ސިއްހީ ނިޒާމު ހަރުދަނާ ކުރެވޭނީ ޕްރައިމަރީ ހެލްތުކެއާއިން: ނަސީމް

ފ. އަތޮޅުގައި ޕްރައިމަރީ ހެލްތު ކެއާ ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ/ ހެލްތް މިނިސްޓްރީ

ޕްރައިމަރީ ހެލްތު ކެއާގެ މައްޗަށް ބިންގާ އެޅިގެން ދެވޭ ހިދުމަތަކީ، ސިއްހީ ހިދުމަތުގެ މުޅި ނިޒާމު ހަރުދަނާކުރުމަށް އޮތް އެންމެ ފަހި މަގު ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.

ނަސީމް މިފަދައިން ވިދާޅުވީ، ފ. އަތޮޅުގައި ޕްރައިމަރީ ހެލްތު ކެއާ ރަސްމީކޮށް ފެށުމަށް އެ އަތޮޅު ނިލަންދޫގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ މަނިކުފާނުގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ޑރ. ނާޒްނީން އަންވަރާއި އެހެނިހެން އިސް ބޭފުޅުން މި ހަފުލާގައި ބައިވެރިވެ ވަޑައިގަތެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، މިއަދު މި ފަށާ ޕްރައިމަރީ ހެލްތް ކެއާގެ ނިޒާމަކީ އާ ނިޒާމެއް ނޫން ކަމަށެވެ. އެގޮތުން މީގެ މާ ކުރީގެ ހަނދާނެއް އާ ކޮށްދީ މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ ޞިއްހީ ޙާލަތު ބަލާ ޞިއްހީ ގޮތުން ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުމަށް ހެލްތު ވޯކަރުން ކުރީގައި ގޭގެއަށް ގޮސް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރި ކަމަށެވެ.

"ޞިއްހީ ހުރިހާ ކަމެއްގައި ވެސް، ރައްޔިތުން ލަފާ ހޯދަމުން އައީ އެ ބޭފުޅުންގެ ފަރާތުން. ރާއްޖޭން ބަލިތައް ކޮންޓްރޯލްކޮށް އަދި ބައެއް ބަލިތައް ނައްތާލުމުގެ އެންމެ ބުރަ އެންމެ އަސާސީ މަސައްކަތްތައް ކުރެއްވީ މި ދެންނެވި އުޞޫލުން ކުރި މަސައްކަތުން،" ނަސީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިއްޙީ މަރުކަޒުތައް ބިނާ ކުރެވި ގިނަ ޚިދުމަތްތައް ރައްޔިތުން މަރުކަޒަށް އައިސްގެން ހޯދާ ގޮތަށް ބަދަލުވުމުން ޕްްރައިމަރީ ހެލްތު ކެއާއަށް އިހުމާލުވެ ފަރުވާ ކުޑަކުރެވުނު ކަމަށެވެ. އަދި، އެ ކަމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ޞިއްޙީ މަޢުލޫމާތު ބަލިކަށިވެ، ދުރާލާ ބަލިތަކުން ރައްކާތެރިވުމުގެ ވިސްނުމާ ރައްޔިތުން ދުރުވިކަމަށެވެ.

މީގެ އިތުރުން ޕްރައިމަރީ ހެލްތްކެއާގެ ސަބަބުން ސިއްހީ ގޮތުން ހޭލުންތެރި، ސިއްހީ ރަނގަޅު އާދަތަކަށް އަހުލުވެރި ޖީލެއް އުފެއްދުމަށް މަސައްކަތް ކުރެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި، ސިއްހީ ޙާލަތު ދުރާލާ ދެނެގަތުމަށް، ތިމާގެ ވަށައިގެންވާ އެންމެހާ މާޙައުލުތަކަކީ ސިއްހީ ގޮތުން އެކަށީގެންވާ މާޙައުލުތަކަކަށް ހެދުމަށް ޕްރައިމަރީ ހެލްތުގެ ގެ ނިޒާމު އެހީތެރިވެދޭނެ ކަމަށް ވިދާޅުވިއެވެ.

"ޕްރައިމަރީ ހެލްތުކެއާގެ ރަނގަޅު ނިޒާމު އަލުން އާލާކޮށް ހަރުދަނާކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަންނީ ލަފާއާއި އަދި ޔުނިސެފްގެ އެހީތެރިކަމާ އެކު މިދިޔަ އަހަރު އަޅުގަނޑުމެން ފެށި މަޝްވަރާގެ ނަތީޖާއެއްގޮގޮތުން، ސަރުކާރުން ނިންމާފައިވަނީ، ޕްރައިމަރީ ހެލްތުކެއާގެ ނިޒާމު އަލުން ދިރުވާ އާލާކުރުމުގެ މަސައްކަތަށް ޚާއްސަ އަހައްމިއްޔަތުކަމެއްދީ ވީހާވެސް އަވަހަށް އެކަން ފެށުން،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ފ. އަތޮޅުގެ 18 އަހަރުން މަތީގެ 80 ޕަސަންޓަށް ވުރެ ގިނަ ރައްޔިތުންގެ މަޢުލޫމާތު އެއްކުރެވި އެ މީހުންގެ ޞިއްހީ ޙާލަތު މިހާރު ދެނެގަނެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ފަރާތަތަކަށް ދޭންވާ ލަފާއާއި އިރުޝާދުދީ އަދި ބޭސް ފަރުވާ ދޭންޖެހޭ ފަރާތްތަކާ ފަރުވާ ދޭން ވަނީ ފެށިފައި. މިއީ ޙަޤީޤަތުގައިވެސް ވަރަށް ކާމިޔާބުކޮށް ޓީމެއްގެ ގޮތުގައި ކުރި މަށައްކަތުގެ ނަތީޖާ. މިކަމަށްޓަކައި މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް އަޅުގަޑު ނިހާޔަތަށް ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް