މަސްވެރިކަމަށް އެންމެ ހެޔޮ ބަދަލެއް ގެނެސްދިނީ މި ސަރުކާރުން: އަމީރު

މިފްކޯއަށް އަލަށް ގެނައި މަސްކިރާ ބޯޓު "ޖަޒީރާ 103" ރަސްމީކޮށް އޮޕަރޭޝަނަށް ނެރުމަށް ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު---

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު މަސްގަތުމުގެ ކެޕޭސިޓީ އުފެދުނު އަދަދު، މީގެ ކުރީ ސަރުކާރުތަކާ އަޅާބަލާއިރު ނުބައްދަލު ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިފްކޯއަށް އަލަށް ގެނައި މަސްކިރާ ބޯޓު "ޖަޒީރާ 103" ރަސްމީކޮށް އޮޕަރޭޝަނަށް ނެރުމަށް ފަރެސްމާތޮޑާގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ، އަދުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގައި މިއަދަކީ ތާރީހީ ދުވަހެއްކަމަށެވެ.

އަމީރު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ވަކި ދުވަސްވަރެއްގައި މަސްވެރިން ބާނާ ހުރިހާ މަހެއް ނުގަނެވި މަސްވެރިން ކިޔުގައި ތިބެން ޖެހުމަކީ އާއްމު ކަމެއް ކަމަށެވެ. އެގޮތަށް އެހެން އެ ދިމާވުމުގެ މައިގަނޑު ސަބަބަކީ ފާއިތުވެދިޔަ އަހަރުތަކުގައި މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އަދުގެ ސަރުކާރުން މަސްވެރިކަން ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ އެކު މަސް ކިރުވުމުގައި މަސްވެރިންނަށް ހުރި ދަތިތައް ފިލައިގެންދާނެއެވެ.

މިފްކޯއިން އަލަށް ގެނައި ބޯޓު -- ފޮޓޯ/ މިފްކޯ

މިފްކޯގެ މަސް ރައްކާކުރެވޭ ކެޕޭސޓީ ހުރިގޮތަށް ބަލާއިރު، 2018ވަނަ އަހަރު ނިމުނުއިރު މިފްކޯގެ އުޅަނދުތަކުގައި މަސް ރައްކާ ކުރުމުގެ ކެޕޭސިޓީ ހުރީ ޖުމްލަ 1،727 މެޓްރިކް ޓަނުގައެވެ. އަމީރު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު، މި އަދަދު 167 އިންސައްތައަށް އިތުރުވެ، މަސް ރައްކާކުރެވޭ ކެޕޭސިޓީ 4،607 މެޓްރިކް ޓަނަށް އިތުރުވެފައިވާ ކަމަށެވެ.

"ޖަޒީރާ 103އާ އެކު މިފްކޯގެ އުޅަނދުތަކުގެ މަސް ރައްކާ ކުރުމުގެ ކެޕޭސިޓީ މި ވަނީ ޖުމްލަ 5،027 މެޓްރިކް ޓަނަށް އަރާފައި. އަދި އިތުރު ތިން އުޅަނދު މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނެސް އޮޕަރޭޝަނަށް ގެނައުމަށް މި ދަނީ މަސައްކަތްކުރަމުން" މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވިދާޅުވީ ސަރުކާރުން ގެނައުމަށް ނިންމާފައިވާ ތިން މަސް ކިރާބޯޓު ރާއްޖެ ގެނައުމާ އެކު މިފްކޯގެ އުޅަނދުތަކުގެ މަސް ރައްކާކުރެވޭ ކެޕޭސިޓީ 860 މެޓްރިކް ޓަނަށް އިތުރުވެ، މިފްކޯގެ ޖުމްލަ ކެޕޭސިޓީ 5،887 މެޓްރިކްޓަނަށް އިތުރުވެގެން ދާނޭ ކަމަށެވެ.

ފެލިވަރަށް މަސް ކިރަން ގޮސް އޮތް ދޯންޏަކުން މަސް ކިރަނީ -- ސަން ފޮޓޯ/ ނަޖާހު މަސްުއޫދު

މަސް ރައްކާކުރުމުގެ ކެޕޭސިޓީގެ އިތުރަށް މިފްކޯގެ އުޅަނދުތަކުގައި މަސް ގަނޑުކުރުމުގެ ގާބިލުކަން ވެސް ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރު ކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

މިގޮތުން 2018ވަނަ އަހަރު ނިމުނުއިރު، މިފްކޯގެ އުޅަނދުތަކުގައި މަސް ގަނޑުކުރުމުގެ ކެޕޭސިޓީ 80 މެޓްރިކް ޓަނުގައި ހުރި ނަމަވެސް ޖަޒީރާ 103 މަސްކިރާ ބޯޓާ އެކު މަސް ގަނޑުކުރުމުގެ ކެޕޭސިޓީ 500 މެޓްރިކްޓަނަށް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް