ނޫސްވެރިން މިނިވަން ކުރަން، ރައްޔިތުން މިކަން ކޮށްދީ!

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް-- ސަން ގްރެފިކްސް: ފަހީމް

އެވެނި މިވެނި ކުންފުންޏަކުން ރައްޔިތުންނަށް އެތައް ދައްޗެއް ކުރިޔަސް އެ ޚަބަރު ނުލިޔަނީ ކީއްވެ ހެއްޔެވެ؟ މިވެނި ކުންފުންޏަކުން ނަގާ އަގާ އެކަށީގެންވާ ޚިދުމަތެއް ނުދޭއިރު އެ ވާހަކަ ނޫސްވެރިން ނުދައްކަނީ ކީއްވެ ހެއްޔެވެ؟ ބޮޑެތި ކޮރަޕްޝަންތައް ހިންގާ ސަރުކާރުގެ ބައެއް ކުންފުނިތަކާއި ވެރިންގެ ވާހަކަ ނޫސްތަކުގައި ފާޅުގައި ލިޔަން ނުކެރެނީ ކީއްވެ ހެއްޔެވެ؟ މިއީ ބައެއް ނޫސްތަކާމެދު އާއްމުން އުފައްދާ ސުވާލެވެ. އެ ސުވާލުތަކުގެ ޖަވާބު ވަރަށް ސާފެވެ. ސްޕޮންސާ ދޭތީ އެ ވާހަކަ، ދައްކަން ޖެހޭ ގޮތުގައި ނުދެއްކެނީއެވެ.

ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަސް މިއަދު ފާހަގަ ކުރާއިރު މިއީ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެކެވެ. ދިވެހި ނޫސްވެރިކަމަށް އޮތް އެންމެ ބޮޑު ހުރަހުގެ ވާހަކައެވެ. އެއީ މާލީ މިނިވަންކަން ނެތުމުގެ ވާހަކައެވެ. ރާއްޖޭގެ ހުރިހާ މީޑިއާއެއް ކަހަލަ ގޮތަކަށް ހިންގަމުން އަންނަނީ ސްޕޮންސާއަށް ބަރޯސާވެގެންނެވެ. އެންމެ ގިނައިން ސްޕޮންސާ ދެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. އެވަރުން ޚަރަދު ދެކޮޅު ނުޖެހޭ ހާލަތްތަކުގައި އެހީތެރިކަމެއް ދެނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތެއް ނުވަތަ ވިޔަފާރިވެރިއެކެވެ. އެހެންކަމުން އެ އެންމެންގެ މަސްލަހަތު ނޫސްތަކުން ހިމާޔަތް ކުރަން ޖެހެއެވެ. އޭގެ ނަތީޖާއަކީ ނޫސްވެރިން ނުފޫޒެއްގެ ތެރޭގައި ބަނދެވުމެވެ.

"ސްޕޮންސަރުން ހިތްހަމަ ނުޖެހޭ އާޓިކަލެއްވިއްޔާ ޕަބްލިޝްކުރުމަށްފަހު ވެސް ނަގަން އެބަ އަންގާ. އަދި ވަކި ގޮތަކަށް ލިޔަން އެބަ އަންގާ. އެކަމަށް އިޖާބަ ނުދީފިނަމަ ސްޕޮންސާ ކަނޑާލާނެ ކަމުގެ އިންޒާރު ވަގުތުން ދޭ. ސްޕޮންސާ ކަނޑާލައިފިއްޔާ އެ މަހު ނޫސްވެރިންނަށް މުސާރަ ދެވޭނެ ގޮތެއް ނޯންނާނެ. ދެން ވިސްނާ މިނިވަން ނޫސްވެރިކަން ކުރެވޭނެ މިންވަރު،" ރާއްޖޭގެ މެއިންސްޓްރީމް މީޑިއާއެއްގެ އިސް މަގާމެއްގައި ހުރި އެޑިޓަރަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.

މުޒާހަރާއެއް ކަވަރު ކުރަން އުޅުނު ނޫސްވެރިއަކަށް އަނިޔާވެފައި--- ފޮޓޯ/ ޕީޕީއެމް

ހުރިހާ ނޫހެއްގައި ވެސް ހުންނަނީ އެއް ޚަބަރުތަކެއް ކަމާއި، މީހުން ކިޔާ ހިތްވާ ފަދަ އާ އުފެއްދުންތައް މަދު ކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ. ކޮލިޓީ ކޮންޓެންޓް މަދު ވުމުގެ ވާހަކައެވެ. އެކަން ވެސް ގުޅިފައި މިއޮންނަނީ ފައިސާއާއެވެ. މޮޅެތި އުފެއްދުންތައް އުފެއްދޭނީ މޮޅެތި މީހުންނަށެވެ. ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ވެސް ގާބިލް މީހުންނަށެވެ. އެފަދަ ނޫސްވެރިން ރާއްޖޭގައި ވެސް އެބަތިއްބެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މީހުން ތިބީ ދާއިރާއާ ދުރުގައެވެ. އެހެން ވަޒީފާތަކުގައެވެ. ސަބަބަކީ ހޯދާފައިވާ ތައުލީމާއި ހޭދަ ކުރަން ޖެހޭ ވަގުތާ އަޅާބަލާއިރު އެކަށީގެންވާ ވަރުގެ އާމްދަނީއެއް ނޫސްވެރިކަމުން ނުލިބޭތީއެވެ.

"ވަރަށް މަދު ނޫހެއްގައި އިތުރުގަޑީގައި މަސައްކަތްކުރީމާ އޯޓީ ފައިސާ ލިބޭނީ ވެސް. ހަފުތާގެ ހަ ދުވަހު އެތައް އިރަކު މަސައްކަތް ކުރަން ޖެހޭ. ސަރުކާރު ބަންދެއް އީދު ބަންދެއް ނޯވޭ. އަށް ގަޑިޔަށް ވުރެން އިތުރަށް ކޮންމެ ދުވަހަކުހެން މަސައްކަތް ކުރަން ޖެހޭ. އިތުރު އެއްވެސް އިނާޔަތެއް ނުލިބޭނެ. އިންޝުއަރެންސެއް ނޫނީ ހައުސިން އެލަވަންސެއް ވެސް ނުލިބޭ. އެހެންވީމާ ކިޔަވައިގެން ނުތިބޭނެ ދޯ ނޫސްވެރިކަން ކުރާކަށް ކުޑަ މުސާރައަކަށް. އެހެންވެ އެހެން ވަޒީފާތައް ހޯދަން ޖެހެނީ،" ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހަދާފައިވާ އިފާދު ވަހީދު ވިދާޅުވިއެވެ.

"އަނެއް ކަމަކީ ބެސްޓް ޕްރެކްޓިސް އަށް ޢަމަލުތައް ނުބެހެއްޓޭތީ. އުނގެނޭ އެއްޗެއް ބޭނުން ކުރެވޭ ގޮތަކަށް ނޫން ނޫސްވެރިކަން ރާއްޖޭގައި މިހާރު އޮތީއެއް. އެހެން ވާ މައިގަނޑު ސަބަބަކީ ވެސް ސްޕޮންސަރުންގެ ނުފޫޒާއި އެފަދަ ކަންކަން."

މޮޅު ކޮންޓެންޓް ނުއުފެއްދޭ އަނެއް ސަބަބު ވެސް ގުޅިފައި ވަނީ މާލީ ގޮންޖެހުމާއެވެ. ރަނގަޅު ކޮލިޓީ އުފެއްދުމެއް އުފެއްދޭނީ ޚަރަދުތަކެއް ކޮށްގެންނެވެ. ދަތުރުތައް ކުރުމަށާއި ރިސާޗް ކުރުމަށް ނޫސްވެރިން ހުސްކުރަން ޖެހެއެވެ. ނަމަވެސް އެ ފުރުސަތު ދިވެހި ނޫސްވެރިންނަކަށް ނުލިބެއެވެ. މެއިންސްޓްރީމް ހުރިހާ މީޑިއާއެއް މާލޭގައި ސްޓޭޝަންވެ ތިބެގެން ހިންގަން ޖެހެނީ އެ މާލީ ދަތިތަކުގެ ސަބަބުންނެވެ. ދުނިޔޭގެ ބޮޑެތި މީޑިއާތަކަށް ބަލާއިރު ވަކި ބާވަތްތަކުގެ އާޓިކަލް ލިޔެ އުފައްދަން ނޫސްވެރިން ޚާއްޞަކޮށް، އެކަމަށް ހުސްކޮށްފައި ތިބެއެވެ. ނަމަވެސް ރާއްޖޭގައި ގިނަ ނޫސްވެރިންނަކީ ކޮންމެ ދުވަހަކު އެތައް މަސައްކަތެއް ކުރަން ޖެހޭ ބައެކެވެ. އެކަށީގެންވާ ވަރަށް މުވައްޒަފުން ނުތިބޭތީ ވަކިވަކި ނޫސްވެރިންގެ މަސައްކަތް ގިނައީއެވެ. ނަތީޖާއަކަށް ވަނީ ކޮލިޓީ އުފެއްދުންތަކަށް ވަގުތު ނުދެވުމެވެ. އޮއްޓަރުގެ ގޮތުން ނިކަމެތިވެ ބަލިކަށި އުފެއްދުންތައް ޢާންމުވަނީއެވެ.

ދުނިޔޭގެ ގައުމުތަކަށް ބަލާއިރު މީޑިއާގެ ދާއިރާއަކީ ވަރަށް ފައިދާ ބޮޑު ވިޔަފާރިއެކެވެ. ނަމަވެސް ރާއްޖޭގައި އެވަރުގެ ފައިދާއެއް ލިބޭ ހަމަ އެންމެ މީޑިއާއެއްވެސް އޮތް ކަމަކަށް ނުފެނެއެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކަށް ބަލާއިރު ނޫސްވެރިކަމަކީ އަބުރުވެރި، އަދި ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެކެވެ. ނަމަވެސް ރާއްޖޭގައި އެކަން އޮތީ އެހެނެއް ނޫނެވެ. އޭގެ ނަތީޖާއަކީ ދިވެހި ބައެއް މަދު ނޫސްވެރިން ނަމަވެސް ނުފޫޒުތަކުގެ މަޅީގައި ވެސް ޖެހުމެވެ.

"ނޫސްވެރިންނަށް މިހާރު މި ލިބޭ އެއްޗަކުން ނުފުދޭ. އެހެންވެ ދިރިއުޅުން ރަނގަޅު ކުރުމަށް ގޮތްތަކެއް އެބަ ހޯދާ. އެ ހޯދާއިރު ރަނގަޅު ނޫން ގޮތްގޮތަށް އެހީތެރިކަން އެބަ ހޯދޭ. އާޓިކަލެއް ވަކި ގޮތަކަށް ބައްޓަންކުރުމަށް ހަދިޔާގައި އެބަ ހިފާ. މި ހާލަތަށް މިދާ މައިގަނޑު ސަބަބަކީ މީޑިއާ އިންސްޓިއުޝަންތަކުން ނޫސްވެރިންނަށް އެކަށީގެންވާ އުޖޫރަ ނުދެވުން. މާލީ ފުދުންތެރިކަމާއި މިނިވަންކަން ނެތުން." ސަން ސިޔާމް މީޑިއާގެ ސީއޯއޯ މުޙައްމަދު އާސިފް (މޮންދު) ވިދާޅުވިއެވެ.

މިނިވަން ކަމަށް ގޮވާލައި، ނޫސްވެރިން މަޖިލިސް ސަރަޚައްދުގައި މުޒާހަރާ ކުރަނީ --- ސަން ފޮޓޯ

މީޑިއާއެއްގެ މައިގަނޑު މަގުސަދަކަށް ވާން ވާނީ ތެދު މައުލޫމާތު ފެތުރުމެވެ. މީޑިއާއެއް އުފައްދަން ޖެހޭނީ އެކަން ކުރުމަށެވެ. ނަމަވެސް ރާއްޖޭގައި މީޑިއާތައް އުފައްދަން ސިޔާސީ ދާއިރާގެ މީހުންނާއި ބޮޑެތި ވިޔަފާރިވެރިން ފަންޑު ކޮށްފައި ހުރި މިންވަރު ނިސްބަތުން ގިނައެވެ. އޭގެ ތެރެއިން ގިނަ މީހުންގެ މައިގަނޑު މަގުސަދަކީ ސިޔާސީ ގޮތުން މަންފާ ހޯދުމެވެ.

"ބައެއް މީޑިއާތަކަކީ ކޮންމެ ވެސް ނުފޫޒުގަދަ ފަރާތެއް ފަހަތުގައި ހުރެ ހިންގާ ތަންތަން. އޭގެ ސަބަބުން އެ މީހުންގެ ފިކުރަށް ދީއްލާލާން ޖެހޭފަހަރު ގިނަ. ދައުލަތުން ބަޖެޓް މި ލިބެނީ ޕަބްލިކް ސާވިސް މީޑިއާއަށް އެކަނި. އެ ބަޖެޓް ލިބުމުގައި ވެސް ދައުލަތުގެ އެކި މުއައްސަސާތަކަށް ކޮންޓްރޯލާއި ނުފޫޒު ފޯރުވޭގޮތަށް އޮތީމަ ދައުލަތުގެ މީޑިއާއަކީ ވެސް އެންމެ މިނިވަން މީޑިއާއެކޭ ނުދެންނެވޭނެ." މޮންދު ވިދާޅުވިއެވެ.

ރާއްޖެއަށް ބަލާއިރު ނޫސްތައް އިންތިހާއަށް އިތުރެވެ. ހަރުދަނާ އުސޫލުތަކެއް ނެތުމުގެ ސަބަބުން މިކަން ވެފައި މިއޮންނަނީ ކޮންމެ މީހަކަށް ވެސް ކުރެވޭ ކަމަށެވެ. އެހެންކަމުން ދެ މީހަކު އެއްވެލުމަށް ފަހު ނޫހެއް ހަދައިގެން ފައިސާ ހޯދަން މަސައްކަތް ފަށަނީއެވެ. މީގެ ކުރިން ނަމަ ރާއްޖޭގައި ގިނަ އިޝްތިހާރު ލިބެނީ އެންމެ ގިނަ މީހުން ކިޔާ، އެންމެ މަގުބޫލު ނޫހަށެވެ. ނަމަވެސް މިހާރު އެކަން ވެސް ބަދަލުވެއްޖެއެވެ. ސްޕޮންސަރުން ވެސް ގިނަ ފަހަރަށް ހޯދަން ޖެހެނީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެންނެވެ. އެހެންވެ ކުންފުނިތަކުން ސްޕޮންސާޝިޕްގެ ނަމުގައި ފައިސާ ނެރުމަށްޓަކައި ވެސް ނޫސްތައް އެބަހިންގައެވެ. މިއީ މިނިވަން ނޫސްވެރިކަމަށް އޮތް ހުރަސްތަކެވެ.

ހައްލަކީ ކޮބާ؟

ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު އެ ގައުމުތަކުގެ މީޑިއާތަކުން ގިނަ ގޮތްގޮތުން އާމްދަނީ ހޯދައެވެ. އޭގެ ތެރެއިން އެއްގޮތަކީ އިޝްތިހާރު ކޮށްދިނުމެވެ. އެއީ ރާއްޖޭގައި މީޑިއާތައް ބަރޯސާ ވެފައިވާ މޮޑެލްއެވެ. ދެން ދުނިޔޭގެ އެންމެ ފާހަގަ ކޮށްލެވޭ ފައިނޭސިން މޮޑެލްތަކުގެ ތެރޭގައި ސަބްސްކްރިޕްޝަން އާއި އޮންޑިމާންޑް ކޮންޓެންޓާއި އިވެންޓްތައް ބާއްވައި ދިނުމުގެ އިތުރުން ރައިޓްސް އާއި ކޮންޓެންޓް ވިއްކައިގެން އާމްދަނީ ހޯދުން ހިމެނެއެވެ.

މީޑިއާގައި މަސައްކަތް ކުރައްވާތާ 32 އަހަރު ވެފައިވާ މޮންދުގެ ނަޒަރުގައި ދިވެހި މީޑިއާތައް މާލީ މިނިވަންކަން ހޯދުމަށް ސަބްސްކްރިޕްޝަން މޮޑެލްއަކަށް ދިއުމަކީ ރަނގަޅު ގޮތެކެވެ. އޭނާ ވިދާޅުވިގޮތުގައި ރައްޔިތުން ބޭނުންވާ ގޮތަށް ކޮންޓެންޓް ގެނެސްދެވޭނެ އެންމެ ރަނގަޅު ގޮތަކީ ރައްޔިތުން ސަބްސްކްރައިބް ކޮށްގެން ނޫސްތައް ކިޔުން ކަމަށެވެ. އޭރުން މީޑިއާތަކުން ސްޕޮންސަރުންނާއި ވިޔަފާރިވެރިންގެ ހިމާޔަތަށް ވުރެން ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހި ރަނގަޅު ކޮންޓެންޓް އުފެއްދޭނެ ކަމަށް މޮންދު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ޖަވާބުދާރީވެވޭނެ އިންތިޒާމަކަށް އެފަދަ މީޑިއާތަކުން އިސްކަންދޭނެއެވެ.

ސަބްސްކްރައިބް ކޮށްގެން ނޫސްތައް ކިޔުމަކީ ކޮންމެ މަހަކު ނުވަތަ އަހަރަށް ވާވަރަށް ނޫސްތަކަށް އާއްމުން ފައިސާ ދައްކައިގެން ނޫސް ކިޔުމެވެ. މިއީ ދުނިޔޭގެ ބޮޑެތި ނޫސްތަކުން ބޭނުން ކުރާ ކާމިޔާބު މޮޑެލްއެކެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ ނިއުޔޯކް ޓައިމްސްއަށް ސަބްސްކްރިޕްޝަންގެ ގޮތުގައި މިދިޔަ އަހަރު 1.55 ބިލިއަން ޑޮލަރު ލިބުނެވެ. އެއީ އެ މީޑިއާގެ އާމްދަނީގެ 67 ޕަސެންޓެވެ. އެ މީޑިއާއަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ބަރޯސާ އެވަނީ އާއްމުންގެ އަތުން ނަގާ ފީއަށެވެ. މިއީ ދުނިޔޭގެ އެހެން ބޮޑެތި ނޫސްތައް ވެސް ހިންގާ މޮޑެލްއެވެ. އަދި މިއީ މިހާރު ރާއްޖޭގައި ވެސް ތަޖުރިބާ ކުރަން ޖެހިފައިވާ މޮޑެލްއެކެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފިސް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް އަޙްމަދު މުސްތަފާގެ ނަޒަރުގައި ވެސް ދިވެހި މީޑިއާތައް މާލީގޮތުން މިނިވަން ވާން އޮތް އެންމެ ރަނގަޅު އެއްގޮތަކީ ސަބްސްކްރިޕްޝަން މޮޑެލްއެއް ތައާރަފް ކުރުމެވެ.

