ފަގީރުން އެންމެ ގިނަ އެއްގައުމުން ތެލާއި ގޭސް ފެނިއްޖެ: ގައުމަށް އުފާވެރި ދުވަހެއް

ތެޔޮ އުފެއްދުމުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ އެސޯސިއޭޓް ޕްރެސް

ގައުމުގެ އާބާދީގެ ނިސްބަތުން ފަގީރުން އެންމެ ގިނަ އެއްގައުމު ކަމަށްވާ ޒިމްބާބުވޭ އިން ތެލާއި ގޭސް ފެނިއްޖެއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުން ޒިމްބާބުވޭގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ސަރަހައްދަކުން ތެލާއި ގޭސް ފެނިފައިވާކަން ޔަގީންކޮށްދީފައިވަނީ އެގައުމުގައި އެ މަސައްކަތްކުރާ އޮސްޓްރޭލިއާގެ އިންވިކްޓަސް އެނާޖީ އިންނެވެ.

އެގޮތުން އެ ކުންފުނީގެ ހޯދުންތަކުން ވަނީ އެ ސަރަހައްދުގައި ތެލާއި އަދި މުއްސަނދި ގުދުރަތީ މައުދަންތައް ފެނިފައިވާކަން ޔަގީން ވެފައެވެ. އަދި މި އަހަރުގެ ތިންވަނަ ކުއާޓާގެ ތެރޭގައި އެ ސަރަހައްދުން އިތުރު ވަޅެއް ކޮނުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މި ހޯދުމަކީ އެގައުމުގެ ރައީސް އެމެސަން މްނަންގަގްވާގެ ސަރުކާރަށް ލިބޭނެ ބޮޑު ކާމިޔާބެކެވެ. އެގޮތުން މި ހޯދުމުގެ ސަބަބުން 2018 ވަނަ އަހަރު ޒިމްބާބުވޭގެ ސަރުކާރުން އިންވިކްޓަސް އެނާޖީއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އިންވިކްޓަސް އެނާޖީއިން އުފައްދާ ހަކަތައިގެ ގާތްގަނޑަކަށް 60 ޕަސެންޓު ސަރުކާރަށް ދޭން ޖެހޭނެއެވެ.

އެ އަހަރު ޒިމްބާބުވޭގެ ސަރުކާރުން އިންވިކްޓަސް އެނާޖީއާ އެކު ސޮއި ކުރީ އެގައުމުގެ، ގައުމީ ކަރަންޓު ގްރިޑަށް ހަކަތަ ސަޕްލައި ކުރަން ގޭހުން ހަކަތަ އުފެއްދޭނެ ފެސިލިޓީއެއް އެޅުމަށެވެ.

މީގެ ކުރިން ވެސް ޒިމްބާބުވޭގެ މި ސަރަހައްދުން ސާފު ނުކުރާ ތެޔޮ ފެނޭތޯ އެމެރިކާގެ ކުންފުނި އެކްސޮން މޮބައިލް އިން މަސައްކަތް ކުރިއެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވުމުން އެ ކުންފުނިން އެ މަސައްކަތް މީގެ 30 އަހަރު ކުރިން ހުއްޓާލިއެވެ.

ޒިމްބާބުވޭ އަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެގައުމެއްގެ އާބާދީގެ ނިސްބަތުން ފަގީރުން އެންމެ ގިނަ އެއް ގައުމެވެ. އެގޮތުން މިއަަހަރުގެ މިހާތަނަށް ވެސް އެގައުމުގެ ފަގީރުންގެ ނިސްބަތަކީ 38.3 ޕަސެންޓެވެ.

އަދި އެގައުމުގައި ދުވާލެއްގެ މައްޗަށް 5.50 ޑޮލަރު ނުލިބޭ މީހުންގެ ނިސްބަތް 82.78 ޕަސެންޓަށް އަރައެވެ.

އެގައުމަކީ ދުނިޔޭގެ ނިސްބަތުން ތަރައްގީވަމުން އަންނަ ގައުމަކަށް ވީ ނަމަވެސް، އެގައުމަކީ ޢާންމުކޮށް ކަރަންޓުގެ ދަތިކަން ވަރަށް ބޮޑު ގައުމެކެވެ. އެގޮތުން އެގައުމުގައި ބައެއް ދުވަސްތަކުގައި 19 ގަޑިއިރަށް ވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑެއެވެ.

comment ކޮމެންޓް