އިސްލާމް ދޫކޮށް ނިއޯޕެގޭނިޒަމްއަށް

މީގެ އަހަރުތަކެއް ކުރީން މި ކޮލަމުގައި އަޅުގަނޑު ލިޔުނު ލިޔުމެއްގައި މި މައުޟޫޢާ ބެހޭގޮތުން ވާހަކަ ދެއްކީމެވެ. އަނެއްކާވެސް އެ ވާހަކަ ދައްކައިލާނަމޭ ހިތަށް އެރީ، އެއިރާ މިހާރާ އަޅައިބަލާ އިރު ޙާލަތަށް އައިސްފައި ވާ ބަދަލުގެ ސަބަބުންނެވެ.

ނަމަވެސް އިންސާނީ ނަސްލުގެ ދިގު ތާރީޚުގެ ހުރިހައި ޒަމާނަކާ ބެހޭ މަޢުލޫމާތު ލިބޭކަށް ނެތެވެ. ތާރީޚު އެނގެނީ މީގެ ފަސްހާސް ފައްސަތޭކަ ވަރަކަށް އަހަރު ކުރިޔާ ހަމައިން ފެށިގެންނެވެ. އެއީ ޤަދީމީ ޞޫމާރާއި، ޤަދީމީ މިޞްރު ފަދަ ޙަޟާރަތްތަކުގެ ރަންޒަމާނަށް އެޅިގެން އައި ދުވަސްވަރެވެ. އިންޑަސް ވާދީގެ ޙަޟާރަތު ފެށިގެން އައި ދުވަސްވަރެވެ އެ ދުވަސްވަރުގެ ބައެއް ޙަޟާރަތްތަކުގެ އާސާރުތަކާއި، އަދި ލިޔެވިފައި ވާ ލިޔުންތަކުގެ ރިކޯޑުތައް ވެސް މިއަދު ވަނީ ހޯދިފައެވެ. އެ އާސާރުތަކުންނާއި ރިކޯޑުތަކުން އެނގޭ ގޮތުގައި، އެއިރު މުޅި ދުނިޔޭގައި ވެސް އޮތީ "ވަޘަނިއްޔަތު" ނުވަތަ "ޕެގޭނިޒަމް" އެވެ ކިޔޭ ދީނީ ސަގާފަތެވެ. އިނގިރޭސި ބަހުން "ޕޮލިތެއިޒަމް" އެވެ ކިޔަނީ ވެސް ހަމަ މިޔަށެވެ. މި ލިޔުމުގައި މި ދީނީ ސަގާފަތަށް އަޅުގަނޑު ބޭނުން ކުރާނީ "ވަސަނިއްޔަތު" މި ނަމެވެ.

ވަސަނިއްޔަތަކީ އެއް ދީނެއް ނޫނެވެ. އެއީ އިންސާނާ އުޅޭ ދުނިޔެއާއި، އިންސާނާގެ ހިއްސުތަކުން ދެނެގަނެވޭ ކާއިނާތުގައި ވާ އެކިއެކި ބާރުތަކާއި، ޒަވާހިރުތަކަށް އިލާހީ ހައިސިއްޔަތު ދީގެން، އެ ތަކެތި މާތް ކޮށް ކަރާމާތްތެރި ކުރުމާއި، އެ ތަކެއްޗަށް އެކި ގޮތްގޮތުން އަދި އެކި ސިފަސިފައިގައި އަޅުކަން ކުރުމާއި، ދުނިޔެއާއި އިންސާނީ ހަޔާތުގެ ހުރިހައި ކަމެއް ހިނގަނީ އެ ބާރުތަކާއި ޒަވާހިރުތަކުގެ ބާރުން ކަމަށް ގަބޫލު ކުރުމާއި، އެ ބާރުތަކާއި ޒަވާހިރުތައް ރަމްޒު ކޮށްދޭ ބުދުތައް ހަދައި، އެ އެއްޗެހި ފައްޅިތަކުގައި ބަހައްޓައި، އެ ބުދުތަކާއި ފައްޅިތަކަކީ މުޤައްދަސް އެއްޗެތި އަދި ތަންތަން ކަމުގައި ގަބޫލު ކުރުމާއި، އެއީ އަޅުކަމާއި ދީނީ ހަރަކާތްތަކުގެ މަރުކަޒުތައް ކަމުގައި ބެލުމާއި، އެ ބުދުތަކަކީ "އިލާހީ" ބާރުތަކާއި ޒަވާހިރުތަކުގެ ރަމްޒުތަކެއް ކަމުގައި ބަލައިގެން އެ އެއްޗެއްސަށް ކަމޭހިތުމާއި އެ އެއްޗެތީގެ ކުރިމަތީގައި އަޅުކަމުގެ ރަސްމުތައް އަދާ ކުރުމުގެ ނިޒާމެއް ނުވަތަ ގޮތްތަކެއް ސިފަ ކުރުމަށް ބޭނުން ކުރެވޭ ނަމެކެވެ. އެހެންކަމުން، ވަސަނިއްޔަތަށް އުޅޭ އެއް ގައުމެއްގައި "އިލާހީ" ބާރުތަކާއި ޒަވާހިރުތަކުގެ ގޮތުގައި ބެލެވޭ ކަންކަން، އެފަދަ އެހެން ގައުމުތަކާ ތަފާތު ވެއެވެ. އެ ބާރުތަކާއި ޒަވާހިރުތައް ދުނިޔެއާއި އިންސާނާގެ ދިރިއުޅުމާ ގުޅޭގޮތާ މެދު، ވަސަނީ އެއް ސަގާފަތުގައި ދެކޭ ގޮތާއި އަނެއް ގައުމެއްގައި ދެކޭ ގޮތް ތަފާތު ވެއެވެ. ވަސަނީ އެއް ސަގާފަތެއްގައި، އެ ބާރުތަކާއި ޒަވާހިރުތަކަށް ދީފައި ހުންނަ ނަންތައް ތަފާތު ވެއެވެ.

