އޮސްޓްރޭލިއާ ކައިރިއަށް އައި ބާރު ގަދަ ބިންހެލުމާއެކު ދިން ސުނާމީގެ އިންޒާރު ނަގައިފި

ދެކުނު ޕެސިފިކް ކަނޑުގެ ސަރަހައްދު: މިއަދުގެ ވަގުތެއްގައި 7.7 މެގްނިޓިއުޑްގެ ބިންހެލުމެއް ވަނީ އެ ސަރަހައްދަށް އައިސްފަ

ދެކުނު ޕެސިފިކް ކަނޑަށް މިއަދު އައި ބާރު ގަދަ ބިންހެލުމާއެކު ނެރުނު ސުނާމީގެ އިންޒާރު ނަގައިފިއެވެ.

ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުން މި ބިންހެލުން އައިސްފައި ވަނީ މިއަދުގެ ވަގުތެއްގައި ދެކުނު ޕެސިފިކް ކަނޑުގެ ސަރަހައްދަށް 7.7 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.

އެމެރިކާގެ ނެޝަނަލް ސުނާމީ ވާނިން ސެންޓަރާ ހަވާލައިދީ، ސީއެންއެންއިން ރިޕޯޓުކުރި ގޮތުގައި ފުރަތަމަ ސުނާމީ އެލާޓް ނެރުނީ ބިންހެލުން އައި ސަރަހައްދާ 621 މޭލު ދުރުގައިވާ އައްސޭރިފަށަށާއި، ވަނޫއަޓޫ އާއި ކިރިބާޓީ ހިމެނޭ ގޮތަށެވެ. އަދި އެ ސަރަހައްދާ ކައިރީގައިވާ ގައުމުތަކަށް ސުނާމީ އެލާޓް ނެރެފައިވި ނަމަވެސް ފަހުން އެ އިންޒާރު ވަނީ ނަގާފައެވެ.

އެ ސަރަހައްދު ކައިރީގައިވާ އޮސްޓްރޭލިއާއަށް ވެސް އެންމެ ފުރަތަމަ އެތަނުގެ މޫސުމާ ބެހޭ އިދާރާއިން ސުނާމީގެ އިންޒާރު ދިން ނަމަވެސް، މިހާރު ސުނާމީގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ނިއުޒިލެންޑުގެ ކަމާބެހޭ އިދާރާއިން ވެސް ވަނީ ސުނާމީއެއްގެ ސީދާ އަސަރު ނުކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ބިންހެލުމުގެ ސަބަބުން ސަމާލުވުމަށް ވަނީ އެދިފައެވެ.

މީގެ ކުރިން ވަނީ ދެކުނު ޕެސިފިކްގެ 26 ތަނެއްގައި ޓައިޑް ލެވެލްގެ އެއް މީޓަރާ ހަމައަށް ރާޅު އުފުލޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ޖިއޯލޮޖިކަލް ސާވޭއާ ހަވާލާދީ ބޭރުގެ މީޑިއަތަކުން ބުނި ގޮތުގައި، ދެކުނު ޕެސިފިކް ކަނޑުގެ ސަރަހައްދަކީ އެންމެ ގިނައިން ގަދައަށް ބިންހެލުމުގެ އަސަރުކުރާ ސަރަހައްދެވެ.

މި ބިންހެލުމުގައި އެއްވެސް ބަޔަކަށް އަނިޔާއެއްވި ކަމަކަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް