ދިއްދޫ ފަރުގެ ގައުތަކާއި މުރަކަތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި: އީޕީއޭ

ދިއްދޫ ފަރުމައްޗަށް ބާޖެއް އަރައިފައި--- ސަން ފޮޓޯ/ ކިޔުންތެރިއެއް

ހއ. ދިއްދޫ ފަރުމައްޗަށް އެރި ޓަގުގެ ސަބަބުން އެ ރަށު ފަރަށް ލިބުނު ގެއްލުމުގެ ސާވޭ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ހެދިއިރު އެ ފަރުގެ ގިނަ ގައުތަކަކާއި މުރަކަތަކެއް ހަލާކުވެފައިވާކަން ފާހަގަވެފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު "ސަން"އަށް ވިދާޅުވީ އެ ރަށު ފަރަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.

ދިއްދޫ ފަރުމައްޗަށް މި މަހުގެ ދެވަނަ ދުވަހު އެރީ އެމްއެމް އެކްސްޕޯޓްގެ ޓަގް ބޯޓަކާއި ބާޖެކެވެ. ހަމަ އެ ދުވަހު ބާޖު ފުންކުރި ނަމަވެސް ޓަގު ބޯޓު ފުން ކުރެވުނީ ޖެހިގެން އައި ދުވަހުގެ ރޭ ދަންވަރުއެވެ.

ނައީމް ވިދާޅުވީ މި ކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅެއް އޮތްނަމަ އަޅާނެ ކަމަށެވެ.

އެ ފަރުގެ ގިނަ ގައުތަކަކާއި މުރަކަތަކެއް ވަރަށް ބޮޑަށް ހަލާކުވެ މުޅި ފަރަށް ބޮޑު ގެއްލުމެއް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އެ ރަށު މީހަކު މީގެ ކުރިން "ސަން"އަށް ބުނެފައިވަނީ ޓަގުބޯޓާއި ބާޖު އަަރައިފައިވަނީ ދިއްދޫ ފަރުގެ ވަރަށް ރީތި، މަސްވެރިކަން ވެސް ވަރަށް ރަނގަޅު ހިސާބަކަށް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް