ދައުލަތުގެ އާމްދަނީއަށް ހަތަރު މަހުން 9.1 ބިލިއަން ރުފިޔާ ލިބިއްޖެ

ދައުލަތުގެ ޓެކްސް އިދާރާ، މީރާ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ދައުލަތަށް އާމްދަނީގެ ގޮތުގައި 9.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން މިއަދު އާންމުކުރި އާމްދަނީގެ ރިޕޯޓުން ދައްކައިފިއެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ޓެކުހުގެ ގޮތުގައި ލިބުނު، 7.9 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ ހިމެނެއެވެ.

މިއީ އާމްދަނީގެ ރެކޯޑެކެވެ.

މީރާގެ ރިޕޯޓުން ދައްކާ ގޮތުގައި ނިމުނު އޭޕްރިލް މަހު އެކަނި ވެސް 1.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރިލްމަހާ އަޅާބަލާއިރު، %13.2 އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ އޭޕްރިލްމަހު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ، 1.64 ބިލިއަން ރުފިޔާއެވެ.

އާމްދަނީ އިތުރުވީ ނަމަވެސް މިއީ މީރާއިން ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ %11.2 ދަށް އަދަދެކެވެ. މީރާއިން ބުނި ގޮތުގައި އަންދާޒާ ކުރި ވަރުގެ އާމްދަނީއެއް ނުލިބުނީ ޖީއެސްޓީ އާއި، އިންކަމްޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓުންނެވެ.

އޭޕްރިލްމަހު އެންމެގިނައިން އާމްދަނީ ލިބުނީ:

  • ޓީޖީއެސްޓީ: 816.8 މިލިއަން ރުފިޔާ
  • ޖެނެރަލް ޖީއެސްޓީ:381.9 މިލިއަން ރުފިޔާ
  • އިންކަމްޓެކްސް: 176.6 މިލިއަން ރުފިޔާ
  • ގްރީން ޓެންސް:94.9 މިލިއަން ރުފިޔާ
  • އެއަރޕޯޓް ސަރވިސްޗާޖް:75.1 މިލިއަން ރުފިޔާ

ހުސްވި އޭޕްރިލްމަހު ދައުލަތަށް ބޭރުފައިސާގެ ގޮތުގައި ވަނީ 77.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

މީރާއިން ބުނީ އޭޕްރިލްމަހު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އޭގެ ކުރީ މާރޗްމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުންކަމަށެވެ. މިގޮތުން މިދިޔަ އަހަރުގެ މާރޗްމަހާ އަޅާބަލާއިރު، މިއަހަރުގެ މާރޗްމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %15.1 އިތުރުވެފައިވާކަން ދައުލަތުގެ ޓެކްސް އިދާރާއިން ފާހަގަކުރެއެވެ.

comment ކޮމެންޓް