އައިއޯއައިޖީ އާއި އޭޝިއަން ގޭމްސްގައި ވާދަކުރާ ބެޑްމިންޓަން ސްކޮޑް އިއުލާނުކޮށްފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ސްކޮޑް--- ފޮޓޯ / ބެޑްމިންޓަން އެސޯސިއޭޝަން

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ސްކޮޑް އެކުލަވާލައިފިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 އަދި އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ ސްކޮޑް އިއުލާނުކުރިއިރު، މި ފަހަރުގެ ސްކޮޑުގައި ޖުމްލަ 14 ކުޅުންތެރިން ހިމެނެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، ސްކޮޑް އެކުލަވާލުމަށް ފަހު، ވަރަށް އަވަހަށް ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން ތަމްރީނުތައް ކުރިއަށްދަނީ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަދި އޭޝިއަން ގޭމްސްއަށް ޚާއްސަކޮށް ގެނެސްފައިވާ ދެކުނު ކޮރެއާގެ ހައި ޕާފޯމަންސް ކޯޗުގެ ބެލުމުގެ ދަށުން ކަމަށެވެ.

މި ކޯޗުގެ ބެލުމުގެ ދަށުން މިއަހަރުގެ ސެމްޓެމްބަރު މަހުގެ ނިޔަލަށް ތަމުރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމީ ބެޑްމިންޓަން ސްކޮޑް ކޯޗުންގެ އިރުޝާދާ އެކު އެކުލަވައިލެވުނުއިރު، މި ސްކޮޑުގައި ހިމެނުމަށް ހުށައެޅުނު ޤައުމީ ބެކްއަޕް ސްކޮޑްގެ 10 ކުޅުންތެރިންގެ ތެރެއިން މި ސްކޮޑުގައި ހިމެނިފައިވަނީ ދެ ކުޅުންތެރިންނެވެ. އަދި އެކަޑަމީތަކުން ހިމެނުމަށް ހުށައެޅުނު ފަސް ކުޅުންތެރިންގެ ތެރެއިން މި ސްކޮޑުގައި ހިމެނިފައިވަނީ ދެ ކުޅުންތެރިންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، އެ އެސޯސިއޭޝަނުގެ އަމާޒަކީ ކުރިއަށް އޮތް އޭޝިއަން ގޭމްސް އިން ރަނގަޅު ނަތީޖާއެއް ހާސިލްކުރުމުގެ އިތުރުން، މީގެ ކުރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދި ކާމިޔާބީތަކަށް ވުރެ ބޮޑު ކާމިޔާބެއް މި ފަހަރު ހޯދުންކަމަށެވެ.

comment ކޮމެންޓް