފައިވާއިރު ދާދި ފަހުން ކްރިމިނަލް ކޯޓުން ވަނީ ވަގު ޑޮލަރު ބޭނުންކޮށްގެން ފޯނެއް ގަތް ޒުވާނަކު ވަނީ ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.

comment ކޮމެންޓް