އިންކަމް ޓެކްސް ބަޔާން ތައްޔާރުކުރަން ޖެހޭ ވިޔަފާރިތަކަށް މީރާއިން އެހީތެރިވަނީ

މީރާގެ މުވައްޒަފަކު ފިޔާރައެއްގެ ސޭޓަށް މައުލޫމާތު ދެނީ - ފޮޓޯ/ މީރާ

އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ކުދި ވިޔަފާރިތަކަށް އެހީތެރިވެދޭ ޚާއްސަ ޕްރޮގްރާމެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން މިއަދު ފަށައިފިއެވެ.

މީރާއިން ބުނި ގޮތުގައި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މޭ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމް ހިންގަން ހަމަޖެހިފައިވަނީ ޓެލެފޯން، އީ-މެއިލް އަދި އެނޫން ވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

މީރާއިން ބުނީ 2022 ވަނަ އަހަރުގައި 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބުތައް ތައްޔާރުކުރުމަށް އިހުތިޔާރުކޮށްފައިވާ ފަރާތްތަކުން ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާނަމަ މީރާއަށް އީމެއިލް ނުވަތަ ހޮޓްލައިން 1415 އަށް ގުޅުމަށް އެދޭ ކަމަށެވެ. އެކަމަށް މީރާގެ ވެބްސައިޓު މެދުވެރިކޮށް ނަން ނޯޓު ކުރެވޭނެއެވެ.

އިންކަމް ޓެކްސް ނަގަނީ މަހެއްގެ މައްޗަށް 60،000 އަށްވުރެ މަތީ އާމްދަނީއެއް ލިބޭ ފަރާތްތަކުންނެވެ.

ރާއްޖޭގައި ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން 2020 ވަނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުގައި ފަށާފައިވާއިރު އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށައިފައިވަނީ އެ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް