ތައިލެންޑްގެ އާންމު އިންތިޚާބުގައި ވެރިކަންކުރާ ކޯލިޝަން ބަލިވެއްޖެ

އިދިކޮޅު މޫވްފޯވާޑް ޕާޓީގެ ލީޑަރު ޕީޓާ ލިމްޖަރޮއެންލާތް

ބެންކޮކް (15 މެއި 2023): ތައިލެންޑްގައި ބޭއްވި އާންމު އިންތިޚާބު އެގައުމުގެ އައު އިދިކޮޅު ޕާޓީއެއްކަމަށްވާ "މޫވްފޯވަޑް"އިން ކާމިޔާބުކޮށްފިއެވެ.

މައިގަނޑު ގޮތެއްގައި ޒުވާނުން އިސްކޮށް ހަރަކާތްތެރިވާ "މޫވް ފޯވަޑް" ޕާޓީގެ ލީޑަރު ޕީޓާ ލިމްޖަރޮއެންލާތް ވިދާޅުވީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ އޭނާގެ ޕާޓީ ކަމަށެވެ. އެހެންކަމުން ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަސް ޕާޓީއަކާއެކު ފަށާފައިވާ ކަމަށް ލިމްޖަރޮއެންލާތް ވިދާޅުވިއެވެ.

ތައިލެންޑްގެ ޕާލަމެންޓްގެ ދަށުގޭގެ ގޮނޑީގެ އަދަދަކީ 500 އެވެ. މަތީގޭގެ ގޮނޑީގެ އަދަދަކީ 250 އެވެ. ޕާލަމެންޓްގެ ދަށުގޭގެ 500 ގޮނޑީގެ ތެރެއިން އާންމު ވޯޓުން އިންތިޚާބުކުރަނީ 400 ގޮނޑިއަށްވާ މެންބަރުންނެވެ. އަނެއް 100 ގޮނޑިއަށް މެންބަރުން ކަނޑައަޅަނީ ޕާޓީތަކުގެ ތެރެއިންނެވެ. ތައިލެންޑްގައި ސަރުކާރެއް އެކުލަވާލެވޭނީ ޕާލަމެންޓްގެ ދަށުގޭގެ 500 ގޮނޑިއާއި މަތިގޭގެ 250 ގޮނޑީގެ ތެރެއިން މަދުވެގެން 376 ގޮނޑި ލިބިގެންނެވެ.

އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބުނު "މޫވް ފޯވަޑް" ޕާޓީގެ ލީޑަރު ޕީޓާ ލިމްޖަރޮއެންލާތް ވިދާޅުވިގޮތުގައި ވަގުތީ ނަތީޖާ ދައްކާގޮތުން ޕާލަމެންޓްގެ ދެގެއިން އިދިކޮޅު މައި ދެޕާޓީއަށް 300 އަށްވުރެ ގިނަ ގޮނޑި ލިބިފައިވާއިރު ކުދި ޕާޓީތަކާ ކޯލިޝަން ހެދުމުން އިތުރު 76 ގޮނޑި ލިބޭނެއެވެ. މިއީ ސަރުކާރެއް އެކުލަވާލެވޭ ވަރުގެ އަޣުލަބިއްޔަތެކެވެ.

ތައިލެންޑްގެ މައި އިދިކޮޅު ޕާޓީއަކީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތްރާގެ އާއިލާއަށް ނިސްބަތްވާ ޕުއާތައި ޕާޓީއެވެ. އެ ޕާޓީއަށް 145 ގޮނޑި ލިބިފައިވާއިރު އިދިކޮޅު "މޫވް ފޯވަޑް" ޕާޓީއަށް 150 އަށްވުރެ ގިނަ ގޮނޑި ވަނީ ލިބިފައެވެ. މިދެޕާޓީ ގުޅިގެން ކުދި ޕާޓީތަކާއެކު ކޯލިޝަން ހަދައިފިނަމަ ސަރުކާރެއް އެކުލަވާލެވޭ ވަރުގެ އަޣްލަބިއްޔަތެއް ޕާލަމެންޓްގެ ތިރިގެއާއި މަތިގޭން ލިބޭނެއެވެ.

ނަމަވެސް ކޯލިޝަނެއް ހެދުމާ ބެހޭގޮތުން އިދިކޮޅު މައިޕާޓީ ކަމަށްވާ ޕޫއާ ތައީ ޕާޓީން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކައެވެ. އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ހެދުމުގެ ވިސްނުން އަދި އެޕާޓީގައި ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ. މިފަދަ ހާލަތެއްގައި ސަރުކާރެއް އެކުލަވާލައި ބޮޑުވަޒީރަކު ކަނޑައެޅުމުގެ ފުރުސަތު ބޮޑުވާނީ ތައިލެންޑްގެ ސިފައިންނަށް ތާއީދުކުރާ ކޯލިޝަން ޕާޓީތަކަށެވެ.

ތައިލެންޑްގައި މިހާރު ވެރިކަން ކުރަމުން ގެންދަނީ ސިފައިންނަށް ތާއީދުކުރާ ކޯލިޝަނަކުންނެވެ. މިކޯލިޝަންގައި ވެރިކަންކުރާ މައި ޕާޓީކަމަށްވާ ޕަލަންގް ޕަރަޗަރަތްގެ އިތުރުން ބުމްޖައިތައި ޕާޓީއާއި ޔުނައިޓެޑް ތައި ޕާޓީއަށް ލިބުނު ގޮނޑިތައް އެއްކޮށްލުމުން އިދިކޮޅު "މޫވް ފޯވަޑް" ޕާޓީއަށް ލިބުނު ގޮނޑިއަށްވުރެ ގޮނޑި ގިނައެވެ.

އެހެންކަމުން ޕުއާތައި ޕާޓީން "މޫވް ފޯވަޑް" އާއެކު ކޯލިޝަން ނުހަދައިފިނަމަ ސަރުކާރެއް އެކުލަވާލައި ބޮޑުވަޒީރަކު ކަނޑައަޅައި އަލުން ވެރިކަން ކުރުމުގެ ފުރުސަތު ބޮޑީ ސިފައިންނަށް ތާއީދުކުރާ އަދި ތައިލެންޑްގައި މިހާރުވެސް ވެރިކަންކުރާ ކޯލިޝަން އަށެވެ.

comment ކޮމެންޓް