އިންސާނީ ތާރީޚުގެ ތެރެއިން، އަޅުގަނޑުމެންގެ ދިރާސީ ހޯދުންތަކުގެ އަލީގައި ދެނެގަނެވޭ އެންމެ އިހު ޒަމާނުގައި އިންސާނުންގެ ހުރިހައި ޤައުމުތަކެއްގައި އޮތީ، ކުރީން ވެސް ދެންނެވި ފަދައިން، ވަސަނިއްޔަތެވެ. އެ ގޮތުގައި އޮއްވައި، ޙައްޤު ވެގެން އަޅުކަން ވެވޭ އިލާހަކީ ﷲ ސުބުޙާނަހޫ ވަ ތަޢާލާ ކަމާއި، ހުރިހައި ބާވަތެއްގެ ވަސަނިއްޔަތަކީ ޝިރްކު އަދި ކުފުރުގެ ބާޠިލު ގޮތްތައް ކަމުގެ ޙައްޤު ފައުޅު ވެގެން އައީ އިބްރާހީމް ޢަލައިހިއް ޞަލާތު ވައްސަލާމާ ހަމައިންނެވެ. އެކަލޭގެފާނާ ބެހޭގޮތުން ވެސް ތާރީޚީ ރިކޯޑުތަކެއް ނެތެވެ. ތާރީޚީ ރިކޯޑުތަކުން އެނގޭއެނގުމުގައި، ޙައްޤު ވެގެންވާ އެއް އިލާހެއްގެ ފިކުރު ފުރަތަމަ ފެންނަނީ މިޞްރު ދޫކޮށް ކަންޢާނުގެ ބިމަށް ހިޖުރަ ކުރި ބަނީ އިސްރާއީލުންގެ ތެރެއިންނެވެ. އެއީ މޫސާ ޢަލައިހިއް ޞަލާތު ވައްސަލާމްގެ ދުވަސްވަރެވެ.

މި ދެންނެވި ތާރީޚީ މަންޒަރަށް ބުރަ ވެ، ހުޅަނގުގެ ބައެއް ދިރާސާވެރީންނާއި، އެމީހުންގެ ރައުޔަށް ތަބަޢަ ވާ އެހެނިހެން މުއައްރިޚުންނާއި އިލްހާދީން ދައުވާ ކުރާ ގޮތުގައި އިންސާނުންގެ ތެރޭގައި އަސްލު އޮތީ ވަސަނިއްޔަތެވެ. އެއް އިލާހެއްގެ ވިސްނުމާއި ފިކުރަކީ ފަހުން އައި އައު ވިސްނުމެކެވެ.

ނަމަވެސް މިއީ ވަރަށް ބަލިކަށި "ތިޔަރީ" އެކެވެ. މަތިމައްޗަށް ނަޒަރު ހިންގައިލުމަށް ފަހު، ބަޔަކު ނެރޭ އެއްވެސް ހަރުދަނާކަމެއް ނެތް ނަޒަރިއްޔާއެކެވެ. ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަ ތަޢާލާ ކީރިތި ޤުރްއާނާއި، އަދި އެއިގެ ކުރީން ބާވައިލެއްވެވި ފޮތްތަކުގައި ބަޔާން ކުރެއްވި ޙަޤީޤަތްތައް އިހަށް އެއްފަރާތުގައި ބަހައްޓައިފައި، ހަމައެކަނި ތާރީޚީ ނަޒަރަކުން ބެލިޔަސް، ދީނީ ސަގާފަތުގެ އަސްލަކީ ވަސަނިއްޔަތުކަމުގެ އަދި އެއްކައުވަންތަ އިލާހެއްގެ ފިކުރަކީ މާ ފަހުގެ ފިކުރެއްކަމުގެ ދަޢުވާޔަކީ ޢިލްމީ ގޮތުން ހަރުދަނާ އަސާސެއް ނެތް ދަޢުވާއެކެވެ. އެއީ ތާރީޚުން ފެންނާން އޮތް މަންޒަރު ވަކި ގޮތަކަށް "ތަފްސީރު" ކޮށް "ތަރުޖަމާ" ކުރުމުގެ ނަތީޖާއެވެ.

