ދިއްދޫ ފަރުމައްޗަށް ބާޖެއް އަރައި 24 ގަޑިއިރަށް ވުރެ ގިނައިރުވެ ކަންބޮޑުވުން!

ދިއްދޫ ފަރަށް ބާޖެއް އަރައިފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

ހއ. ދިއްދޫ ފަރުމައްޗަށް ބާޖެެއް އަރައި ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ އިއްޔެ ހެނދުނު 6:00 ހާއިރު ބަނދަރުގެ މަސައްކަތްކުރުމަށް ހިލަ ހިފައިގެން ދިޔަ ބާޖެއް ކަމަށެވެ.

"ފަރުމައްޗަށް ބާޖު ވެސް އޮތީ ލައްވެފައި. ޓަގުބޯޓު ވެސް އޮތީ ލައްވެފައި،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެހެން ނަަމަވެސް، ބާޖާއި ޓަގު ފުންކުރުމަށް އެއްވެސް މަސައްކަތެއްކުރަމުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ކަންބޮޑުވުން މިހާރު އީޕީއޭއާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ދައުލަތުގެ އިދާރާއަކުން ހިއްސާކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ދިއްދޫ ފަރުމައްޗަށް ބާޖެއް އަރައިފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

ފަރަށް އަރައިފައިވާ ބާޖުގައި އުޅޭ ފަޅުވެރިން އުޅެނީ ވަރަށް ހާލުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އެ ރަށު މީހަކު "ސަން"އަށް ބުނީ ބާޖު އަަރައިފައިވަނީ ދިއްދޫ ފަރުގެ ވަރަށް ރީތި، މަސްވެރިކަން ވެސް ވަރަށް ރަނގަޅު ހިސާބަކަށް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ވެސް ބުންޏެވެ.

comment ކޮމެންޓް