ވަޒީފާއަށް ފަރުވާ ކުޑަ ޒުވާން ޖީލެއް: ކީއްވެ؟

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް އަށާރަ ވަނަ އަހަރު އޯލެވެލް އިމްތިހާން ނިންމާލުމަށްފަހު، އުމުރުން އެންމެ 17 އަހަރުގައި ވަޒީފާއަށް ދާންފެށިއެވެ. ނަމަވެސް ވަޒީފާއަކަށް އެކަނި ހުސްވެ ހުރެވޭކަށް އޭރު ނެތެވެ. ކިޔަވަން ވެސް ބޭނުންވީމައެވެ. އެހެންވެ، ވަޒީފާއަދާ ކުރަމުން، ކޮލެޖުން އެކައުންޓްސްއިން ފައުންޑޭޝަން ވެސް ކިޔަވަން ފެށިއެވެ.

ނަސީބު ރަނގަޅުކަމުން، ސްކޫލު ނިމުމުގެ ކުރިން ދިރިއުޅުމުގައި ކުރިއަށްދާނެ ދާއިރާ އިޚުތިޔާރު ކުރެވުނެވެ. އޭގެ މައްޗަށް ބަލައިގެން، ވަޒީފާ ވެސް އިޚުތިޔާރުކުރީ އެގޮތުގެ މަތިންނެވެ. އިޚުތިޔާރު ކުރީ އެކައުންޓްސް އޮފިސަރެއްގެ ވަޒީފާއެވެ. އެއީ ޕްރައިވެޓް ކުންފުންޏެއް ކަމުން، ކޮންމެ ހަފުތާއަކު ހަ ދުވަހު ވަޒީފާއަށް ދާން ޖެހެއެވެ.

ވަޒީފާ އަދާކުރާ މަގާމުގެ ނަމަކީ އެކައުންޓްސް އޮފިސަރު ނަމަވެސް އެ އޮފީހުގެ ހުރިހާ ކަމެއް ބަލަހައްޓަން ޖެހުނެވެ. އިދާރީ ގޮތުން ވެސް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ޖެހުނެވެ. ވަޒީފާއަށް ހަތަރު އަހަރު ހަމަވީއިރު ވެސް ލިބުނީ އެންމެ ފުރަތަމަ ލިބުނު މުސާރައެވެ. އެންމެ ފަހުން ޑިގްރީ ހާސިލުކުރީމަ ވެސް އެންމެ ފުރަތަމަ ލިބުނު، 8،500 ރުފިޔާގެ މުސާރައަކަށް ބަދަލެއް ނާދެއެވެ.

އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފައިލް ފޮޓޯ

ނަމަވެސް ދުވަހަކަށްވުރެ ދުވަހެއް، އޮފީހުގައި މަސައްކަތްތައް ބުރަވެ، އިތުރުވެއެވެ. ތައުލީމީ ރޮނގުން ބެލިނަމަވެސް، ވަޒީފާއަކަށް ކުރިއެރުމެއް ނުލިބެއެވެ. އެކަމުގެ އުނދަގޫ އެކި ގޮތްގޮތުން ފޯރާ މިންވަރު ދެނެގަނެވުނީ، ޒިންމާތައް އިތުރުވެ، ކުރަން ޖެހޭ ޚަރަދުތައް ވެސް އިތުރުވީމައެވެ. އެހެންވެ، ވަޒީފާ އަދާކުރަމުން، ކިޔެވުމަށް އުނދަގޫތަކާ ކުރިމަތިވިއެވެ. ކޮލެޖަށް ވެސް މަހަކު 5،000 ވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ޖެހެއެވެ. އަދި އުޅޭ ގެ އާއި އާއިލާ އަދި އަމިއްލަ ޚަރަދުތައް ވެސް ހުރެއެވެ.

އެންމެ ފަހުން ލިބޭ މުސާރައިން ދެކޮޅު ޖައްސަން އުނދަގޫ ކަމަކަށްވިއެވެ. އަދި ކުރާ މަސައްކަތާއި، ހޭދަކުރާ ވަގުތާއި ހާސިލު ކޮށްފައިވާ ތައުލީމާ އަޅާކިޔާއިރު، ލިބެމުން އައި މުސާރަ، އެތައް ތަނެއް މަދު ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. އެތައް ފަހަރަކު އެދުމުގެ މަތިން، ވަޒީފާ ހޭދަކުރާތާ ފަސް ވަނަ އަހަރު، މުސާރަ 8،500 ރުފިޔާއިން 10،000 އަށް ބޮޑުކޮށްދިނެވެ. އެންމެ ހައްގު މިންވަރު ނޫން ނަމަވެސް، އެ މުސާރައަށް އެ ވަޒީފާގައި މަޑުކުރަން ނިންމީ، އިތުރަށް މުސާރަ ބޮޑުކޮށްދޭން ބުނުމުންނެވެ.

ނަމަވެސް އެކަން އެގޮތުގައި އޮވެ، ވަޒީފާގެ ޒިންމާތައް އަނެއްކާ ވެސް އިތުރުވާން ފެށިއެވެ. ނަމަވެސް ކުރިން، ދެވެން ހުރި އެންމެ ބޮޑަކަށް ވަގުތު ދީގެން، ފަރުވާތެރިކަމާއެކު، އަދާކުރި ވަޒީފާގެ މަތިން މުޅިން ފޫހިވެއްޖެއެވެ. ކޮންމެ ދުވަހަކު ގަޑިޖެހިގެން އޮފީހަށް ދިއުމާއި، ވަޒީފާއަށް ދާހިތް ނެތިގެން، އޮފީހަށް ނުދާ ދުވަސްތައް އިތުރުވުން ވެގެން ދިޔައީއެވެ.

އެންމެ ފަހުން އެ ވަޒީފާ ދޫކޮށްލުމަށް އާއިލާ އާއި ރަހުމަތްތެރިން ވެސް ނަސޭހަތްދީ, ލަފާ ދިނެވެ. އަދި ކިޔެވި އެއްޗެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފައި، ލިބިފައިވާ ތައުލީމީ ފެންވަރާ އެއްވަރަށް ރަނގަޅު އުޖޫރައެއް ދޭ ވަޒީފާއެއް ހޯދުމަށް އެމީހުން ކެނޑިނޭޅި ލަފާދިނެވެ. އަދި އެ ލަފާތަކަށް އާބަސް ބުނެ، އެހެން ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފެށިއެވެ.

އެ މަސައްކަތްތަކުގައި ކުލަ ޖެހި، އެންމެ ފަހުން ފަސް އަހަރު ދުވަހު އަދާކުރި އެ ވަޒީފާ ދޫކޮށްލީ، ދިރިއުޅުމުގައި ކުރިއަށްދިއުމަށްޓަކައި ވެސް އެ ނޫން އިތުރު ގޮތެއް ހޯދަން ޖެހުނީމައެވެ. އަދި އެކަށީގެންވާ މުސާރައެއް ދޭ، ރަނގަޅު މަސައްކަތުގެ މާހައުލެއް ލިބުނީމައެވެ. ނަމަވެސް ފެށި މި ދަތުރަކީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތަޖުރިބާއާ ދިމާ އިދިކޮޅު ތަޖުރިބާއެކެވެ.

ވެލާނާގެ --- ސަން ފައިލް ފޮޓޯ

މިއީ އެކައުންޓްސް އެންޑް ފައިނޭންސް އިން ޑިގްރީ ހާސިލުކޮށް، ފާއިތުވި ފަސް އަހަރު ވަޒީފާއެއްގައި ކުރި ދަތި ތަޖުރިބާއިން ފިލާވަޅު ލިބިގަނެ، މިހާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި ރަނގަޅު ވަޒީފާއެއް އަދާކުރަމުންދާ މުވައްޒަފެއްގެ ފުރަތަމަ ވަޒީފާގެ ތަޖުރިބާއެކެވެ. އޭނާގެ އެ ތަޖުރިބާ ކިޔައިދިނީ، ކިތަންމެ ފަރުވާތެރިކަމާއި ލޯތްބާއެކު އަދާކުރާ ވަޒީފާއެއް ނަމަވެސް، ބައެއް ފަހަރު ތަނުގެ ގޮތުން ވަޒީފާގެ މަތިން ފޫހިވެ، އިތުރު ގޮތްތައް ހޯދަން މަޖުބޫރުވާކަމެވެ.

އޭނާގެ ފުރަތަމަ ވަޒީފާގެ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހިއްސާކުރަމުން ދިޔައިރު، ފާހަގަކުރި ކޮންމެ ކަމަކީ، މިހާރު ވެސް ގިނަ ޒުވާނުން އިއްތިފާގުވާނެ، އެމީހުންނަށް އެއްގޮތް ކުރެވޭނެ ކަންކަމެވެ.

ވަޒީފާތަކަކީ ދިރިއުޅުމުގެ ބޮޑު ބައެއް ހިއްސާކުރާ ކަމަކަށްވާއިރު، އެއީ އުފަލާއެކު ކުރާ ހިތުން ކުރެވޭ ކަމަކަށް ވާން ޖެހެއެވެ.

ނަމަވެސް ކޮންމެ މީހެއްގެ ވަޒީފާގެ މާހައުލު ވެސް ކިޔައިދެނީ ތަފާތު ވާހަކަތަކެކެވެ. އޭގެ ތެރެއިން، ބައެއް މީހުން ދެކޭ ގޮތުގައި މިހާރުގެ ޒުވާނުންނަށް ނަޒަރު ހިންގާލައިފި ނަމަ، ވަޒީފާތަކުގައި އުޅޭ ގިނަ ޒުވާނުންނަކީ ޒިންމާދާރުކަމާއެކު، މަސްއޫލިއްޔަތު އަދާކުރާބައެއް ނޫނެވެ. އަދި ވަޒީފާއަށް ސަމާލުކަން ނުދޭ، އެހާ ފާރުވާކުޑަ ވެސް ބައެކެވެ. ގަޑިއަށް ނައުމާއި އޮފީހަށް ނުދާ ދުވަސްތައް ގިނަވުމާއި ހަވާލު ކުރާ މަސައްކަތްތައް ނުނިންމުން ފަދަ އެތައް ކަމެއް ހިނގައެވެ.

އެއީ ޒުވާނުންގެ ތެރޭގައި އާއްމުކަމެއް ނަމަވެސް، އެގޮތަށް މެދުވެރިވާ ސަބަބުތަކާއި ހާލަތްތައް ބައިވަރެވެ. މިކަމުގައި އެކި މީހުންގެ ޚިޔާލުވެސް ތަފާތެވެ. މި ހުރިހާ ތަފާތު ޚިޔާލުތަކުގެ މީހުން ވެސް ވަނީ އެމީހުން ދެކޭ ގޮތް ކިޔައިދީފައެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ވަޒީފާއަށް ފަރުވާކުޑަވެ، ސަމާލުކަން ނުދެވެނީ އަދާކުރަން ޖެހޭ ވަޒީފާގެ ސަބަބުންނެވެ. މި މައްސަލަތައް އެންމެ ފުރަތަމަ ފެށެނީ، ކުރާ މަސައްކަތާއި ހާސިލުކޮށްފައިވާ ތައުލީމަށް އެކަށީގެންވާ އުޖޫރައެއް ނުލިބޭ ހިސާބުންނެވެ. ހޭދަކުރާ ވަގުތާއި ކުރާ މަސައްކަތަށް ބަލާއިރު، ލިބޭ އުޖޫރައާ މެދު ގިނަ ޒުވާނުން ހިތްހަމައެއް ނުޖެހެއެވެ.

"ރަނގަޅަށް ކިޔަވައިގެން އައިއްސަ ވެސް ރަނގަޅު ވަޒީފާއެއް ނުލިބޭ. ކިޔަވައިގެން އަންނަ އެއްޗަކާ ގުޅޭ ދާއިރާއަކަށް ދިޔަސް ލިބެނީ ކުޑަ މުސާރައެއް. ފެއާއެއް ނޫން، ވޯތެއްވެސް ނޫން،" ޕްލޭނިން މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފަކު ބުންޏެވެ.

އެމީހުން ބުނާ ގޮތުގައި، އެކަށީގެންވާ އުޖޫރައެއް ނުލިބޭނަމަ، މުވައްޒަފުންގެ އެންމެ ރަނގަޅު މަސައްކަތެއް ވެސް ނުފެންންނާނެއެވެ.

މާލޭ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާ ޖީލުގެ ޒުވާނުންނަށް އެމީހުންނަށް އެންމެ އެކަށީގެންވާ ފުރުސަތުތައް ވަޒީފާގެ މާހައުލުން ނުލިބޭ ފަހަރުތައް ވެސް ރާއްޖޭގެ ވަޒީފާގެ މައިދާނުގައި މަދެއް ނޫނެވެ. އެމީހުން ބުނާ ގޮތުގައި، އެހެން ދިމާވަނީ ވަޒީފާތަކުން، ޒުވާނުންގެ އާ ޚިޔާލުތަކާއި ތަފާތު ވިސްނުންތަކަށް މަރުހަބާ ނުކިޔާތީއެވެ. ވަޒީފާތަކަށް ޒުވާނުން ނެރުނު ނަމަވެސް، އެންމެ އިސް މަގާމުތަކުގައި ތިބޭ ވެރިން، އެހެން މުވައްޒަފުންގެ ލަފާތައް އަޑު ނާހާތީއެވެ. މުސްކުޅި އުސޫލު ދޫ ނުކުރާތީއެވެ.

"ޖެނެރޭޝަންގެ ތަފާތު އާދޭ ވަރަށް. ޔަންގް ޖެނެރޭޝަން ވަޒީފާތަކަށް ވައްދާފަ މަތީމަގާމުތަކުގަ ތިބޭ މީހުން އެހެން މީހުންގެ ވާހަކަތަކެއް ކޮންސިޑާއެއް ނުކުރާނެ. ތަނެއް ހިނގާނީ، ހިންގުވަން ތިބޭ މުވައްޒަފުން ވެސް ކޮންސިޑާ ކުރީމަ،" އާސަންދައިގަ ވަޒީފާ އަދާކުރަމުންދާ މީހަކު ބުންޏެވެ.

މިފަދަ ކަންކަން ވެގެންދަނީ، ވަޒީފާގައި ރަނގަޅަށް ފަރުވާތެރިކަމާއެކު މަސައްކަތްކުރާ ޒުވާނުންގެ މަސައްކަތަށް ބުރޫއަރާނެ ކަމަކަށެވެ. އެމީހުން، ވަޒީފާއާ މެދު ގެންގުޅޭ އުއްމީދުތައް ނެތިދާނެ ކަމަކަށެވެ. ވަޒީފާއާމެދު، ޝައްކުކޮށް، ފަހު ވަގުތު އަމިއްލަ ނަފުސަށް ވެސް އޮންނަ އިތުބާރު ގެއްލޭ ކަމަކަށެވެ.

އެންމެ ކުރިންސުރެ ވެސް ޒުވާނުން ދައްކަމުން އަންނަނީ ކިޔެވުމަށް ފަހު، ވަޒީފާއެއް ހޯދަން އުޅެން ޖެހޭ ގޮތުގެ ދަތިކަމުގެ ވާހަކައެވެ. އޭގެ ސަބަބުން ވަޒީފާތަކަށް ވަނުމުގެ ކުރިން ވެސް، އެ ޒުވާނުން ތިބެނީ ވަޒީފާތަކުގެ މަތިން ފޫހިވެފައެވެ.

"ޑިގްރީއެއް ނަގައިގެން ވަޒީފާއެއް ހޯދާއިރު، ބުނާނެ ތަޖުރިބާ ބޭނުންވެއޭ، ތަޖުރިބާ ހޯދަން ބަލާއިރު، އެ ނެތީމަ ވަޒީފާއެއް ނުލިބޭ. ނުހުއްޓޭ ބޮޑު ސައިކަލްއެއްގަ އަލަށް ވަޒީފާއެއް ހޯދަން އުޅޭ ޒުވާނުން ތާށިވަނީ. މިއީ ބްރޭކް ކުރަން ޖެހޭ ސައިކަލްއެއް،" އޭނާ ބުންޏެވެ.

އެހެންވެ، ވަޒީފާ ލިބުމުގެ ކުރިން ވަޒީފާތަކުގެ މަތިން މީހުން ފޫހިވެއެވެ. އެއީ އެފަދަ ކަންކަމުގެ ސަބަބުން ވަޒީފާގެ މާހައުލުގައި ލިބެންޖެހޭ ފުރުސަތުތައް ވެސް ގެއްލޭތީއެވެ. ވަޒީފާގެ ކުރިއެރުމެއް ވެސް ނުލިބޭތީއެވެ.

އެމީހުން ދެކޭ ގޮތުގައި، ތަޖުރިބާ ލިބޭނީ، ވަޒީފާގެ ތަޖުރިބާކުރަން ދީގެންކަން ވަޒީފާ ދޭ ފަރާތްތަކުން ގަބޫލުކުރަން ޖެހެއެވެ. އަދި އަލަށް ވަޒީފާތަކަށް ވަންނަ ޒުވާނުންނަށް، ދޭން ޖެހޭ އެއްބާރުލުމާއި އަޅާލުން އަދި ތަމްރީން ވެސް ފޯރުކޮށް ނުދެވުމަކީ، ވަޒީފާތަކުގެ މަތިން އެމީހުން ފޫހިކުރުވާނެ ކަމެކެވެ.

ބައެއް މީހުން ފާހަގަކުރިގޮތުގައި، މަސައްކަތުގެ މާހައުލުގައި މިހާރުގެ ޒުވާނުން ފަރުވާކުޑަވާ ސަބަބަކަށް ނުފޫޒުވެސްވެއެވެ. އެގޮތުން ނުފޫޒުގެ ބާރުގައި، މަގާމުގެ ކުރިއެރުން ދިނުމާއި، ތަފާތުކުރުންތައް ގެންގުޅުމަކީ އެމީހުން ވަޒީފާތަކަށް ފަރުވާތެރިނުވާން މަގު ދައްކާ ކަމެކެވެ. ވަޒީފާގެ މާހައުލުގައި ޒާތީވުމަކީ ވެސް މީހުން ވަޒީފާއަށް ލޯބި ކުޑަވާ ކަމެކެވެ.

"ހަ އަހަރު ވާއިރުވެސް ޕްރޮމޯޝަނެއް ނުލިބޭ. އެކަމު ބައެއް މީހުންނަށް ދޭ. އެންމެނަށްވެސް އިނގޭ ނުފޫޒާ ބާރުންކަން. ކޮންމެ މީހަކީވެސް މަގާމުގެ ކުރިއެރުން ހޯދައި ކުރިއަށްދާން ބޭނުންވާނެ މީހެއް. އެކަމު ނުފޫޒުގެ ސަބަބުން އެކަން ވަނީ ވަކި ބަޔަކަށް،" އޭވިއޭޝަންގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ބުންޏެވެ.

މާފަރު އެއާޕޯޓް ----

އެންމެ ބޮޑު ކަމެއްގެ ގޮތުން، އާ ޖީލުގެ ޒުވާނުންނަކީ ވަޒީފާތަކުގައި އުޅެމުންވެސް ކިޔަވާ މީހުންނެވެ. އެ ވަޒީފާތައް އެންމެ ފުރަތަމަ ދެނީ ވެސް، ކިޔަވަން ފުރުސަތު ދޭނެ ކަމަށް އެއްބަސް ވެގެންނެވެ. ނަމަވެސް އޭގެ މަތިން ހަނދާން ނައްތާލައި، ވަޒީފާ ދޭ ބައެއް ފަރާތްތަކުން، ކިޔެވުމަށް ހުރަސް އަޅައެވެ. އޭގެ ސަބަބުން އެމީހުން ވަޒީފާތަކުގެ މަތިން ފޫހިވެ، ފަރުވާކުޑަވެ، އެެންމެ ފަހުން ވަޒީފާ ދޫކޮށްލާ ހިސާބަށް ވެސް ދެއެވެ.

"ވަޒީފާ ދޭ ފަރާތުން ބުނާނެ، ކިޔަވާފަ ތިބި އަދި ކިޔަވާ ކުދިންނޭ ބޭނުމީ، އެކަމު އެންމެ ފަހު ވަގުތު އެމީހުންގެ ވަޒީފާތަކުގެ އުޅޭ ކުދިންނަަކަށް ކިޔަވާކަށް ނުދެވޭނެ. އެކަމު މިހާރު ވަރަށް މަދުވާނެ ނުކިޔަވާ މީހަކު. އެހެންވީމަ އެކަހަލަ ކަންކަމަށް ހުރަސް އެޅުމަކީ ވެސް ވަޒީފާތަކުން ދުރުވާ ކަމެއް،" ފިނޭންސް މިނިސްޓްރީގައި ވަޒީފާއަދާ ކުރާ މުވައްޒަފަކު ބުންޏެވެ.

ވަޒީފާގެ މާހައުލުގައި ވަކި ޖިންސަކަށްވީތީ، ތަފާތުކުރުންތައް ހުންނާތީ ވެސް، ވަޒީފާތަކުގައި އުޅެން ދެކޮޅު ހަދާ ޒުވާނުން އުޅޭ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. އެގޮތުން ބައެއް ތަންތަނަކީ، އަންހެނަކަށްވީތީ މުސާރަ މަދުން ދޭ ތަންތަނަށްވާއިރު، އެ ތަންތަނުގައި ފިރިހެނުންނަށް ބޮޑެތި މުސާރަ ދޭކަން ބައެއް މީހުން ފާހަގަކުރެއެވެ.

"ކުރިން އުޅުންތަން. ތައުލީމާ ހުރިހާ ކަމެއްގެ ގޮތުން ރަނގަޅު އިރު 10 ކޭ އަށްވުރެ ދަށުން ލިބުނީ. އެކަމު ހަމަ އެ މަގާމަށް، އަހަރެންނަށްވުރެ ދަށް ތައުލީމު ފެންވަރު ހުރި މީހެއް ނެގީ 14 ކޭއަށް. ފިރިހެނެއް އެއީ. ޖެންޑާ ޑިސްކްރިމިނޭޝަން އެއީ ވަރަށް ބޮޑު މައްސަލައެއް،" އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.

އޭގެ ސަބަބުން، ވަޒީފާއާ މެދު ދެކޭ ގޮތް ބަދަލުވެ، މަސައްކަތުގެ ފެންވަރު ދަށްވެ، މަސައްކަތްކުރާ ހިތް ކެނޑޭ ކަމަށް ބައެއް މީހުން ބުންޏެވެ.

