ލަންކާގެ އިންފްލޭޝަން 69 ޕަސެންޓުން 35 ޕަސެންޓަށް ދަށްވެއްޖެ

ސްރީލަންކާ-- ފޮޓޯ: ރޮއިޓާސް

އަހަރެއްގެ ތެރޭގައި ސްރީލަންކާގެ އިންފްލޭޝަން ވަރަށް ބޮޑުތަނުން ދަށްވެއްޖެ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

ސްރީލަންކާގެ އިންފްލޭޝަން އެންމެ މަތިވި ކަމަށް ރިޕޯޓްކުރީ ނިމިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އޭރު އިންފްލޭޝަން 69.8 ޕަސެންޓުގައި ހުރިއިރު، ނިމިދިޔަ އޭޕްރީލް މަހުގައި އިންފްލޭޝަން ހުރީ 35.3 ޕަސެންޓުގައެވެ.

ސްރީލަންކާގެ ޙާލަތައް ބަލާއިރު، ނިމިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އިންފްލޭޝަން ޢާންމުކޮށް ހުރީ 50 ޕަސެންޓުން މަތީގައެވެ.

އެންމެ ފަހުން ސްރީލަންކާގެ އިންފްލޭޝަން ރޭޓް މިހާ ދަށްވީ ނިމިދިޔަ އަހަރުގެ މޭއި މަހުއެވެ. އެގޮތުން އެފަހަރު 39.5 ޕަސެންޓަށް އިންފްލޭޝަން ދަށްވިއެވެ.

އިންފްލޭޝަން ދަށްވުމުގެ އެންމެ މައިގަނޑު ސަބަބަކީ, އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދޭން އެއްބަސްވި ތިން ބިލިއަން ޑޮލަރުގެ ލޯނެވެ.

ޖުމްލަ ހަތަރު އަހަރަކަށް ބަހާލައިގެން ފައިސާ ދެއްކުމަށް ދިން ލޯނުގެ ފުރަތަމަ އިންސްޓޯލުމެންޓް ލަންކާއަށް ދިނީ ނިމިދިޔަ މާޗު މަހުއެވެ.

އިންފްލޭޝަން ދަށްވުމާއެކު، އޭގެ އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެނީ ތެލުގެ ބާވަތްތަކަށެވެ. އެގޮތުން ތެލުގެ ބާވަތްތަކުން އަގު ކުޑަ ކުރާނެކަން އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ އިއުލާން ވެސް ކޮށްފައެވެ.

ސެންޓްރަލް ބޭންކް އޮފް ސްރީލަންކާ އިން ނެރުނު ރިޕޯޓިން ދައްކާ ގޮތުން، މި އަހަރު ސްރީލަންކާގެ އިގްތިސާދު ދެ ޕަސެންޓު ދަށްވި ނަމަވެސް، މި އަންނަ އަހަރު އެގައުމުގެ އިގްތިސާދު 3.3 ޕަސެންޓަށް ކުރިއަރާނެއެވެ.

އަދި އައިއެމްއެފްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެގައުމުގެ އިގްތިސާދު މި އަންނަ އަހަރު 1.5 ޕަސެންޓަށް ކުރިއަރާނެއެވެ.

ލަންކާގެ ދަރަނިތައް ވަރަށް ބޮޑެވެ. އެގޮތުން އެ ގައުމުން ޗައިނާއަށް ހަތް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހޭއިރު، އަވައްޓެރި އިންޑިޔާއަށް ވެސް ގާތްގަޑަކަށް ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

މި އިގްތިސާދީ ޙާލަތުން އަރައިގަތުމަށްޓަކައި އައިއެމްއެފްގެ ލޯނުގެ އިތުރުން، ވޯލްޑް ބޭންކުން 600 މިލިއަން ޑޮލަރުގެ ލޯނަކަށް ވެސް އެގައުމުން ވަނީ އެއްބަސްވެފައެވެ.

މި އިގްތިސާދީ ޙާލަތަކީ ނިމިދިޔަ 70 އަހަރުގެ ތެރޭގައި ވެސް އެގައުމަށް ދިމާވި އެންމެ ބޮޑު އިގްތިސާދީ ކާރިސާއެވެ.

comment ކޮމެންޓް