އެހެން ތިޔަރީއެއް ނުވަތަ ނަޒަރިއްޔާއަކަށް ބަލައިލަމާ ހިންގަވާށެވެ!

ކީރިތި ﷲ ސުބުޙާނަހޫ ވަ ތަޢާލާ އާދަމް ޢަލައިހިއް ޞަލާތު ވައްސަލާމް ދުނިޔެއަށް ފޮނުއްވިއެވެ. އަދި އެކަލޭގެފާނުގެ ކިބައިން އިންސާނީ ނަސްލު ފެތުރިގެން ދިޔައެވެ. ދުވަސްތަކެއް ވެގެން ދިޔަ އިރު، އިންސާނުންގެ ތެރޭގައި ފާފަ ކުރުމާއި ނުބައި ޢަމަލުތައް ވެސް ފައުޅު ވެއްޖެއެވެ. އާދަމްގެފާނާއި، އެކަލޭގެފާނަށް ފަހު ފޮނުއްވެވުނު ނަބީރަސޫލުން މީސްތަކުން ﷲ ގެ މަގުގައި ސާބިތު ވެތިބުމަށް ނަސޭހަތްތެރި ވެވަޑައިގަންނަވަމުން ގެންދެވިއެވެ. ނަމަވެސް ޒަމާންތައް ފާއިތުވަމުން ދިޔަ ދިޔުމާ އެކު އިންސާނުންގެ މަގުފުރެދުން ދިޔައީ ފުން ވަމުން ފުޅާ ވަމުން ފެތުރެމުންނެވެ. ނޫޙް ޢަލައިހިއް ޞަލާތު ވައްސަލާމާ ހަމަޔަށް ދިޔަ އިރު، ދުނިޔޭގައި ﷲ ގެ މަގުގައި ސާބިތު ވެތިބީ އަތުގެ އިނގިލިތަކުން ގުނައިލެވޭހައި މަދު ބަޔެކެވެ. މީސްތަކުންނަށް ދީނަށް ގޮވައިލެއްވުމުގައި ނޫޙްގެފާނު ދިގު ޒަމާނެއް ވެއަތު ކުރެއްވިއެވެ. ނަމަވެސް މީސްތަކުން އީމާނެއް ނުވިއެވެ. އެންމެފަހުން، އިންސާނާގެ ނުބައިކަމާއި، މަގުފުރެދުމާއި، ބޯހަރުކަމުގެ ނަތީޖާ އައީ ޙައްޤު ޢަޒާބުގެ ގޮތުގައި އައި ޠޫފާނަކުންނެވެ. އެ ޠޫފާނުގައި އިންސާނީ ނަސްލުގެ ތެރެއިން މަދު ބަޔަކު ފިޔަވައި، އެހެން މީހުން ހަލާކު ވެދިޔައީއެވެ.

