ނޭޕާލް ބަލިކޮށް، ރާއްޖޭގެ ޒުވާން ދެ ޓީމު މެޑެލްއެއް ހޯދުމާ ގާތަށް

ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމާއި 19 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމު -- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

އައިއެޗްއެފް ޓްރޮފީގެ ޒޯން ދޭއްގައި ނޭޕާލް ބަލިކޮށް، ރާއްޖޭގެ ޒުވާން ދެ ޓީމުން މެޑެލްއެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

ބަންގުލަދޭޝްގެ ޑާކާގައި ކުރިއަށްދާ އެ މުބާރާތުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމާއި 19 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމު ވެސް ބަލިކޮށްފައިވަނީ ނޭޕާލްގެ ދެ ޓީމެވެ.

މިއަދު ކުޅުނު މެޗުތަކުގައި ރާއްޖޭގެ ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުން 42-11 އިން ނޭޕާލް ބަލިކުރި އިރު، ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުން ނޭޕާލް ބަލިކުރީ 25-10 އިންނެވެ.

އެ މުބާރާތުގައި ރާއްޖޭގެ ދެ ޓީމު ކުޅުނު ފުރަތަމަ މެޗުތަކުން ވަނީ ބަލިވެފައެވެ. އެ ދެ ޓީމުން ބަލިވެފައިވަނީ ވަރުގަދަ ކުޅުމެއް ދައްކަމުންދާ ބަންގުލަދޭޝް އާއި އިންޑިއާ އަތުންނެވެ. އެހެންކަމުން ރާއްޖެއަށް އޮތީ މިއަދު ނޭޕާލް އަތުން މޮޅެއް ހޯދުމަށް މަޖުބޫރުވެފައެވެ.

ރާއްޖޭގެ ދެ ޓީމުން ދެން ނުކުންނަން ޖެހޭނީ ތިންވަނަ ހޮވުމަށް ކުޅޭ މެޗަށެވެ. ނޭޕާލާ ދެކޮޅަށް ކުޅޭ އެ މެޗުތަކުން ރާއްޖެ މޮޅުވެއްޖެ ނަމަ، ބްރޯންޒް މެޑަލް ލިބިގެންދާނެއެވެ. އެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބަންގުލަދޭޝްގައި ކުރިއަށްގެންދާ އައިއެޗްއެފް ޓްރޮފީ އޭޝިއާގެ ސައުތު ސެންޓްރަލް އޭޝިއާ ޒޯންގެ ޔޫތު އެންޑް ޖޫނިއާ މުބާރާތަކީ އަންހެނުންގެ އައިއެޗްއެފް ޓްރޮފީ އޭޝިއާގެ ކޮލިފިކޭޝަން މުބާރާތެކެވެ.

comment ކޮމެންޓް