ޗާގޯސްގެ މައްސަލަ ހޫނުކުރަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ބޭނުންވާ ބޭފުޅުން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --

ޗާގޯސްގެ މައްސަލަ ހޫނު ކުރުމަށް އެންމެ ގަދައަށް ވާހަކަ ދައްކަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ބޭނުންވާ ބޭފުޅުން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ ޗާގޯސް މައްސަލައިގައި އިދިކޮޅު ޕީޕީއެމުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޕީޕީއެމުން ބުނެފައި ވަނީ އިޓްލޮސްގެ ނިންމުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 45،000 އަކަ ކިލޯމީޓަރު ގެއްލި، މަސްވެރިންނަށް ކުރިން ދެވުނު ހިސާބަށް ނުދެވޭނެ ކަމަށެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުން މޮޅުވެ، ރައީސް ޔާމީނަށް ވެރިކަން ލިބުމުން ޗާގޯސް ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅުވާ އިމްރާން ވިދާޅުވީ ޗާގޯސްގެ ވާހަކަދައްކާ ބައެއް ބޭފުޅުން ޕީޕީއެމްގައި ގިނަވާން ފަށައިފިކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ އެ ވާހަކަ އެންމެ ގިނައިން ދައްކަނީ މި މައްސަލައިގައި އެންމެ ކުރީ ސަފުގައި މުޒާހަރާ ލީޑު ކުރާ ބޭފުޅަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބޭނެ ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.

ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލަ ނިމުނީ، ދެ ގައުމުގެ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކުރާ ގޮތަށެވެ.

ކަނޑުގެ ސަރަހައްދު ބައިކުރުމުން ރާއްޖޭގެ ޙާއްސަ އިގުތިސޯދީ ސަރަހައްދަށް 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ލިބިފައެވެ. މޮރިޝަސްއަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ.

comment ކޮމެންޓް