އޭލެވެލްގައި އަހްމަދިއްޔާއަށް ރަން އަހަރެއް: 87 ދަރިވަރުން ގަދަ ދިހައެއްގައި!

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ފާއިތުވެދިޔަ އަހަރުގެ އޭލެވެލް ނަތީޖާއަކީ އެ ސްކޫލްގެ ތާރީހުގައި ވެސް އޭލެވެލްގެ އެންމެ ރަނގަޅު ނަތީޖާކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެެވެ.

ރަޝީދު މިއަދު "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ސްކޫލުން 206 ދަރިވަރުން އޭލެވެލް އިމްތިހާނުގައި ފާއިތުވެދިޔަ އަހަރު ބައިވެރިވިއިރު 87 ދަރިވަރުން ގައުމީ ގަދަ ދިހައިގައި ހިމެނުނު ކަމަށެވެ. އޭގެ ތެރެއިން ތިން ދަރިވަރަކު ވަނީ ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން ރައީސްގެ ސްކޯލާޝިޕް ހާސިލުކޮށްފައެވެ. އަދި އެއް ދަރިވަރަކު ވަނީ ހަ މާއްދާއިން އޭ ސްޓާ ހާސިލު ކޮށްފައެވެ.

"މި ނަތީޖާތަކަށް ބަލާލާނަމަ މިއީ އަހްމަދިއްޔާގެ ތާރީހުގައި އެންމެ ފުރިހަމަ އެއް ނަތީޖާއޭ އަޅުގަނޑު ދަންނަވާނީ އޭލެވެލް އިމްތިހާނަކުން ލިބިގެންދިޔަ،" އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ މި ނަތީޖާގެ ސިއްރަކީ ދަރިވަރުންނާއި ޓީޗަރުން ކުރި ބުރަ މަސައްކަތް ކަމަށެވެ. އެ ސްކޫލުން އެންމެ ބާރު އަޅާ އެއްކަމަކީ ދަރިވަރުން ބަރާބަރަށް ސްކޫލަށް ހާޒިރުވުން ކަމަށާއި އެ ގޮތަށް އަމަލުކޮށް ޓީޗަރުން ދެއްވާ މަސައްކަތް ފުރިހަމައަށް ނިންމާނަމަ މި ނަތީޖާ ހާސިލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހާއްސަކޮށް ޓިއުޝަން އެއީ އަޅުގަނޑު އެހާ ބޮޑަށް އެންކަރޭޖް ކުރާ ކަމެއް ނޫން. އަހްމަދިއްޔާގެ ކުދިން ބަރާބަރަށް ސްކޫލަށް ހާޒިރުވަންޏާ އެ ކުދިންނަކަށް ޓިއުޝަނެއް ބޭނުމެއް ނުވާނެ،" ރަޝީދު ވިދާޅުވިއެވެ.

އިތުރަށް ރަޝީދު ވިދާޅުވީ، އަހްމަދިއްޔާ ސްކޫލަކީ "މިލިޓަރީ ސްކޫލެއް"ގެ ގޮތުގައި ބައެއް ބޭފުޅުން ސިފަކުރައްވާ ކަމަށެވެ. ހަމައެކަނި ކިޔަވައިދޭ ސްކޫލެއް ކަމަށާއި އިތުރު ހަރަކާތްތަކަށް ޖާގަ އޮންނަ ސްކޫލެއް ނޫންކަމަށް ސިފަކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ބަރާބަރަށް ކުދިން ސްކޫލަށް ގެންނަން ބާރު އަޅާ ކަމަށް ވަންޏާ އެ މިލިޓަރީ ވީ. ކުދިންނަށް ބަރާބަރަށް ކިޔަވައިދޭ ކަމަށް ވަންޏާ އެ މިލިޓަރީވީ. އެއީ އަހްމަދިއްޔާ މިލިޓަރީވީ ސަބަބަކީ،" އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް، ސްކޫލަށް ކުދިން ގެނައުމަށް އިސްކަން ދެނީ އިމްތިހާނުތަކުން ރަނގަޅު ނަތިޖާތައް ހޯދުމަށް ޓަކައި ކަމަށެވެ. އަދި އަޚްލާގަށް އިސްކަން ދެނީ ސްކޫލް ނިންމާ ކުދިންނަކީ ރަނގަޅު އަޚްލާގެއް ލިބިފައިވާ ކުދިންތަަކަކަށް ވާން ޖެހޭތީ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ސްކޫލްގައި އޮންނަ މައިގަނޑު އެއް އަސާސެއް. އަޅުގަނޑުމެން މި ސްކޫލް ފެށުނީއްސުރެ ވެސް ހިފަހައްޓާ އެއް ކަމެއް އެއީ ޑިސިޕްލިން. އެހެންވީމަ ޑިސިޕްލިން ރަނގަޅުކުރަން ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން،" ރަޝީދު ވިދާޅުވިއެވެ.

ނަތީޖާ ރަނގަޅުކުރުމަށް ޓަކައި އަހްމަދިއްޔާގެ ކުދިންނަށް ވަރަށް ގިނައިން އިތުރުގަޑީގެ ކްލާސްތައް ވެސް ބާއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގިނަ ވަގުތުތަކުގައި ކުދިން ސްކޫލަށް ހާޒިރުވާން ބޭނުންވަނީ ނަތީޖާ ރަނގަޅުކުރުމަށް ޓަކައި ކަމަށް ވެސް ވިދާޅުވިއެވެ.

އޭލެވެލް އިމްތިހާނުގައި 2،849 ކުދިން ބައިވެރިވިއެވެ. އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނީ 441 ކުދިންނެވެ.

comment ކޮމެންޓް