ސޮނޭވާ ޖާނީގެ ބީޗްވިލާއެއްގައި ރޯވެ އަނދައިފި

ސޮނޭވާ ޖާނީ: އެ ރިސޯޓުގެ ބީޗް ވިލާއެއްގައި ވަނީ ރޯވެފައި --

ނ. އަތޮޅުގައި ހިންގަމުން އަންނަ ސޮނޭވާ ޖާނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެ ރިސޯޓުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ރޯވީ އެ ރިސޯޓުގެ އެންމެ ބޮޑު ބީޗްވިިލާގައި ކަމަށެވެ. އެހެން ނަމަވެސް އެ ކަމުގެ ތަފްސީލެއް މިހާތަނަށް ދީފައެއް ނުވެއެވެ.

މި އަލިފާނުގެ ހާދިސާގައި އެ ބީޗްވިލާގެ ބޮޑުބައެއް އަނދައިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެކަމަކު ރޯވާން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވެއެވެ.

ސޮނޭވާއިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއް ރިސޯޓުކަމަށްވާ ޖާނީގައި 51 ވޯޓާ ވިލާ ހުރެއެވެ.

ނ. މެދުފަރުގައި ތަރައްގީ ކޮށްފައިވާ ސޮނޭވާ ޖާނީ ރިސޯޓަކީ ދުނިޔޭގެ މަގުބޫލުކަން ހޯދައިފައިވާ މަތީފަންތީގެ އަގުބޮޑު ރިސޯޓެކެވެ.

މި ރިސޯޓުގައި މަދުކޮށް، ކޮޓަރިތަކުގެ މެދުގައި އޮންނަ ހުސް ޖާގަ ވަނީ ބޮޑުކޮށްފައެވެ. މިއީ މުޅި ދުނިޔޭގައި ވެސް ބިމުގެ ނިސްބަތުން ކޮޓަރީގެ އަދަދު އެންމެ މަދު ރިސޯޓެވެ.

comment ކޮމެންޓް