ސްޓްރެސްވޭތަ؟ މުޖައްރިބު ފަރުވާ މިއޮތީ

މަސައްކަތުގެ މާހައުލުގައި ހާސްވެ ކަންބޮޑުވުމަކީ ގިނަމީހުންނަށް އާއްމުކޮށް ދިމާވާ ކަމެއް -- ފޮޓޯ/ އިކޮނޮމިކްޓައިމްސް.އިންޑިއާޓައިމްސް

ސްޓްރެސްގެ މާނައަކީ އުނދަގޫ ހާލަތެއްގެ ސަބަބުން ކުރިމަތިވާ ކަންބޮޑުވުމެވެ. ނުވަތަ ސިކުނޑިއަށް ކުރާ ބާރެވެ. ސްޓްރެސް ތަޙަންމަލުކުރަން ނުޖެހޭ ދިރިއުޅުމެއް އުޅޭ މީހަކު ނުހުންނާނެއެވެ. އާއްމުކޮށް ބަލާއިރު ސްޓްރެސްއަކީ ގޯސް އެއްޗެއްނަމަވެސް، ކުރިމަތިވާ ކޮންމެ ސްޓްރެސްއަކީ ގޯސް ހާލަތެއްކަމުގައެއްނުބުނެވޭނެއެވެ. ޢިލްމުވެރިން ފާހަގަކުރާގޮތުގައި، ސްޓްރެސްވުމަކީ ބައެއް ފަހަރަށް، (ރަނގަޅުގޮތުގައި) ކަންކަމާ ކުރިމަތިލުމަށް އެޅޭ ބާރަކަށް ވެދެއެވެ. މިސާލަކަށް ބަލާނަމަ އާއްމު ދިރިއުޅުމުގައި ދިމާވެދާނެ އެކިއެކި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި 'ތައްޔާރަށް' ހުންނަ ހުރުމަކީވެސް ސްޓްރެސްގެ ބާވަތެކެވެ. ކާރޫބާރު ބޮޑު ވަގުތެއްގައި ވެހިކަލެއް ދުއްވާއިރު، އެކްސިޑެންޓުން ސަލާމަތްވުމަށްޓަކައި ސަމާލުވެގެން ހުންނަ ހުރުމަކީ މީގެ މިސާލެކެވެ.

މަތީގައި ބުނިފަދަ އާއްމު ދިރިއުޅުމާ ގުޅޭ އާދައިގެ ސްޓްރެސްގެ ދާއިރާއިން ބޭރުން ކުރިމަތިވާ، ގެއްލުން ދެނިވި ސްޓްރެސްގެ ތެރޭގައި އުޅެންޖެހުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއްނޫނެވެ. އެއީ ކަންބޮޑުވުމާއި ބިރުވެރިކަން ކުރިމަތިވެ އެކަމުން ސަލާމަތްވެވޭނެ މަގު ފެންނާންނެތުމެވެ. މިއީ ސްޓްރެސްގެ އެންމެ ނުރައްކާތެރި ހާލަތެވެ. މިހާލަތަށް 'ޑިސްޓްރެސް' އެވެ ކިޔައެވެ. ސްޓްރެސް މައްޗަށް ދިއުމުން އިންސާނާއަށް ތަފާތު މައްސަލަތަށް ކުރިމަތިވެއެވެ. މީގެތެރޭގައި؛ ލޭގެ ޕްރެޝަރު މަތިވުމާއި، ހިތުގެ ވިންދު އަވަސްވުމާއި، ނިދިނައުމާއި، ނޭވާ އަވަސްވުމާއި، ޕެނިކް އެޓޭކް އައުމާއި އަދި ރުޅިގަދަވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ސްޓްރެސްވުމަކީ ސިއްހަތަށް ގެއްލުންވާ ކަމަކަށްވާތީ، ދުވަހުން ދުވަހަށް ދިރިއުޅުމުގައި ކުރިމަތިވާ ސްޓްރެސް ބޮޑު ހާލަތްތަކުން އަރައިގަތުމަށްޓަކައި ސްޓްރެސް މެނޭޖްކުރުމަކީ ކުރަންޖެހޭނެ ކަމެކެވެ. މިކަމަށްޓަކައި ކުރެވިދާނެ ތަފާތު ކަންތައްތައް ހުރެއެވެ. އޭގެތެރޭގައި؛ ކަސްރަތުކުރުމާއި، ފައިދާ ހުރި ކާނާ ބޭނުންކުރުމާއި، ވަގުތު މެނޭޖްކުރުމާއި، މަޝްވަރާކުރުމާއި އަދި ހަމަޖެހިގެން އަރާމުކުރެވޭތޯ ބެލުންފަދަ ކަންކަން ހިމެނެއެވެ. މިއީ ޒަމާނީ ހޯދުންތަކާއި ތަޖުރިބާގެ އަލީގައި ދެނެގަނެވިފައިވާ މުހިއްމު ފަރުވާތަކެކެވެ. އިންސާނާގެ ދިރިއުޅުމުގައި މިކަންކަމުގެ މުހިއްމުކަން އިސްލާމްދީނުގައިވެސް ބަޔާންވެގެންވެއެވެ. މި ފަރުވާތަކާއެކު، ސްޓްރެސްއިން ސަލާމަތްވުމަށްޓަކައި ވަރަށް ފަސޭހައިން ކުރެވިދާނެ މޮޅު ފަރުވާއެއް އެބައޮތެވެ.

މިޒަމާނުގެ ދިރާސާތަކުން ދައްކާގޮތުގައި، އެހެންމީހުންނަށް އެހީތެރިވުމަކީ ގެއްލުންދެނިވި ސްޓްރެސްއިން ސަލާމަތްވެވޭ ކަމެކެވެ. އެގޮތުން ނަފްސާނީ ތަޖުރިބާކާރުން ޔަޤީންކޮށްދޭ ގޮތުގައި، އެހެންމީހުންނަށް އެހީތެރިވުމުން ސްޓްރެސް ކުޑަވެ، ނަފްސާނީ އަރާމުކަން އިހުސާސް ކުރުމަށް އެހީތެރިވެދޭ ހޯމޯން، އެންޑޯފިން ބޭރުވުމަށް މަގުފަހިވެއެވެ. އޭގެ ސަބަބުން، ކަންބޮޑުވުންތަކާ މީހާ ދުރުކޮށްދީ ނަފްސާނީ ދުޅަހެޔޮކަން އިހުސާސްކޮށްދެއެވެ. ކްލިނިކަލް ސައިކޮލޮޖިކަލް ސައިންސް ޖާނަލްގައި 2015 ވަނަ އަހަރު ޝާއިއުކޮށްފައިވާ ދިރާސާއަކުން މިކަން އިތުރަށް ކަށަވަރުކޮށްދެއެވެ. މި ދިރާސާއިން ދައްކާގޮތުގައި، ދުވަހުން ދުވަހަށް އެހީތެރިކަމުގެ ޢަމަލުތައް ކުރި ބައިވެރީންނަށް ސްޓްރެސްވުމުގެ ފުރުސަތު ކުޑައެވެ. އަދި ބައިވެރީން ރިޕޯޓުކޮށްފައިވާގޮތުގައި، އެހީތެރިކަމުގެ އެއްވެސް ޢަމަލެއް ނުކުރެވޭ ދުވަސްތަކުގައި ސްޓްރެސްއާއި ނޭދެވޭ އިޙުސާސްތައް އިތުރުވިއެވެ.

އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވެދީ، ހެޔޮކަންކަމުގައި އެއްބާރުލުން ދިނުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. '... އެއްމުސްލިމަކީ އަނެއް މުސްލިމުގެ އަޚާއެވެ. އޭނާގެ އަޚާއަށް އަނިޔާވެރިއެއްނުވާނެއެވެ! އަދި (އޭނާއަށް ނަސްރުވެރިވާން ޖެހޭ ހިނދު، ނަސްރުނުދީ) ނިކަމެތިވާން ދޫކޮށެއްނުލާނެއެވެ.'(ބުޚާރީ: 6064 ، މުސްލިމް: 2564) އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. 'އެމީހެއްގެ އަމިއްލަ ނަފްސަށް އެދޭ ކަންކަން އެމީހެއްގެ އަޚާއަށް ނޭދޭހައިހިނދަކު ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންވީކަމުގައި ނުވާނެއެވެ.'(متفق عليه) ހަމަމިއާއެކު، އެމީހެއްގެ އަޚާގެ (ޖާއިޒު) ބޭނުންތައް ފުއްދައިދިނުމުގައި ދެމިހުރިމީހާގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ﷲ ވޮޑިގެންވާނެކަމަށް ޙަދީޘްކުރެއްވިއެވެ.(ބުޚާރީ: 2442) މީގެއިތުރުންވެސް، މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށާއި، އަވަށްޓެރީންނަށާއި، ރަޙްމަތްތެރީންނަށާއި، މެހުމާނުންނަށާއި، ބަލިމީހުންނަށާއި، ކުޑަކުދީންނާއި މުސްކުޅީންނަށާއި، ދަތުރުވެރީންނާއި މި ހުރިހައި އެންމެންނާމެދުގައިވެސް ހެޔޮކޮށް ކަންތައްކުރުމާއި އެހީތެރިވެ ދިނުމުގެ މުހިންމުކަން ބަޔާންވެގެންވާ ދަލީލުތައް ޤުރުއާނާއި ސުންނަތުގައި ވެއެވެ.

އެހެންމީހުންނަށް އެހީތެރިވެދީ އޯގާތެރިކަމުގެ ޢަމަލުތައް ކުރުމަކީ ސްޓްރެސްއިން ސަލާމަތްކޮށްދޭކަމެއްކަން މިޒަމާނުގެ ދިރާސާތަކުން ހޯދިފައިވާއިރު، ޤުރުއާނާއި ސުންނަތުގައި މިކަމުގެ މުހިންމުކަން ބަޔާންކޮށްދެއްވައި އެކަމަށް ހިތްވަރުދެއްވާފައިވުމުން، މިދިރާސާތަކުގެ ޞައްޙަކަން ކަށަވަރުވެއެވެ. ވީމާ، މީހުންނަށް އެހީތެރިވެދީ އޯގާތެރިވުމަކީ ސްޓްރެސްއިން ސަލާމަތްވުމަށްޓަކައި އޮތް މުޖައްރިބު ފަރުވާއެއްކަން ޝައްކެއްނެތި ސާބިތުވެއެވެ. އެންމެ ފުރިހަމަގޮތުގައި މީހުންނަށް އެހީތެރިވެދޭމީހާ އެކަމުގެ ބަދަލުގައި އުޖޫރައެއް އަދި ޝުކުރުގެ ބަހަކަށްވިޔަސް ނޭނދޭނެކަން ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ. وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا ، إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا (އިންސާން: 8 - 9) 'އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، މިސްކީނުންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ. (ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲ ގެ ވަޖުހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ.'

ގުޅޭ ޓެގު
comment ކޮމެންޓް