ވަގު ޑޮލަރުން ފޯނެއް ގަތް މީހަކު ޖަލު ހުކުމަކުން ސަލާމަތްވެއްޖެ

ކްރިމިނަލް ކޯޓު: ވަގު ޑޮލަރުން ފޯނެއް ގަތް މީހަކު ވަނީ ޖޫރިމަނާކޮށް މުޖުތަމައުއަށް ހިދުމަތް ކުރުމަށް އަންގާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައްހަ ނޫން ޑޮލަރު ބޭނުން ކޮށްގެން ފޯނެއް ގަތް މީހަކަށް އިއްވި ޖަލު ހުކުމުގެ އެއް ބައި ޖޫރިމަނާއަށް އަދި އަނެއް ބައި މުޖުތަމައުއަށް ހިދުމަތް ކުރުމަށް ބަދަލުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާ އުފުލީ ސ. ހުޅުދޫ / ސީވޭވް އަބްދުالله ނަޝީލްގެ މައްޗަށެވެ.

ދައުވާގައި ބުނެފައިވާ ގޮތުން އޭނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ ސައްހަ ނޫން 1500 އެމެރިކާ ޑޮލަރު ދިނުމަށްފަހު މީހެއްގެ އަތުން އައިފޯނު 14 ޕްރޯ މެކްސްއެއް ގަނެފައެވެ. އެ ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެފައެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި މައްސަލަ ކުރިއަށް ގެންގޮސްފައެވެ.

އެ މައްސަލައިގައި އަބްދުالله ނަޝީލްގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މައްސަލައިގެ ތަހުގީގަށް 29 ދުވަސް ހޭދަކޮށްފައިވާތީ އޭނާ ތަންފީޒުކުރަން ޖެހޭނެ އަދަބަކީ ނުވަ މަހާއި 12 ދުވަހެވެ.

ނަމަވެސް އޭނާ ތަންފީޒުކުރަން ޖެހޭ ޖަލު ހުކުމުގެ އަދަބު ލުއިކޮށް، ޖޫރިމަނާ އަށާއި މުޖުތަމައުއަށް ހިދުމަތް ކުރުމަށް ބަދަލުކޮށްފައެވެ.

އެގޮތުން ޖޫރުމަނާގެ ގޮތުގައި 38,400 ރުފިޔާ, ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ގާޒީ ސަފްއަތު ހަބީބު މިއަދު ކުރި ހުކުމުގައި ވަނީ ބުނެފައެވެ. އެއީ ޖަލު އަދަބުގެ ތެރެއިން ހަ މަހާއި 12 ދުވަހަށް ވާ ބައެވެ. އަދި ބާކީ ތިން މަސް ދުވަހުގެ ޖަލު އަދަބު ވަނީ 480 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

comment ކޮމެންޓް