ޒަމާނީ ފެންވަރުގެ އައިސީސީޔޫއެއްގެ ޚިދުމަތް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަށައިިފި

ކޭއާރުއެޗްގެ އައިސީޔޫގެ ޚިދުމަތް ފަށަނީ --

ޒަމާނީ ފެންވަރުގެ އައިސީސީޔޫއެއްގެ ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަށައިފިއެވެ.

އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ފެސިލިޓީ ހުޅުވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ ޝިޔާމެވެ. މި ރަސްމިއްޔާތުގައި ވަނީ ހޮސްޕިޓަލްގެ އައިސީސީޔޫ ޕްރޮޓޮކޯލް ވެސް އިފްތިތާޙުކުރައްވައިފައެވެ.

އައިސީސީޔޫގެ ޚިދުމަތް ބަދަލުކުރީ، އެ ހޮސްޕިޓަލުގައި އަލަށް ތަރައްގީކުރި ތިން ފަންގިފިލާގެ "ކާނި ވިންގް" އިމާރާތުގެ އެންމެ މަތީ ބުރިއަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ މިއަދު "ސަން"އަށް ވިދާޅުވީ މީގެ ކުރިން އެ ހޮސްޕިޓަލުގެ އައިސީސީޔޫގައި ހުރީ ހަތަރު އެނދާއި ތިން ވެންޓިލޭޓަރު ކަމަށެވެ. އަދި އޭރު ޖާގައިގެ ދަތިކަން ވެސް އޮތްކަމަށް ވިދާޅުވިއެވެ.

ތަރައްގީ ކުރެވުމާއެކު ހަ އެނދު އައިސީޔޫގައި ހުންނާނެ ކަމަށާއި ކޮންމެ އެނދެއް ކައިރީ ވެސް ވެންޓިލޭޓަރެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެ އެނދެއް އިންނާނެ ޚާއްސަކޮށްފައި. އޭގެން އެއް އެނދު ޑަޔަލިސިސްއަށް ޚާއްސަކޮށްފައި. ގައިން ގަޔަށް އަރާ ބައްޔެއް ހުރި މީހެއް ވިއްޔާ ވެސް އައިސޮލޭޝަން އެނދެއް ވެސް ހުންނާނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ބަލިމީހުންގެ އާއިލާތަކާ މައުލޫމާތު ހިއްސާކުރުމަށް ބްރީފިން ރޫމެއް ވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

އައިސީސީޔޫގެ ޚިދުމަތަށް ޚާއްސަ ޓީމެއް ވެސް އެ ހޮސްޕިޓަލުގައި ވަނީ އެކުލަވައިލައިފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު އިމާރާތާއެކު 36 އެނދުގެ ޖާގަ ހޮސްޕިޓަލަށް ވަނީ އިތުރުވެފައެވެ. ތިން ބުރީގެ އެ އިމާރާތުގެ އެގޮތުން އެންމެ ތިރި ބޭނުންކުރަނީ، 15 އެނދުގެ ކުޑަކުދިންގެ ވޯޑެއްގެ ގޮތުގައެވެ. ދެވަނަ ބުރި 15 އެނދުގެ މެޑިކަލް ވޯޑްގެ އިތުރުން އެންމެ މަތީ ބުރި 6 އެނދުގެ އައިސީސީޔޫއެވެ.

comment ކޮމެންޓް