އެންމެން ގުޅުވާލި ރާއްޖެ ޓްރާންސްޕޯޓް ލިންކަށް ކާމިޔާބު އެއް އަހަރު

އާރްޓީއެލް ފެރީ ލޯންޗުތައް -- ފޮޓޯ/އެމްޓީސީސީ

"ޢީދު އައީ ހިނިތުންވަމުން، މީރުވަހުން ޖައްވު ހުވަނދުލަމުން،" މިއީ 2022 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު، އާދެ! އެ އަހަރުގެ ކުޑަ ޢީދު ދުވަހުގެ އިރު ފެނުން ތޮޅިލައިގެން އައި ވަގުތު، ހދ. އަތޮޅުގެ ރައްޔިތުންގެ ތެރޭ ގުގުމަމުން ދިޔަ ތަރާނާއެވެ. އެ ރައްޔިތުންނަށް ލިބިފައިވާ އުފާވެރިކަން ރަމްޒުކޮށްދޭ އެންމެ ރިވެތި ލަފުޒުތަކެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ. ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ، ވަށައިގެން ކަނޑު އޮންނަ ރާއްޖޭގެ، ކަނޑުދަތުރުފަތުރުގެ ޚިދުމަތަށް އެހާތަނަށް އަންނަ އެންމެ ތާރީޙީ އިންޤިލާބީ ބަދަލު، އެންމެފުރަތަމަ އަންނަގޮތަށް ހަމަޖެހިފައި އޮތީ އެދުވަހުގެ މެންދުރުފަހު ހދ. އަތޮޅުގެ ރަށްތަކަށެވެ.

ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރްޓީއެލް) ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) ގެ ދަށުން، ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓެއްގެ ދަތުރުތައް ފެށުމާއެކު، އަތޮޅުގެ ރައްޔިތުން ރަށު ބަންދުން ވީއްލުނީއެވެ. އަދި އެމްޓީސީސީގެ 42 އަހަރުގެ ދިގު ތާރީޙުގައި ކަނޑުދަތުރުފަތުރުގެ ނިޒާމަށް އަންނާނެ އެންމެ ހެޔޮ ބަދަލުގަ ސިއްކަ ޖެހިގެން ދިޔައީއެވެ.

މުޅި ރާއްޖެ ގުޅާލެވޭ އާރްޓީއެލް ހައި ސްޕީޑް ފެރީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް ސޯލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިގޮތުގެ މަތިން، "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ. އަދި ދެވަނަ އަދި ތިންވަނަ ފިޔަވަހި އެމްޓީސީސީއާއި ސަރުކާރުން ހަވާލުކުރެއްވީ 14 އޭޕްރީލް 2022 ވަނަ ދުވަހުއެވެ.

ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ, ހދ, ށ) އަދި ދެވަނަ އާއި ތިންވަނަ ފިޔަވަހީގެ ޒޯން 2 (ނ، ރ، ބ އަދި ޅ) ޒޯން 3 (ކ، އއ، އދ، އަދި ވ) ޒޯން 4 (މ، ފ، ދ، ތ އަދި ލ) ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ)، އާއިއެކު، ޖުމްލަ 20 އަތޮޅު ހިމެނޭހެން މުޅި ރާއްޖެއަށް އާރްޓީއެލްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށާއި، ފޭސް 2 ގެ ދަށުން ޒޯން 2 ގެ ޅ. އަތޮޅަށް މިހާރުވަނީ އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފެށިފައެވެ. އެއީ ބޮޑުތިލަދުންމަތީގެ 41 ރަށާއި ޅ. އަތޮޅުގެ 5 ރަށާއެކު، ޖުމްލަ 46 ރަށެވެ.

ކުރިއަށް އޮތް ތަނުގައި، ބާކީ 16 އަތޮޅަށް ޚިދުމަތް ދޭން ފެށި މުޅި ރާއްޖެ ކަނޑުދަތުރުފަތުރުގެ އެއް ވިއުގައަކުން ގުޅާލެވިގެންދާނެއެވެ.

އާރްޓީއެލްގެ ފެރީ ޚިދުމަތް ފެށިގެން މިވީ އެއް އަހަރު ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ހދ. އަތޮޅުގައި 101,802 ރައްޔިތުން، ހއ. އަތޮޅުގައި 89,993 ރައްޔިތުން، ށ. އަތޮޅުގައި 61,421 ރައްޔިތުން، އަދި ޅ. އަތޮޅުގައި 9,111 ރައްޔިތުން، އެކު ޖުމްލަ 262,327 ރައްޔިތުން އާރްޓީއެލް ސްޕީޑް ފެރީގެ ޚިދުމަތް ބޭނުންކޮށްފައިވެއެވެ. އަދި މި މުއްދަތުގައި، ހދ. އަތޮޅުގައި 4,599 ދަތުރު، ހއ. އަތޮޅުގައި 5,546 ދަތުރު، ށ. އަތޮޅުގައި 3,280 ދަތުރު، ޅ. އަތޮޅުގައި 1,076 ދަތުރު، އެކު ޖުމްލަ 14,501 ޝެޑިއުލް ދަތުރު ވަނީ ކުރެވިފައެވެ.

ވަކިން ޙާއްސަކޮށް ފާހަގަކޮށްލެވެނީ ނޮވެމްބަރ 2022 އިން ފެށިގެން މިހާތަނަށް އެއްވެސް ދަތުރެއް ކެންސަލް ނުކޮށް ހަފްތާގެ ކޮންމެ ދުވަހަކު އާރްޓީއެލްގެ ދަތުރުތަށް ދަނީ ކުރެވެމުންނެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް ޚިދުމަތުގެ ދަށުން ފެރީ އަދި ބަހުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިހާތަނަށް 514 މުވައްޒަފުން ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކު ޚިދުމަތުގެ ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތަފާސްހިސާބު

މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ޚިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ. ފުރަތަމަ ޒޯނުގެ ތިން އަތޮޅާއި ދެވަނަ ޒޯނުގެ ޅ. އަތޮޅުގައި ޚިދުމަތް ފަށާފައި މިވަނީ، ޒަމާނީ، ދުވެލި ހަލުވި، އުޅަނދު ތަކެއްގައެވެ. މިގޮތުން، ކުރިއަށްވުރެ އެތައް ގުނައެއް އަވަސްކޮށް ބާރު ދުވެލީގައި މިހާރު ދަތުރުކުރެވޭނެއެވެ. އެއާކޯން ކުރެވިފައިވާ މިއުޅަނދުތައް ހުންނާނީ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭ ގޮތަށް އަދި ބަލިމީހުން އުފުލުމަށްވެސް ފަސޭހަވާނޭގޮތަށް ފަރުމާކުރެވިފައެވެ.

މީގެ އިތުރުން، ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތުގައި ދަތުރުކުރާ ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ދަފުތަރުގައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ސްކޫލް ކުދިން ޔުނިފޯމްގައި ތިބޭނަމަ، އެކުދިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ. އުޅަނދުގައި ފާޙާނާއާއި ލަގެޖް ބެހެއްޓޭނެ ޖާގަ ޙާއްސަ ކުރެވިފައި ހުންނާނެއެވެ. މިއީ، ރާއްޖޭގެ މޫސުމާ، އޮއިވަރާ، ބާންޏާއި، ރާޅަށް ރިޢާޔަތް ކުރެވިގެން، ދެ މޫސުމަށް ވެސް، ފަހިވާނޭހެން ބަނދެފައިވާ، ކަނޑަށްވެސް ގަދަ އުޅަނދުތަކެކެވެ. މި ޚިދުމަތް ހަފްތާއަކު 7 ދުވަހު ރައްޔިތުންނަށް ފޯރުކޮށްދޭނެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހައި ސްޕީޑް ފެރީ ނިޒާމްގެ ޒަރީޢާއިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ގޮތުން ރައްތަކަށް ތަރައްޤީ ލިބިގެންދާނެއެވެ.

މިގޮތުން، ލޯކަލް ޓޫރިޒަމް އަދި މި ފަހުން ތަޢާރަފު ކުރެވުނު ހޯމްސްޓޭ ޓޫރިޒަމް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ކައިރި ރަށްރަށުގައި ވަޒީފާ އަދާކުރުމުގެ އިތުރުން ތަޢުލީމު ހާސިލްކުރުމަށް ހުރި ފުރުޞަތުތަކަށް ވެސް ލުއިފަސޭހަކަން ލިބިގެންދާނެއެވެ.

ހަމައެހެންމެ އަތޮޅު ހޮސްޕިޓަލްތަކަށް އަދި އަތޮޅު ވެރިކަންކުރާ ރަށްރަށުން ބޭނުންވާ ސިއްޙީ އަދި އިދާރީ ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ވީމާ، އާރް.ޓީ.އެލް. ހައި ސްޕީޑް ފެރީ ޚިދުމަތުގެ ސަބަބުން ސިއްޙީ އަދި އިދާރީ ޚިދުމަތް ހޯދުމަށް، ދިރިއުޅޭ ރަށުން އިރާކޮޅު ފުރައިގެންގޮސް، ޚިދުމަތް ހޯދުމަށްފަހު، ހަމަ އެދުވަހު އެނބުރި އާދެވޭނެ މަގުވެސް މިވަނީ ފަހިވެފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކު ޚިދުމަތް ފެށުމަށް ފެރީތަށް ހދ. އަތޮޅަށް ފުރުވާލުން

ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް މުޙައްމަދު ސޯލިޙު، 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ، ހިންގާ މަޝްރޫޢުތައް އެއީ ހަމައެކަނި ދިރިތިބުމަށްޓަކައި ކުރާ ކަންކަމުގެ އިތުރަށް، ދިރިއުޅުމުގެ މަގުކޮށައި އަލިކޮށްދޭ ވަސީލަތްތައް ކަމުގައި ހެދުމެވެ.