"ދުވާލަކު މަދުވެގެން އެއްފަހަރު ޚަބަރު ބަލައިނުލާ މަދު ބަޔަކު އުޅޭނީ. ގައުމައި ހިނގާ ކަންކަން ގިނަ މީހުން ޢާންމުކޮށް ބަލާ. މިހާރު ސަބްސްކްރިޕްޝަން މޮޑެލްއެއް ނެތީމައި ނުކުރަނީ." މުސްތަފާ ވިދާޅުވިއެވެ.

ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ ނަޒަރުގައި ސަބްސްކްރިޕްޝަން މޮޑެލަކަށް ދާން ބަލާއިރު ރާއްޖޭގައި ކުރިމަތި ވެދާނެ އެންމެ ބޮޑު ގޮންޖެހުމަކީ އާބާދީ ކުޑަވުމުން އެ ހިދުމަތް ހޯދާ މީހުންގެ އަދަދު މަދުވުމެވެ. ނަމަވެސް އެއީ ތަޖުރިބާ ކުރަން މިހާރު ޖެހޭ މޮޑެލެއް ކަމަށް މަރީ ވެސް ގަބޫލު ކުރައްވައެވެ.

ތެދު ހާމަ ކުރާ މީޑިއާތަކަކީ ގައުމަށް ވަރަށް މުހިންމު ތަންތަނެވެ. އެހެންވެ ބައެއް ގައުމުތަކުން ޓްރަސްޓްފަންޑްތަކުން މީޑިއާތަކަށް އާމްދަނީ ހޯދައެވެ. އަދި އާއްމުންގެ އަތުން އެކިގޮތްގޮތުން ފައިސާ ނަގައިގެން ވެސް މީޑިއާތައް ހިންގައެވެ.

ކުރީގެ އޮޑިޓާ ޖެނެރަލް، އަދި މިހާރު މާލީ ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާއެއް ކަމަށްވާ ފަސްޓް ނެޝަނަލްގެ ސީއީއޯ ޙަސަން ޒިޔަތު ވިދާޅުވިގޮތުގައި ދިވެހި މީޑިއާ ކުންފުނިތަކުން އާއްމުންނަށް ހިއްސާ ވިއްކައިގެން ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ހިންގުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

"އޭރުން ގަވަނަންސް ރަނގަޅު ވާނެ. ހިންގަން އަންނާނީ ބޯޑެއް. އެއީ ރަނގަޅު މޮޑެލަކަށް ވެދާނެ. އޭގެ ސަބަބުން ހިންގުން ހަރުދަނާ ވެގެންދާނެ. ލާރި ލާފައިވާ އެހެން މީހުންގެ މަސްލަހަތުގައި ވެސް ކަންކަން ރަނގަޅު ކުރެވޭނެ،" ޒިޔަތު ވިދާޅުވިއެވެ.

ހަމައެކަނި ސްޕޮންސަރުންނަށް އާދޭސްކޮށްގެން ލިބޭ އެއްޗަކުން މީޑިއާ ހިންގުން ހުއްޓާލަން ޖެހެއެވެ. އޭގެ ބަދަލުގައި މީޑިއާތަކަކީ ވިޔަފާރިކޮށްގެން އެ ލިބޭ އާމްދަނީން ހިންގާ، އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެފައިވާ ބަޔަކަށް ވާން ޖެހެއެވެ.

މަޝްހޫރު އިނގިރޭސި މީޑިއާ، ބީބީސީއަށް ބަލާއިރު އެކުންފުންނިން އެންމެ ބޮޑު އާމްދަނީއެއް ހޯދަނީ ޓީވީ ލައިސެންސް ވިއްކައިގެންނެވެ. ސީއެންއެންއަށް ބަލާއިރު އިސްތިހާރު ވިއްކުމާއި ކޮންޓެންޓް ވިއްކުންފަދަ ކަންކަން ކުރެއެވެ. އަދި ދުނިޔޭގެ ބޮޑެތި ބައެއް މީޑިއާތަކަކީ ރިއަލްއެސްޓޭޓް ވިޔަފާރި ވެސް ކުރާ ކުންފުނިތަކެވެ.

މޮންދު ވިދާޅުވިގޮތުގައި ސަން ސިޔާމް މީޑިއާ މިހާރު ހިންގަމުން އަންނަނީ ވިޔަފާރި މޮޑެލަކަށެވެ. މި މީޑިއާއިން "އެސްއެސްނެޓް"ގެ ނަމުގައި ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ އިތުރުން ރިސޯޓްތަކުގައި ވީޑިއޯ އާއި ފޮޓޯގްރަފީގެ ހިދުމަތް ދީގެން އާމްދަނީ ހޯދައެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އެއްކޮށް ސްޕޮންސަރުންނަށް ބަރޯސާ ނުވުން. ސްޕޮންސަރުންގެ ފަރާތުން އަންނަ ނުފޫޒުތަކުން ދުރުވުން. އެކަން ކުރެވޭނީ އަމިއްލަ ފައިމައްޗަށް ތެދުވެގެން،" މޮންދު ވިދާޅުވިއެވެ.

މޮންދު ވިދާޅުވިގޮތުގައި މީޑިއާތަކުން ވިޔަފާރިކޮށް އާމްދަނީ ހޯދުމަށް އިންވެސްޓް ކުރެވޭނެ ފުރުސަތުތަކެއް ދައުލަތުން ފަހިކޮށްދޭން ޖެހެއެވެ.

ބައެއް އެއްޗެހިންނާއި ހިދުމަތްތަކުން ނަގާ ޓެކްސްއިން ލިބޭ އާމްދަނީ މީޑިއާތަކަށް ހަރަދު ކުރުމަކީ ވެސް ބައެއް ގައުމުތަކުގައި ގެންގުޅޭ މޮޑެލްއެކެވެ. ޓެކްސް ފައިސާއިން މީޑިއާތަކަށް ހަރަދު ކުރުމުގެ މަގުސަދަކީ މިނިވަން މީޑިއާތަކެއް އެގައުމުގައި ހިންގުމުގެ ފުރުސަތު ދިނުމެވެ. އޭގެ ފައިދާ އެތަކެއް ގޮތަކަށް ގައުމަށް ކުރާނެތީއެވެ.

މިނިވަން ނޫސްވެރިކަމެއްގެ ވާހަކަ ދައްކާއިރު އެކަން ނުވެ އޮތް ސަބަބު ވަރަށް ސާފެވެ. އެކަމަށް އަވަސް ހައްލެއް ބޭނުންވެއެވެ. މީޑިއާތައް މާލީ ގޮތުން މިނިވަން ވާން އެބަޖެހެއެވެ. ހުރިހާ ނުފޫޒަކުން އެއްކިބާވެތިބެ ހިންގެންޖެހެއެވެ. އޭރުން ރައްޔިތުން އެދޭފަދަ ޚަބަރާއި ކޮންޓެންޓް އިތުރުވާނެއެވެ. އެކަމަކު އެކަން ކުރެވެން އޮތީ ރައްޔިތުންގެ ވެސް އެހީއާއެކުއެވެ. މަހު ފީ ދީގެން ނޫސްތައް ކިޔައިގެންނެވެ. ނޫނީ ހިއްސާ ގަނެގެންނެވެ. މިފަދަ ކޮންމެވެސް މޮޑެލަކަށް މީޑިއާތަކަށް ފައިސާ ލިބެންޖެހެއެވެ. އޭރުން ތިޔަ އެދޭ މިނިވަން ނޫސްވެރިކަން ލިބޭނެއެވެ. ނޫސްވެރީން މިނިވަންކުރުމަށް ރައްޔިތުން މިއިން ކަމެއް ކޮށްދޭންޖެހެއެވެ.

comment ކޮމެންޓް