ރިއާނާގެ މެޓް ގާލާ ފެނިލުމަށް 25 މިލިއަން ޑޮލަރުގެ ޖަވާހިރު

މެޓް ގާލާގައި ރިއާނާ ---

ދުނިޔޭގެ ފެޝަންގެ އެންމެ ބޮޑު އިވެންޓު "މެޓް ގާލާ"ގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު މަގުބޫލު ތަރި ރިއާނާގެ ވާހަކަ ނުދައްކައެއް ނުދެވޭނެއެވެ. މެޓް ގާލާގެ އިވެންޓެއް އޮވެއްޖެ ނަމަ އެ އިވެންޓުގައި އެންމެ ފާހަގަކޮށްލެވޭނީ ކޮންމެ އަހަރެއްގައި ވެސް ރިއާނާއެވެ. މިއަހަރު ވެސް އެންމެން ދައްކަނީ ރިއާނާގެ ވާހަކައެވެ.

މިއަހަރުގެ މެޓް ގާލާ އިވެންޓަށް ރިއާނާ އޭނާގެ ބައިވެރިޔާ އޭސެޕް ރޮކީ އާއެކު ގޮސްފައިވަނީ ރެޑް ކާޕެޓް ނިމުނު ފަހުންނެވެ. ނަމަވެސް ރިއާނާއަކީ ޚާއްސަ މެހެމާނަކަށް ވުމުން ރެޑް ކާޕެޓް ހުޅުވާފައި ބެހެއްޓިއެވެ.

ރިއާނާ ލައިގެން ހުރި ހެދުމަކީ ހުދުކުލައިގެ ފޮތިން ފަހައި، މާތަކަކުން ޖަރީ ކޮށްފައިވާ ހެދުމެކެވެ. ނަމަވެސް އެތައް ބަޔަކު ހަމަ ހައިރާން ވެފައިވަނީ އޭނާގެ ހެދުމާއި ގަހަނާގެ އަގު ބޮޑު ކަމުންނެވެ.

މެޓް ގާލާގައި ރިއާނާ ---

މަލުން ޖަރީ ކޮށްފައިވާ ހެދުމުގެ އިތުރުން އޭނާ ބޭނުންކޮށްފައިވާ ޖަވާހިރުތަކަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. އެއީ މެޓް ގާލާއަށް ޚާއްޞަކޮށް ކާޓިއޭ ބްރޭންޑުން ތައްޔާރުކޮށްދީފައިވާ ޖަވާހިރުތަކެކެވެ. އެއާއެކު މި ލުކް ވެފައިވަނީ މުޅި އިވެންޓްގެ ވެސް އެންމެ އަގުބޮޑު ފެނިލުމަށެވެ.

ރިއާނާ ލައިގެން ދިޔައީ ޑިއޯ ބްރޭންޑުން އޭނާއަށް ޚާއްޞަކޮށްފައިވާ ހެދުމެކެވެ. މިއީ ޑިޒައިނަރު ކާލް ލެގަފެލްޑްގެ ޑިޒައިންތައް ހަނދާން އާ ކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ހެދުމެކެވެ.

މިއަހަރުގެ މެޓް ގާލާ އިވެންޓުގައި ހޮލީވުޑްގެ ބޮޑެތި ތަރީންގެ އިތުރުން ސައުތު ކޮރިއާ އާއި ބޮލީވުޑްގެ ތަރީން ވެސް ހިމެނެއެވެ. ބޮލީވުޑުން ޚާއްޞަގޮތެއްގައި މިފަހަރުގެ އިވެންޓުން ފާހަގަކޮށްލެވެނީ އާލިއާ ބަޓެވެ. މިއީ އާލިއާ މި ހަފުލާގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް