ގޭސްފުޅިއެއް ގޮވައި މަޑުއްވަރީ ނަރުހަކު ފިހިއްޖެ

ރ. މަޑުއްވަރީ -- ފޮޓޯ: އެމްޓީސީސީ

ގޭސްފުޅިއެއް ގޮވައި ރ. މަޑުއްވަރީ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ނަރުހަކު ފިހިއްޖެއެވެ.

ފިހިފައިވަނީ އެ ރަށުގައި މަސައްކަތް ކުރާ އިންޑިއާއަށް ނިސްބަތްވާ ނަރުހެކެވެ. އޭނާ ވަނީ މީގެ ކުރިން އެ އަތޮޅުގެ އެހެން ބައެއް ރަށްރަށުގައި ވެސް މަސައްކަތް ކޮށްފައެވެ.

އެ ރަށުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ ރޭ އިރާކޮޅު އޭނާ ޑިއުޓީއަށް ދިޔައީ އެއްޗެއް ކައްކަން އުޅުމަށްފަހު އުނދުން ނިވައިލައިފައި ކަމަށެވެ.

"11:30ގައި ޑިއުޓީ ނިންމައިފައި ކާންވެގެން ގޮސް އުނދުން ރޯ ކުރީ ކަމަށް މަައުލޫމާތު ލިބެނީ. އޭރު މުޅި އެ ތަނުގައި ހުރީ ގޭސް ލީކުވެފައި،" އޭނާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ ތަނުގެ ސީލިންގު ވެސް އޮތީ އަނދައި ވެއްޓިފައެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް އޮތީ ފިހިފައެވެ.

މަޑުއްވަރީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ އޭނާ ޑިއުޓީ ނިންމައިފައި ގެއަށް ދިޔައީ 11:30 ހާއިރު ކަމަށެވެ. ނަމަވެސް 12 ޖަހާލާހާއިރު އޭނާ ހޮސްޕިޓަލަށް ގެނެސްފިކަމަށް ވިދާޅުވިއެވެ.

"ފިހުނު ގޮތުގެ މައުލޫމާތު ނެނގޭވަރަށްވުރެ ޕޭޝަންޓުގެ ހާލަތު ދަށް،" އޭނާ ވިދާޅުވިއެވެ.

މަޑުއްވަރީގައި ފަރުވާދިނުމަށްފަހު އޭނާ މިހާރު ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ރޭގެ ވަގުތެއްގައި ފޮނުވައިލައިފައެވެ.

އުނގޫފާރު ޑޮކްޓަރަކާ ހަވާލާދީ އޮފިޝަލް ވިދާޅުވީ އޭނާގެ 42 އިންސައްތަ ފިހިފައިވާ ކަމަށެވެ.

comment ކޮމެންޓް