ސިޔާސީ އޮއިވަރުގައި ޖެހިވަޑައިނުގެން ރައީސް ކުރައްވާ މަސައްކަތްޕުޅަށް ތައުރީފް ހައްގު: މާރިޔާ

ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ދިދަ ހަވާލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ސިިޔާސީ އޮއިވަރުގައި ޖެހިވަޑައިނުގެން ރައީސް އިބްރާހީމް މުހައްމަދު ރާއްޖެއަށް ކޮށްދެއްވާ މަަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެއްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ލޭންޑް ކްރާފްޓާއި އާ އުޅަނދު ކޮމިޝަން ކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ ރައީސް މަސައްކަތްޕުޅު ކުރައްވަނީ އިސްތިރާޖީ ގޮތުން ފެނިވަޑައިގަންނަވާ ހަގީގަތްކަަށް ބިނާކޮށް ކަމަށެވެ.

އަދި ރައީސް ޞާލިހުގެ މި ދައުރުގައި ރާއްޖޭގެ އަސްކަރިއްޔާ ކުރިއަރައިފައިވާކަމަށް ވެސް ފާހަގަކުރެއްވިއެވެ.

"އަދި، ސިޔާސީ އޮއިވަރުގައި ޖެހިވަޑައިނުގަނެ، އިސްތިރާޖީ މާހައުލުގެ ހަގީގަތްތަކަށް ހަމައެކަނި ރިއާޔަތް ކުރައްވާ، ގައުމުގެ ހުންގާނުގަ ހުންނަވައިގެން ދިވެހިރާއްޖެއަކީ އަމާން އަދި ސަލާމަތްތެރި ތަނެއްގެ ގޮތުގައި ކަށަވަރުކޮށް ބޭއްވުމަށް ޓަކައި ގެންގުޅުއްވާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްޕުޅަށް ތައުރީފް ހައްގު،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރާއްޖޭގެ ދިފާއީ ކަންކަން ކުރިއެރުވުމަށް ރައީސް ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ.

އިންޑިއާއިން ހަދިޔާކުރާ އުޅަނދުތައް ހަވާލުކޮށް ކޮމިޝަން ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާއިން މިއަދު ރާއްޖެއަށް ހަދިޔާކުރި އާ އުޅަނދާ ގުޅޭގޮތުން ވާހަަކަދައްކަވަމުން މާރިޔާ ވިދާޅުވީ އަލަށް ލިބުނު އުޅަނދުގައި ތިން ވޯޓާ ޖެޓު ހަރުކޮށްފައި ހުންނާނެކަމަށެވެ. އޭގެ ސަބަބުން އުޅަނދުގެ ދުވެލި ބާރުވެ ކޮންޓްރޯލްކުރުމަށް ފަސޭހަވާނެކަމަށް ވިދާޅުވިއެވެ.

އަދި ތެޔޮ ޚަރަދު ކުޑަވުމުން އޮޕަރޭޝަންތަކަށް ކުރަންޖެހޭ ޚަރަދު ކުޑަވާނެކަމަށް ވެސް ވިދާޅުވިއެވެ.

މި އުޅަނދު ރާއްޖެއަށް ބަނދަރުކުރީ މިދިޔަ މަހުގެ 15ގައެވެ. އެއާއެކު އުޅަނދުގެ އިންޑިއާ ކްރޫއިންވަނީ އެމްއެންޑީއެފް އޮފިސަރުންނަށް އުޅަނދު އޮޕަރޭޓްކުރުމަށް ބޭނުންވާ ތަމްރީނު ދީފައެވެ. އުޅަނދު އޮޕަރޭޓްކުރާނީ ދިވެހި ސިފައިންކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަދި މި އުޅަނދުގެ ފުލް ކޮމްޕްލިމެންޓްގައި ހިމެނޭނީ މުޅީން ވެސް ދިވެހި ސިފައިންގެ ކަލާސީނުން،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މި އުޅަނދަކީ ވެސް ރާއްޖޭގެ ސަލާމަތް ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އުޅަނދެއްކަމަށެވެ.

އެއާއެކު މާރިޔާވަނީ އިންޑިއާއިން ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލްކަން އިތުުރުކޮށްދިނުމަށް ކުރާ މަސައްކަތަށް ޝުކުރު އަދައިކުރައްވައިފައެވެ.

"އަޅުގަނޑުމެން އެހީތެރިކަމަށް އެންމެ ބޭނުންޖެހޭ ދަނޑިވަޅުތަކުގައި، އެންމެ އިތުބާރުކުރެވޭ ބައިވެރިޔާއަކީ އިންޑިއާކަން އެ ގައުމުންވަނީ އެކި ފަހަރު މަތިން ސާބިތުކޮށްދީފައި،" މާރިޔާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑު ކަމަށެވެ. އެހެންކަމުން މި ސަރަހައްދުގެ ސަލާމަތް ބެލެހެއްޓުން މުހިންމު ކަމަށެވެ.

"ގަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރުމާއި، ޑްރަގާއި ހަތިޔާރާއި އިންސާނީ ވަގުފާރިއާއި، ކަނޑަށް ތެޔޮއެޅުން ފަދަ ތިމާވެއްޓަށް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމުގެ ބިރަކީ އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް. އެހެންކަމުން ކަނޑުގެ މާހައުލަށް އަޅުގަނޑުމެން ދޭ އިސްކަން ވަރަށް ވެސް ބޮޑު،" މާރިޔާ ވިދާޅުވިއެވެ.

އެއާއެކު އިންޑިއާގެ އެހީއާއެކު މިއަދު ދިވެހި ކޯސްޓް ގާޑަށް ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން ލިބިފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި އިންޑިއާ ހައިކޮމިޝަނަރު މުނޫ މަހާވަރާއި އިންޑިއާ އަސްކަރިއްޔާގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ. އަދި ރާއްޖޭގެ ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެލެއްވިއެވެ.

comment ކޮމެންޓް