ނޫޙް ޢަލައިހިއް ޞަލާތު ވައްސަލާމުގެ ޙަޔާތްޕުޅަށް ފަހު، އަނެއްކާވެސް ދުނިޔެއަށް ފެތުރިގެން ދިޔައީ މަގުފުރެދުމެވެ. ޝިރްކެވެ. ކުފްރެވެ. ވަސަނިއްޔަތެވެ. ސަބަބަކީ އިންސާނީ ބަލިކަށިކަމާއި، ޝައިޠާނާގެ ނުބައި ރޭވުންތަކެވެ. އިންސާނާޔަކީ އަމިއްލަ އެދުންތަކާއި ހަވާނަފުސަށް ފަސޭހައިން ލެނބޭ މަޚްލޫޤެކެވެ. ބާރާއި، މުއްސަނދިކަމާއި، ފައިސާޔާއި، ދުނިޔޭގެ މާއްދީ ލައްޒަތާއި އަރާމާއި ނާޗަރަންގީއަށް ލޯބި ކުރުމުގެ ޠަބީޢަތެއް އޭނާގެ ކިބައިގައި އެކުލަވާ މަޚްލޫޤެކެވެ. ހަނދާން ނެތޭ މަޚްލޫޤެކެވެ. ވަސްވާސްތަކަށް ހެއްލުންތެރި ވާ މަޚްލޫޤެކެވެ. ދުރު މުސްތަޤުބަލަށް ވިސްނުމުގެ ބަދަލުގައި ވަރަށް ގިނަ ފަހަރު އެ ދަނޑިވަޅަކާ މެދު އެކަނި ވިސްނާ މަޚްލޫޤެކެވެ. މި "އަނދިރި" ސިފަތައް އިންސާނާގެ ކިބައިގައި ﷲ ލެއްވެވީ ވަރަށް ބޮޑު ޙިކުމަތަކަށް ޓަކައެވެ. އިންސާނާ އިމްތިޙާނު ކުރެއްވުމުގެ ގޮތުންނެވެ. އިންސާނާޔަކީ ދެ މަގު ފެންނަ، އެ ދެ މަގުގެ ތެރެއިން އެއް މަގު އިޚްތިޔާރު ކުރުމުގެ މިނިވަންކަން ދެވިގެންވާ މަޚްލޫޤަކަށް ހެއްދެވުމުގެ ގޮތުންނެވެ. ހެޔޮ މަގު އިޚްތިޔާރު ކުރުމަކީ އިންސާނާ އޭނާގެ އަމިއްލަ، މިނިވަން އިޚްތިޔާރުގައި، އޭނާގެ ނަފުސުގެ އެންމެ އެތެރޭގެ ގޮވައިލުންތަކަކަށް ވެސް ހިތްވަރާއި ހިއްމަތާ އެކު ފުރަގަސް ދީ، ޤުރުބާނީއެއް ވެގެން ކުރާ ކަމެއް ކަމުގައި ލެއްވެވުމަށް ޓަކައެވެ. މި ނޫން ގޮތަކުން، އިންސާނާ ހެޔޮ މަގު އިޚްތިޔާރު ކުރާ ކުރުމީ އޭނާ ކުރާ "ހެޔޮކަމެއް" ކަމުގައެއް ނުވާނެއެވެ. އިންސާނާގެ ކިބައިގައި ލެއްވެވީ ހަމައެކަނި ހެޔޮކަން، އަދި އޭނާޔަށް ހިނގޭނީ ހަމައެކަނި ހެޔޮމަގުން، އަދި އޭނާގެ ކިބައިގައި ނުބައި ކަންކަމަށް ބާރުއަޅާ "ނަފްސުލް އައްމާރާ" އެއް ނުލެއްވެވި ނަމަ، އޭނާ ވީހީ ކޮމްޕިޔުޓަރެއް ފަދަ އެއްޗަކަށެވެ. އޭނާގެ އެއްވެސް ހެޔޮ އަމަލަކީ، އޭނާޔަށް އެއިގެ ސަބަބުން އެއްވެސް ތައުރީފެއް، އެއްވެސް ހެޔޮބަހެއް، އެއްވެސް އިނާމެއް، އެއްވެސް ޘަވާބެއް ޙައްޤު ކަމަކަށެއް ނުވީހެވެ. އާދެ، އިންސާނާގެ ނަފްސުގެ މި ދެންނެވި ބަލިކަށިކަމުގެ އިތުރުން، ޝައިޠާނާގެ ހުއްޓުމެއް، މެދުކެނޑުމެއް ނެތް ވަސްވާސްތަކަކީ އިންސާނީ ނަސްލު މަގު ފުރެދުމުގެ ތެރެޔަށް ވައްޓައިލާ އެންމެ ނުބައި ބާރެވެ. މި ދެ "އަނދިރި ބާރު" ގެ ސަބަބުން، ނޫޙް ޢަލައިހިއް ޞަލާތު ވައްސަލާމް ދުނިޔެ ދޫ ކުރެއްވިތާ މަދު ޤަރުނުތަކެއްގެ ތެރޭގައި، އެކަލޭގެފާނު ދިއްލަވައިފައި ވަޑައިގަތް އިލާހީ ދަންމަރުގެ އަލިކަން ވެސް ނިއްވައިލެވުނީއެވެ. މި ހުރިހައި ކަމެއް ހިނގައިގެން ދިޔައީ، އިންސާނުން ތާރީޚު ލިޔެ ރިކޯޑު ކުރާން ފެށުމުގެ ކުރީންނެވެ. އެހެންކަމުން، މި ކަންކަމުގެ ރިކޯޑުތަކެއް ފެންނާކަށް ނެތީއެވެ.

ނޫޙް ޢަލައިހިއްޞަލާތު ވައް ސަލާމަށް ފަހު، އެތައް ޤަރުނެއް ފާއިތު ވެގެން ދިޔަ އިރު، އިންސާނީ ދުނިޔެ އޮތީ ވަސަނިއްޔަތުގެ އަނދިރިކަމުގެ ތެރެޔަށް ވެއްޓި ނިމިފައެވެ. ތާރީޚު ޢިލްމުވެރީން ވިދާޅުވާ "ޕްރީހިސްޓްރީ" ގެ ދައުރު ނިމި، ތާރީޚުގެ ދައުރު ފެށެނީ މި ޙާލަތުގައި ދުނިޔެ އޮއްވައެވެ. އެއީ، ކުރީންވެސް ދެންނެވި ފަދައިން، މީގެ ފަސްހާސް ފައްސަތޭކަ ވަރަކަށް އަހަރު ކުރީގެ ދައުރެވެ. ޤަދީމީ ޞޫމާރާއި، ޤަދީމީ މިޞްރުގެ ޙަޟާރަތުގެ ރަންޒަމާނެވެ. އިންޑަސް ވާދީގެ ޙަޟާރަތު ވެސް ފެށިގެން އައި ދުވަސްވަރެވެ. އެހެންކަމުން، މި ދުވަސްވަރުގެ ހުރިހައި އާސާރުތަކަކުން ފެންނަނީ ވަސަނިއްޔަތުގެ އަސަރުތަކެވެ. އެ ދުވަސްވަރުގެ ފުލޯކުތަކާއި ރިކޯޑުތަކުގައި ވެސް ހުރީ ވަސަނީ ޚުރާފާތާއި، ވަސަނިއްޔަތުގެ ފިކުރުތަކެވެ. ވަސަނީ ދީންތަކުގެ ސަގާފަތްތަކެވެ. ތާރީޚުން މި މަންޒަރު ފެނުމަކީ، ކޮންމެހެން އިންސާނުންގެ ތެރޭގައި އެންމެ ފުރަތަމަ އޮތީ ވަސަނިއްޔަތު ކަމުގެ ހެއްކެއް ނޫނެވެ. ސަބަބަކީ، އިންސާނުން އެންމެ ފުރަތަމަ ދިރިއުޅުނު ގޮތުގެ ރިކޯޑުތަކެއް ފެންނާން ނެތުމެވެ. މިސާލަކަށް، ޢަލީ ކިޔާ މީހަކު ގއ. އަތޮޅަށް ގޮސް، ފުރަތަމަ ދުވަސް ހޭދަ ކުރީ ކޮން ރަށެއްގައިކަން އެއްވެސް ރިކޯޑަކުން އެނގޭން ނެތި، ދެވަނަ ދުވަސް ހޭދަ ކުރީ ކޮން ރަށެއްގައިކަން ވެސް އެއްވެސް ރިކޯޑަކުން އެނގޭން ނެތި، ތިންވަނަ ދުވަހު އޭނާ ހުރީ ގއ. ވިލިނގިލީގައިކަން އެނގުމަކީ، އޭނާ ފުރަތަމަ ދެ ދުވަހު ވެސް ހުރީ ވިލިނގިލީގައިކަން ކަށަވަރު ކޮށްދޭ ހެއްކެއްތޯއެވެ؟ އެއްގޮތަކަށް ވެސް އެހެންނެއް ނުވެއެވެ. އެހެން ބުނުމަކީ މަންޠިޤީ ހަމަތަކުގެ މަތީން ބަލާއިރު ގޯސް ވާހަކައެކެވެ. އެހެންކަމުން، އިންސާނީ ތާރީޚުގެ ފެންނާން އޮތް އެންމެ ކުރީގެ މުޖުތަމަޢުތަކުގައި ވަސަނިއްޔަތު އޮތް ކަމުގައި ވިޔަސް، އެއީ ތާރީޚީ ރިކޯޑުތަކަށް ވުރެ ކުރީގެ ދުވަސްތަކުގައި އިންސާނުން އުޅުނީ ވަސަނިއްޔަތުގެ ދީނަށް ކަން އަންގައިދޭ ހެއްކެއް ނޫނެވެ.

ކުރީގެ ދައުރުތަކުގައި އިންސާނުންގެ ތެރޭގައި ތައުޙީދާއި މާތް ވެގެންވާ އިސްލާމް ދީނުގެ އަލިކަން އޮތުމަށް ފަހު، ކުރީން ވެސް ދެންނެވި ފަދައިން ނޫޙްގެފާނު ސުވަރުގެ ވަޑައިގަތް ފަހުން، އިންސާނުންގެ ތެރޭގައި މަގުފުރެދުން ޢާއްމު ވެ، ވަސަނިއްޔަތުގެ އަނދިރިކަމަށް އިންސާނިއްޔަތު ވެއްޓިގެން ދިޔައީއޭ ބުނުމަކީ ތާރީޚީ ގޮތުން ބަލާއިރު، މާ ބޮޑަށް ވެސް ހަރުދަނާ ނަޒަރިއްޔާއެކެވެ. ދީނީ ސަގާފަތްތަކުގެ ބަހުން ބާރު ލިބެނީ ވެސް މި ގޮތަށެވެ. ހަމައެހެންމެ، އިންސާނީ ޠަބީޢަތުގައި ވާ އެއްކައުވަންތަ އިލާހަކު ޤަބޫލު ކުރުމުގެ ނަފްސިއްޔާތު ވެސް ބާރު ދެނީ މި ގޮތަށެވެ.

މި ނަޒަރިއްޔާގެ އަނެއް ބައި ގުޅެނީ ނަބީ ބެއިކަލުންގެ ބަފައިކަލުނަށަވި އިބްރާހީމް ޢަލައިހިއްޞަލާތު ވައްސަލާމާއެވެ. ނޫޙް ޢަލައިހިއްސަލާމަށް ފަހު، އެތައް ޤަރުނެއް ވާންދެން ﷲ ސުބުޙާނަހޫ ވަ ތަޢާލާ އިންސާނުންގެ ތެރެޔަށް ނަބީ ބެއިކަލަކު ނުފޮނުއްވެވީ، އިންސާނުންގެ ތެރޭގައި އިންސާނީ ސާފު ޠަބީޢަތާއި، އިންސާނާގެ ކިބައިގައި ލެއްވެވި ބުއްދިޔާއި ޟަމީރުގެ އަލީގައި، ﷲ ވޮޑިގެންވާކަމުގެ މަތިވެރި ޙަޤީޤަތާ ހަމަޔަށް ވިސްނުން ފޯރުވުމުގެ ޤާބިލުކަން އިންސާނާގެ ކިބައިގައި ހުރިކަން އިމްތިޙާނު ކުރެއްވުމުގެ ގޮތުން ކަމުގައި ވެދާނެއެވެ. މިހެން ވީ ނަމަ، އެ ޤާބިލުކަން އިންސާނާގެ ކިބައިގައި ހުރިކަން އިންސާނާ ސާބިތު ކޮށްދިނެވެ. އިންސާނުންގެ ތެރެއިން އެ ހިސާބަށް ވިސްނުން ފޯރުއްވެވި އެންމެ ބެއިކަލެއްގެ ވާސިތާއިންނެވެ. އެ ބެއިކަލަކީ އިބްރާހީމް ޢަލައިހިއްޞަލާތު ވައްސަލާމެވެ. އިންސާނާ ޚަލްޤު ކުރެއްވުމުގެ ފައްތަރުގައި، މަލާއިކަތް ބެއިކަލުންނާ މުޚާޠަބު ކުރައްވައި "ތިޔަ ބެއިކަލުން ދެނެވަޑައިނުގަންނަވާ ކަންތައްތަކެއް ތިމަންރަސްކަލާނގެ ދެނެވޮޑިގެން ވަމޭ" މިފަދައިން ވަޙީ ކުރެއްވި ބަސްފުޅުގެ އެއް މާނަ ވެސް އިބްރާހީމްގެފާނު ގިނިކަންޏާ "އިލާހީ ނޫރުފުޅުގެ މަންޒިލާ" ހަމަޔަށް ކާމިޔާބުކަމާ އެކު ކުރެއްވި ދަތުރުފުޅުން ފެނިގެން ދާކަމަށް ބުނެވިދާނެ ނޫންތޯއެވެ؟ އާދޭހެވެ! އިބްރާހީމްގެފާނު ސާބިތު ކޮށްދެއްވީ އިންސާނާގެ ބުއްދިޔާއި ޟަމީރަކީ ﷲ ވޮޑިގެން ވުމުގެ މަތިވެރި ޙަޤީޤަތާ ހަމަޔަށް – ޝައިޠާނާޔަށް ފުރަގަސް ދީ، ހެޔޮ ގޮތުގައި ހިފައިގެން، ހެޔޮ ވިސްނުމުން ވިސްނައިގެން – އިންސާނާގެ ފިކުރު ގެންގޮސްދޭނެ ވަސީލަތްތަކެއް ކަމެވެ. އިބްރާހީމްގެފާނު ސާބިތު ކޮށްދެއްވީ އިންސާނާޔަކީ ޝައިޠާނާޔަށް ނޫނެކޭ ބުނުމުގެ ފުރިހަމަ ޤާބިލިއްޔަތު ލިބިގެންވާ މަޚްލޫޤެއްކަމެވެ. އެހެންކަމުން، އެކަލޭގެފާނަށް ލިބިވަޑައިގަތް މަތިވެރި ދަރަޖަޔަކީ "ﷲ ގެ ޚަލީލް" ގެ ދަރަޖައެވެ.

ދެން ދައްކާން އޮތް ވާހަކަޔަކީ މި ޒަމާނުގެ ވަސަނިއްޔަތުގެ ވާހަކައެވެ. އިބްރާހީމްގެފާނުގެ ފަހުން ވަޑައިގަތް އެތައް ރަސޫލުންނެއްގެ ތަޢުލީމުގެ ސަބަބުން، މުސްކުޅި ވަސަނިއްޔަތު މުޅީން ފުނޑުފުނޑު ވެ، ނެތިގެން ގޮސް، ޒަމާނީ ސައެންސުގެ އަލީގައި ވެސް އެއީ ބާޠިލު، އެއްވެސް ތާކުންތާކު ނުޖެހޭ ވިސްނުންތަކެއްކަން ސާބިތު ވެއްޖެއެވެ. ހިންދޫން ކަހަލަ ބަޔަކު މެނުވީ އެއީ އެއްވެސް އަޞްލެއް އޮތް އެއްޗެއް ކަމަކަށް ނުދެކެއެވެ.

