އިންތިޚާބުގެ ކުރިން އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ފާސްކުރަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ފާސްކުރުމަށް މަސައްކަތެރިންނާ ގުޅޭ އެކި ޖަމުއިއްޔާ ޖަމާއަތްތައް ތަމްސީލުކުރުމަށް އެކުލަވާލައިފައިވާ, މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ގޮވާލައިފިއެވެ.

އެ ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނީ ޔޫނިއަން ހަދައި، ހިންގުމުގެ ހައްގަކީ ކޮންމެ މަސައްކަތްތެރިއަކަށް މެ އަދި ވަޒީފާ ދޭ ފަރާތްތަކަށް ކަށަވަރު ކޮށްދޭން ޖެހޭ އަސާސީ ހައްގަކަށް ވެފައި މި ހައްގު ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި އެކަށީގެންވާ މިންވަރަށް ބަޔާންވެފައި ނެތް ކަމަށެވެ.

އެފަދަ ހައްގުތަކަށް ރާއްޖޭގެ ޝަރުއީ ދާއިރާ ބީރައްޓެއްހިކަމާއެކު ހައްގުތައް ތަންފީޒް ވަމުން ނުދިއުމުގެ ސަބަބުން މަސައްކަތްތެރީންގެ ހައްގުތައް ފުރިހަމައަށް ކަށަވަރުވެ، ރައްކާތެރިކަން ހޯދުން ނުހަނު ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން ފާއިތުވި އެކި ސަރުކާރުތަކާ އެކި މަސައްކަތްތެރީންގެ ޖަމިއްޔާތަކުން އެފަދަ ގާނޫނެއްގެ ރައްކާތެރިކަން ހޯދަން މެދުކެނޑުމެއް ނެތި ގޮވާލަމުން ދާ ކަން އެ ޔޫނިއަން އިން ވަނީ ފާހަގަކޮށްފައެވެ.

ޓްރޭޑް ޔުނިއަންއިން ބުނީ އެފަދަ ގާނޫނަކުން މަސައްކަތްތެރީންނާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތަކަށް ގާނޫނީ ރައްކާތެރިކަން ލިބުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް

ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ހުށަހަޅާފައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މަސައްކަތްތެރިންގެ ޖަމުއިއްޔާތައް އުފެއްދުމާއި އެފަދަ ޖަމުއިއްތާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާ ނުވުމުގެ ހައްގު ކުރިއަރުވައި، ކަށަވަރު ކޮށްދިނުމަށެވެ.

މި ބިލް ހުށަހަޅާފައިވަނީ:

  • މަސައްކަތްތެރިންގެ ޖަމުއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކަށަވަރުކޮށް، އެ ހައްގު ލިބިދެވޭނެ ދާއިރާތައް އެކަށައެޅުމަށް
  • މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފައްދައި، އެ ޔޫނިއަންތައް ހިންގުމާ ގުޅޭ އުސޫލުތައް ގާއިމް ކުރުމަށް.

ބިލުގައި ބުނެފައި ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ގާނޫނު ވުޖޫދުވުމާއެކު މަސައްކަތްތެރިންނާ ވަޒީފާދޭ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް މަޝްވަރާގެ އުސޫލުން ހައްލު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްވާނެ ކަމަށެވެ. އަދި މަސައްކަތްތެރިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ހިފެހެއްޓޭ ހާލަތުގައި އެފަދަ އަމަލުތަކަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ވެސް އެކަށައެޅިފައިވާ ކަމަށް ވެސް އެ ބިލްގައިވެއެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމާލުމަށް ފަހު މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން މި ބިލްގެ އިބްތިދާއީ ބަހުސް ވަނީ ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ އިންޑަސްޓްރިއަލް ރިލޭޝަންސް ގަނޫނު ވީހާވެސް އަވަހަކަށް ފާސްކޮށްދެއްވުމަށް އެދި ޓްރޭޑް ޔޫނިއަން އިން ވަނީ 2021 ވަނަ އަހަރު ރައީސްއާ ވެސް ބައްދަލުކޮށްފައެވެ.

comment ކޮމެންޓް