މޮނިކޮން އަމުރާ ޚިލާފުވި މީހަކަށް އިތުރު ބަންދެއް

މީހެއްގެ ފައިގަ ޓެގް އަޅުވާފަ: މޮނިކޮން އަމުރާ ހިލާފްވުމުން ބައެއް މީހުންގެ ފައިގަ ވަނީ ޓެގް އަޅުވާފަ ---

ޓެރަރިޒަމްގެ މައްސަލަތަކާއި ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ނެރެވޭ މޮނީޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރާ ޚިލާފުވި މީހަކު ހަ މަސް ދުވަހު ގޭގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މޮނިކޮން އަމުރާ ޚިލާފްވުމުގެ ސަބަބުން ދައުލަތުން ދައުވާކުރީ ތ. ތިމަރަފުށީ ގާޑަންހައުސް, އަހްމަދު ރިޝްވާންގެ މައްޗަށެވެ.

އޭނާގެ މައްޗަށް ހައި ކޯޓުން މިދިޔަ އަހަރު ނެރެފައިވާ މޮނިކޮން އަމުރުގައިވާ ގޮތުން ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 5:00 ހަމައަށް ބޭރަށް ނުދިއުމަށް އޮތީ އަމުރުކޮށްފައެވެ.

ނަމަވެސް އެ އަމުރާ ޚިލާފްވެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ 10:11 ހާއިރު ރިޝްވާން ގެއިން ބޭރަށް ގޮސްފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް މޮނިކޮން އަމުރަކާ ޚިލާފްވުމުގެ ދައުވާ އުފުލިއެވެ.

އެ ދައުވާއަށް އޭނާ ވަނީ އިއުތިރާފްވެ ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެވެ. އަދި އަދަބެއްގެ ގޮތުގައި އެއް އަހަރު ގޭގައި ބަންދު ކުރުމަށް ވެސް ދެ ފަރާތުން އޮތީ އެއްބަސްވެފައެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާއިރު މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހް ވަނީ އަދަބު ކަނޑައެޅުމުގައި އިއުތިރާފް އެއްބަސްވުމަށް ރިއާޔަތް ކުރުމަށް ނިންމާފައެވެ. އަދި އެ މައްސަލައިގައި މީގެ ކުރިން ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު ހަ މަހާއި 29 ދުވަހު ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ޓެރަރިޒަމްގެ އަމަލުތަކާއި ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު މީހެއްގެ މައްޗަށް ކުރެވޭ ނަމަ، އެ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެ މޮނީޓާކުރުމުގެ ބާރު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލިބެއެވެ.

comment ކޮމެންޓް