ނަމަވެސް، މި ޒަމާނުގައި އަލަށް ފައުޅު ވެގެން އުޅޭ ވަސަނިއްޔަތެއް މުޅި ދުނިޔޭގައި ދަނީ ވަކި ހިއްޕަމުންނެވެ. މި ވަސަނިއްޔަތަށް ކިޔާނެ އެންމެ ރަނގަޅު ނަމެއް ކަމަށް ފެންނަނީ "ނިއޯޕެގޭނިޒަމް" އެވެ. މި ލަފުޒަކީ މިހާރު ވެސް، ޤަދީމީ ވަސަނިއްޔަތު ޒަމާނީ ސިޔާޤެއްގައި ދިރުވުމަށް މަސައްކަތް ކުރާ ބަޔަކު ބޭނުން ކުރާ ނަމެކެވެ. ނަމަވެސް މި ލިޔުމުގައި އެނަމުން ސިފަ ކުރާން މި އުޅެނީ އަދި ތަފާތު އެއްޗެކެވެ. އެނަމުން ސިފަ ކުރާން މި އުޅެނީ، ޝަހާދަތް ދުލުން ކިޔަމުން، ނުވަތަ އާދީއްތަ ދުވަހު ފައްޅިޔަށް ދަމުން، ނުވަތަ ހަނޫއްކާ ފާހަގަ ކުރަމުން، ވަސަނިއްޔަތަށް އުޅޭ މީހުންގެ ވަސަނިއްޔަތެވެ. އެ ވަސަނިއްޔަތަކީތޯއެވެ؟

އާދެ، ބާރަށް – ފައިސާޔާއި މުދަލާއި މަޤާމުން ލިބޭ ބާރު – އަޅުކަން ކުރުމުގެ ވަސަނިއްޔަތެވެ. ޙަލާލެއް ޙަރާމެއް ނުބަލައި ފައިސާ ހޯދުމާއި، އިންސާނީ ޙައްޤުތަކޭ ޑިމޮކްރަސީއޭ މިނިވަންކަމޭ ކިޔައިގެން ނުބައި އަދި ތާކުންތާކު ނުޖެހޭ ޝިޢާރުތައް އުފުލައިގެން ވެރިކަމާއި ބާރާއި މަޤާމު ހޯދުމަކީ ދުނިޔޭގެ ޙަޔާތުގެ މަޤްޞަދު ކަމުގައި ބަލާ ވަސަނިއްޔަތެވެ. ޑިސްކޯތަކާއި، ބަނގުރާ ޕާޓީތަކާއި، ޑީޖޭތަކާއި، ކެސިނޯތަކަކީ އެ ވަސަނިއްޔަތެއްގެ ފައްޅިތައް ކަމުގައި ހިމެނޭ ވަސަނިއްޔަތެވެ. ޢައްޔާޝިއްޔަތާއި ފާޙިޝް ޢަމަލުތަކާއި، މަސްތުވުމާއި، އެއް ޖިންސުން ގުޅުން ހިންގުމާއި، ޒިނޭ ކުރުން ފަދަ ނުބައި ޢަމަލުތަކަކީ އެ ވަސަނިއްޔަތެއްގެ ފައްޅިތަކުގައި ކުރެވޭ އަޅުކަން ކަމުގައި ހިމެނޭ ވަސަނިއްޔަތެވެ. ދޮގުވެރި ސިޔާސީ ލީޑަރުންނާއި، ފިލްމު ކުޅޭ މީހުންނާއި، "މޮޑެލް" ކުރާ މީހުންނަކީ އެ ވަސަނިއްޔަތެއްގެ "ކަލާނގެތައް" ކަމުގައި ހިމެނޭ ވަސަނިއްޔަތެވެ. ފަލަސްޠީނުގައި، ކަޝްމީރުގައި، ސީރިޔާގައި، ޔަމަނުގައި މުސްލިމް ތުއްތު ކުދީން ކުރަފިތަކެއް ފަދައިން މަރަމުން ކަތިލަމުން ދާއިރު، ތަށަށް ކިޔަނީ މަރިޔަބުހޭ އަހައިނުލާ "މުސްލިމުން" އެއިން "ކަލާނގެއެއް" އަމިއްލަޔަށް މަރު ވުމުން ސޯޝަލް މީޑިޔާގައި ރޮއިހޭރުމަށް މަގުދައްކާ ވަސަނިއްޔަތެވެ. އެއިން "ކަލާނގެއެއް" ހަދިޔާ ބަހާން ފެށީމާ، ގިޔާމަތް ވުމުން ތެޅިފޮޅޭހެން، އެ ހަދިޔާ ހޯދުމަށާއި، އެ ހަދިޔާއަށް ވީނުވީއެއް ހޯދާން އެކި ދިމަދިމާޔަށް ބޯ އުކުމުގައި ރެޔާ ދުވާ ހޭދަ ކުރުން އެއީ ދިރިއުޅުން ކަމުގައި ހެދި ވަސަނިއްޔަތެވެ. އެއިން "ކަލާނގެއެއް" ގެ އުފަން ދުވަސް އައުމުން، ޤައުމުގައި ހަވާ އަރުވައި އުޅުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމަށް ބުނެދޭ ވަސަނިއްޔަތެވެ.