ހަމަގައިމު ވެސް، އެ މަނިކުފާނުގެ ބަސްފުޅުގެ ތެދުކަން ބޮޑު ތިލަދުންމަތިންނާއި ފާދިއްޕޮޅު އަތޮޅުން މިއަދު އެދަނީ ފެންނަމުންނެވެ. އާރްޓީއެލް ފެރީ ދަތުރުގެ ހިތްގައިމުކަމާއި، އުޅަނދުފަހަރުގެ ރީތި ކަމާއި، ޚިދުމަތް ދޭން ތިބޭ އެމްޓީސީސީ މުވައްޒަފުންގެ އޯގާތެރިކަމާއި، ޖީބަށް ލުއިވެގެން ދިޔަ ވަރާއި، އެރަށަށް ގޮއްސަ މިރަށަށް އާދެވޭލެއް އަވަސްކަމުގެ ވާހަކަ، މީސްމީޑިއާގައި ދައުރުނުވާ ދުވަހެއް، ނުދެއޭ ދެންނެވުން އެއީ ކުށް ބަހަކަށް ނުވާނެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކު ބޮޑު ތިލަދުންމަތި ގުޅާލުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އެމްޓީސީސީގެ މުވައްޒަފުން

މި ޚިދުމަތް ބޭނުންކުރަމުންދާ ރައްޔިތުންގެ ފަރާތުން ދަތުރުމަތީގައި ފެންނަމުންދާ ރަނގަޅު އާދަތަށް، ޚިދުމަތް ފޯރުކޮށްދޭ ކުންފުނި އެމްޓީސީސީން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައެވެ. އަދި ހަމައެއާއެކު އެމްޓީސީސީގެ އަމާޒަކީ ވެސް ކަސްޓަމަރުންނާ ގާތުން ލުއި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

މިގޮތުން، ކޮންމެ ފެރީއެއްގައިވެސް ކެޕްޓަނާއި ފަޅުވެރިންގެ ގޮތުގައި ތިބޭނީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމާގުޅޭ ޚާއްސަ ޓްރޭނިން ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ. ޝެޑިއުލާ އެއްގޮތަށް ފެރީ ގަޑިއަށް ފުރާތޯ އެ މުވައްޒަފުން ޔަޤީން ކުރާނެއެވެ. އެހެން ހައި ސްޕީޑް ފެރީތަކާއި ޚިލާފަށް "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ފެރީތައް ވަކި ޝެޑިއުލަކަށް ކުރިއަށް ގެންދިޔުން ވެގެންދާނީ މި ޚިދުމަތަށް ރައްޔިތުންގެ އިތުބާރު އެންމެ ބޮޑުވާ ސަބަބަށެވެ. އެމްޓީސީސީގެ ފެރީ ގަޑިއަށް ފުރުމަކީ ރައްޔިތުންގެ ތަޢުރީފު އަބަދުވެސް ލިބޭ ކަމެކެވެ. އަދި މިފަދަ ސަބަބުތަކަށްޓަކައި ކައުންސިލްތަކުން އެ ކުންފުންޏަށް ފޮނުވާ ސިޓީތަކުގައިވެސް އެމްޓީސީސީން ފޯރުކޮށްދެމުންދާ ޚިދުމަތަށް ތަޢުރީފުކޮށްފައިވެއެވެ.

ޓެކްނޮލޮޖީއާއި ރައްޓެހި މި ޒަމާނުގައި، އާރްޓީއެލްގެ ޚިދުމަތްވެސް އެމްޓީސީސީން ފޯރުކޮށްދެމުންދަނީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މިގޮތުން، ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތަކުވެސް، ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނަ ސްމާޓް ފޯނުން، އޭނާ އެހުރި ތަނަކުން، ދަތުރުގެ ޝެޑިއުލް ބަލާލެވި، ޓިކެޓް ބުކްކޮށްލެވި، އަދި ޓިކެޓަށް ފައިސާ ދެއްކޭނެއެވެ. ސްމާޓްފޯނެއް އަތްޕުޅުގައި ނެތް ބޭފުންނަން، ޓިކެޓްގެ ނަންބަރު ދައްކާލައްވައިގެން ދަތުރުކުރެއްވޭނެއެވެ. ޓިކެޓް ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް، އާރް.ޓީ.އެލް ވެބްސައިޓް އަދި އެޕްލިކޭޝަން ބޭނުންކުރެއްވޭނެއެވެ.

ހއ. ހދ. ށ. އަދި ޅ. އަތޮޅުގެ ރައްޔިތުން ކަނޑުދަތުރުފަތުރު ކުރުމުގައި، މިހާރު ތަޖުރިބާ ކުރަމުންދާ ލުއިފަސޭހަކަން ތަޖުރިބާ ކުރުމަށް ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރައްޔިތުންވެސް ތިބޭނީ ކެތްމަދުވެފަކަން އަޅުގަނޑަށް ޔަޤީނެވެ. ހަމަ މި ޔަޤީންކަމާއެކު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް މުޙައްމަދު ސޯލިހާއި އެމްޓީސީސީގެ ސީ.އީ.އޯ އާދަމް އާޒިމް ދެއްވަނީ، ބާކީ 16 އަތޮޅަށްވެސް ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ޙިދުމަތް ފެށިގެން ދާނެކަމުގެ ޔަޤީންކަމެވެ. މިއީ، މުޅި ރާއްޖެއަށް އެކީ އެއްހަމައަކުން، ތަންފީޒުކުރެވޭނެ ވަކި ހާއްސަ ތަޞައްވަރެއްކަމަށް، ހއ. ދިއްދޫގައި އޮތް، އާރްޓީއެލް ބޮޑު ތިލަދުންމަތި ގުޅާލުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުގެ ސިޔާސަތަކީ، އެއްވެސް ތަފާތު ކުރުމެއްނެތި، ހުރިހާ ރައްޔިތުންނާ މެދުވެސް ހަމަހަމަކަމާއެކު ކަންތައް ކުރުމެވެ. ރާއްޖޭގައި ކުޑައެއް ބޮޑެއް، އުތުރެއް ދެކުނެއް އަދި މެދުރާއްޖެތެރެއެއް ނެތި ހަމަހަމަކަން އޮންނަންޖެހޭ ކަމަށް ސަރުކާރުން ދެކިލައްވައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ސްޕީޑް ފެރީގެ ޚިދުމަތް 6 ޒޯނެއްގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ޚިދުމަތް ދޭ 82 އުޅަނދެއް އޮންނާނެއެވެ. 180 އަށް ވުރެ ގިނަ ފެރީ ޓާރމިނަލް ހުންނާނެއެވެ. އަދި މި އުޅަނދުތަކަށް ޙިދުމަތް ދޭނެ ބޯޓުޔާރޑު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމުކުރެވިފައި ހުންނާނެއެވެ. މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާވެގެން ދާއިރު އެތައް ސަތޭކަ ވަޒީފާ އަލަށް އުފެދިގެން ދާނެއެވެ. މި މުވައްޒަފުންނަކީ، ކޮންމެ މީހެއްގެ އެވްރެޖް މުސާރައަށް ބަލާއިރު، އެކަށީގެންވާ މުސާރައެއް ލިބޭ، އަދި ޚިދުމަތަށް ތަމްރީން ވެފައިވާ، ޤާބިލު ބަޔަކަށް، ވެގެންދާނެއެވެ.

ކޮންމެއަކަސް، ރާއްޖޭގެ ރައްޔިތުން އާރް.ޓީ.އެލް ޚިދުމަތް ޝުކުރުވެރިކަމާއެކު ބަލައިގެންފިކަމުގެ އުފާވެރިކަން ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާޙިމް ސޯލިޙާއި، އާރް.ޓީ.އެލް އާއި ގުޅޭ ސިޔާސަތުތައް ފަރުމާކޮށްދެއްވުމުގައި ވަރުބަލިކަމެއްނެތި އުޅުއްވާ ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމާއި، ޚިދުމަތް ދިނުމުގައި އަވަދިނެތި މަސައްކަތްކުރައްވާ އެމްޓީސީސީގެ ސީ.އީ.އޯ އަލްފާޟިލް އާދަމް އާޒިމާއި އެބޭފުޅުންގެ ޓީމަށް މިއަދު އެބައޮތެވެ. ވޭތުވެގެން މިދިޔައީ އާރް.ޓީ.އެލްގެ ޚިދުމަތުގެ 1 އަހަރެވެ. މި 1 އަހަރުތެރޭގައި އާރް.ޓީ.އެލް. ގެ ޚިދުމަތާ ގުޅޭގޮތުން ދެކެނީ ކިހިނެއްތޯ މަގުމަތިން ދިމާވި އިސްރައްވެއްސެއް ގާތު އަޅުގަނޑު އަހާލީމެވެ. "ރައްޔިތުން މާ ގަޔާވާ އާރް.ޓީ.އެލް އެއްނު ތިއީ! ބޭބެއަށް ހީވަނީ ކުރިއަށް އޮތްތަނުގައި އަދި މާ ފައްކާ ވާނެހެން!" އޭނާ ބުންޏެވެ.

comment ކޮމެންޓް