ރައީސްގެ ސެކިއުރިޓީ ފެއިލްވުމުން މަސްއޫލިއްޔަތުން ދުރުކުރި އޮފިސަރަށް ބްރިގޭޑިއާ ޖެނެރަލްކަން

ކުރިން ސެކިއުރިޓީ ޔުނިޓާ ހަވާލުވެހުންނެވި ސިފައިންގެ އިސްވެރިޔާ، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހިމް--- ފޮޓޯ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅީ ސަލާމަތީ ކަންކަން ފެއިލްވުމުން ކަމަށް ބެލެވޭތީ، އެ މަނިކުފާނުގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާކަމުގެ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރި ކާނަލް އަބްދުﷲ އިބްރާހިމަށް ބްރިގޭޑިއާ ޖެނެރަލްކަން ދީފިއެވެ.

މިދިޔަ މާރިޗު މަހު ޕީޕީއެމް އޮފީސް ދޮރުމަތީގައި އެ ޕާޓީގެ ސަޕޯޓަރުން އިޙްތިޖާޖު ކުރަން ތިއްބައި، ރައީސް ޞާލިހްގެ މޮޓޯކޭޑު އެ މަގުން ދަނިކޮށް އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ވަނީ މޮޓޯކޭޑު ވަށާލައި، އެ މަނިކުފާނުގެ ކާރުކޮޅު ހުއްޓުވައިފައެވެ.

އެ މައްސަލަ އެމްއެންޑީއެފްއިން ބަލައި، އަބްދުﷲ ސަސްޕެންޑު ކުރުމަށް ފަހު އެ ޔުނިޓް ވަގުތީ ގޮތުން ހިންގުން އޭރު ހަވާލުކުރީ ޑެޕިއުޓީ ކޮމާންޑަރު މޭޖާ އަޙްމަދު ހަލީމާއެވެ. ދާއިމީ ގޮތެއްގައި އެހެން ބޭފުޅަކަށް އެ ޒިންމާ ހަވާލުކުރިކަމެއް ނޭނގެއެވެ.

އަބްދުﷲއަށް މަގާމުގެ ކުރިއެރުން ދީފައިވާކަން އެމްއެެންޑީއެފްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. އޭނާ ޕްރޮމޯޓްކޮށްފައިވަނީ ބްރިގޭޑިއާ ޖެނެރަލްގެ ރޭންކަށެވެ. އެއީ، ސިފައިންގެ ރޭންކްތައް ބަހާފައިވާ ގޮތުން އެންމެ މަތިން ހަތަރުވަނަ ރޭންކެވެ.

ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ވެސް އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. އެ ކޮމިޓީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ އެންމެ އިސް އޮފިސަރުން ހާޒިރުކޮށް ސުވާލު ވެސް ކުރިއެވެ. ނަމަވެސް އެ ކޮމިޓީތައް ސިއްރުކޮށްފައިވާތީ ތަފްސީލެއް ނޭނގެއެވެ.

comment ކޮމެންޓް