"އައު ވަސަނިއްޔަތު" ނުވަތަ "ނިއޯޕެގޭނިޒަމް" ގެ މި ދަންނަވާ ބާޠިލު "ކަލާނގެތަކަކީ" ކޮން ކަހަލަ އެއްޗެއްކަން، އެ ބާޠިލު ކަލާނގެތަކުގެ އުޅުމަށް އެކަނި ބެލިޔަސް އެނގޭނެއެވެ. އެމީހުންގެ އުޅުމަކީ ޒިނޭ ކުރުމާއި، ރާބުއިމާއި، ރައްޓެއްސެއް ދެބެންގެ ދެދަރިޔެއް ކޮއްކޮއެއް ދައްތައް ބެލުމެއް ނެތި ރޭޕު ކުރުމާއި، މީހުންގެ ރުހުން ހޯދުމަށް ޓަކައި ދޮގުމަކަރު ހެދުން ފަދަ ކަންކަމެވެ. "ނިއޯޕެގޭނިޒަމް" ގެ އެންމެ މުހިއްމު އެއް އުންސުރަކީ "ސެލެބްރިޓީން" ގެ ނަމުގައި މި ދަންނަވާ "ބާޠިލު ކަލާނގެތައް" އުޑާ ހަމަޔަށް އުފުލައި، އެވެރީންނަށް "ތަރީން" ގެ ނަން ދީގެން އުޅޭ މީޑިޔާއެވެ. ޒަމާނީ މީޑިއާ އަކީ ނިއޯޕެގޭނިޒަމްގެ ފައްޅިއެއް ކަމުގައި ވެސް ބުނެވިދާނެއެވެ. ޑިސްކޯތަކާއި ނައިޓުކުލަބުތަކާއި ކެސިނޯތައް ފަދައިންނެވެ. ނިއޯ-ޕެގޭނިޒަމުގެ ސަގާފަތުގެ ސިޔާސީ "ލީޑަރުން" ކޮންމެ ކަމެއް ކުރިޔަސް، އެމީހުންގެ ބަސްތަކާއި ޢަމަލުތަކުގެ ވާހަކަތައް އަބަދު ގޮވައި، މުޖުތަމަޢުގެ ލަގަން އެމީހުންގެ އަތަށް ދީގެން، އެމީހުން "ގްލޮރިފައި" ކުރާ މީޑިޔާއެވެ. މި ވަސަނިއްޔަތުގެ އެންމެ ބޮޑެތި "ޢިލްމުވެރީން" ނަކީ ރިޗަރޑް ޑޯވކިންސް އާއި، ކްރިސްޓޮފަރ ހިޗެންސް އާއި، ސޭމް ހެރިސް ފަދަ އިލްޙާދީ ގޮވެލިވާރުންނެވެ. މި ވަސަނިއްޔަތުގެ "މުޖާހިދުން" ނަކީ އެއް ޖިންސުން ގުޅުން ހިންގުމާއި، ބަނގުރާ ބުއިމާއި، ފާޙިޝް ޢަމަލުތަކަށް ގޮވައިލައި ރިޕޯޓުތައް ނެރެމުން، ޓުވީޓުތައް ކުރަމުން، ބަޔާންތައް ނެރެމުން އުޅޭ "މަދަނީ ޖަމްޢިއްޔާ" ތަކާއި މީހުންނެވެ.

ނިއޯޕެގޭނިޒަމަކީ އެތައް ގޮތަކުން ބަލާ އިރު، އާދަމްގެފާނު ދުނިޔެއަށް ފޮނުއްވުނީއްސުރެ، ލަޢުނަތް ލެއްވި އިބިލީހަށް އުފެއްދުނު އެންމެ މޮޅު އުފެއްދުމެވެ. މި އުފެއްދުމުގެ އެންމެ މޮޅު އެއް ކަމަކީ، މުސްލިމުންނަށް މުސްލިމުންގެ ނަންމަތީގައި ތިބެ މި ދީނަށް އުޅެވޭކަމެވެ. ޔަހޫދީންނަށް ޔަހޫދީ ދީނުގައި، ކްރިސްޓިޔަނުންނަށް ކްރިސްޓިޔަން ދީނުގައި ނަމުގައި ތިބެގެން އެ ދީނަށް އުޅެވޭކަމެވެ. އެކަން އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިއަދު ކަންކަން ހިނގަމުންދާ ގޮތަށް ބެލުމުން، ބުއްދިޔާއި ޟަމީރު ހަލާކު ނުވާ ކޮންމެ މީހަކަށް ވަރަށް ސާފުކޮށް ފެންނާނެއެވެ. އިސްލާމް ދޫކޮށް، ނިއޯޕެގޭނިޒަމަށް ހަލުވިކޮށް ވެއްޓެމުންދާ ދިވެހިރާއްޖެއިން މި މަންޒަރު ރަނގަޅަށް ފެންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް