ބަންގްލަދޭޝް ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމުގައި ދެމި ތިބޭނަން: ނައިބު ރައީސް

ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ނައިބު ރައީސް ވާހަކަ ދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އަރުވައިފިއެވެ.

ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ބަންގަލަދޭޝްގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ބަންގްލަދޭޝްއަކީ ރާއްޖޭގެ ގައުމީ ތަރައްގީއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގާތްއެކުވެރި ގައުމެއް ކަމަށާއި، ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި އަބަދު ވެސް ދެމި އޮންނާނެ ކަމަށެވެ.

ނައިބު ރައީސްގެ ވާހަކައިގައި އެ މަނިކުފާނު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖޭގެ އިޖުތިމާއި އަދި އިގްތިސާދީ ތަރައްގީގައި އަދާ ކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާ / ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ 1978 ވަނަ އަހަރު ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުމުގެ ކުރިން ވެސް ރާއްޖެ އާއި ބަންގްލަދޭޝްއަކީ އާދަކާދައާ ސަގާފަތާ އަދި ވިޔަފާރިއާ ކަނޑުދަތުރުފަތުރުކުރުން ފަދަ ކަންކަމުގައި ވަރަށް އެއްގޮތް އާދަކާދަތަކެއް ހިއްސާކުރާ ދެ ގައުމު ކަމަށެވެ.

ބަންގްލަދޭޝްގެ ތާރިޚަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ މިނިވަންކަމުގެ ބާނީ، ބަންގަބަންދު ޝެއިޚް މުޖީބުއް ރަޙްމާން ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރައްވާފައެވެ. އަދި 1971 ވަނަ އަހަރު ބަންގްލަދޭޝް އުފެދިގެން ދިޔައީ ބަންގަބަންދުގެ ލާމަސީލު ލީޑަރޝިޕާއި އިންސާފަށް ކެނޑިނޭޅި ކުރެއްވި މަސައްކަތްތަކުން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއާ ބަންގްލަދޭޝް އާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

comment ކޮމެންޓް