މިއީ ހަމައެކަނި ބައެއް މީހުން މިކަމާ ދޭތެރޭގައި ދެކޭ ގޮތެވެ. އަނެއް ބައި މީހުންގެ ޚިޔާލު މުޅިން ތަފާތެވެ. އެމީހުން ބުނާ ގޮތުގައި، މިހާރުގެ ޒުވާނުން ވަޒީފާއަށް ފަރުވާކުޑަކޮށް، ސަމާލުނުވުމުގައި މުވައްޒަފުންގެ އިހުމާލު ވަރަށް ބޮޑެވެ. އެމީހުންގެ ފުށުން އެކަމަށް ހުރި ސަބަބުތައް ވެސް ވަނީ، ތިލަކޮށްދީފައެވެ.

ބައެއް މީހުން ބުނާ ގޮތުގައި އާ ޖީލުގެ ޒުވާނުންނަކީ މަސައްކަތުގެ މާހައުކުގެ އަޚުލާގު އެއްވެސް ގޮތަކަށް ދަންނަ ބައެއް ނޫނެވެ. މިސާލެއްގެ ގޮތުން އެމީހުން ފާހަގަކުރީ، ތަޖުރިބާ ލިބިފައިހުރި މީހުންގެ ބަސް ޒުވާނުން ނޭހުމެވެ. އެމީހުންގެ ވިސްނުން ބޯދާކަމަށް ހީކޮށްގެންނެވެ.

"ބައެއް ފަހަރު އިންނަ އީގޯ އަކާ ހެދި ބޭނުންމެއް ނުވާނެ ގަބޫލުކުރާކަށް. ކިތަންމެ ރަނގަޅަށް އެއްޗެއް ބުންޏަސް. އެމީހުން ދެކޭ ގޮތާ ޚިލާފަށް އިތުރު މީހަކު އެއްޗެކޭ ބުނާ ހިސާބުން ވަޒީފާ މަތިން ފޫހިވޭ، އެހެންވެގެން ނުވާނެ،" އަމިއްލަ ކުންފުންޏެއްގައި ވަޒީފާއަދާކުރާ މުވައްޒަފަކު ބުންޏެވެ.

އެމީހުން ދެކޭ ގޮތުގައި ބައެއް ޒުވާނުންނަކީ، އަބަދުވެސް އަމިއްލަ ގޮތް ގެންގުޅެން ބޭނުންވާ މީހުންނަށް ވާތީ، އެންމެނާ އެއްކޮށް އުޅެން އުނދަގޫވެގެން، މަސައްކަތަށް ފަރުވާކުޑަވަނީއެވެ.

މާލޭ މަގުމަތި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދުގެ ޖީލުގެ ޒުވާނުން، "ޗެލެންޖިން" ކަންކަމުން ފަސް ޖެހުން ވެގެންދަނީ، އެމީހުން ވަޒީފާތަކަށް ފަރުވާކުޑަ ކުރާ އިތުރު ސަބަބެއް ކަމަށް ބައެއް މީހުން ދެކެއެވެ. އަދި ކަންކަމުގައި މާ އަވަހަށް ގޮތް ނިންމާ ޒުވާނުން ގިނަ ކަމަށް ވެސް ބައެއް މީހުންދެކެއެވެ.

އާ ޖީލުގެ ޒުވާނުން ވަޒީފާއަށް ފަރުވާކުޑަވުގެ މައްސަލައާ ގުޅިގެން ތަފާތު ޚިޔާލުތަކެއް ހުރިއިރު، މި ހުރިހާ ޚިޔާލުތައް ވެސް ބަލައިގަންނަން ޖެހެއެވެ. މިކަމަށް ފިޔަވަޅުތަކެއް އެޅައި، ހައްލު ހޯދަން ޖެހެއެވެ. ހައްލު ގެނެވޭނެ ގޮތްތައް، ކުޅަދާނަ މޯޓިވޭޝަނަލް ސްޕީކާ، އަފީފް ހުސައިން އޭނާގެ ތަޖުރިބާއިން ވަނީ ހިއްސާކުރައްވާފައެވެ.

ފުރަތަަމަ ކަމެއްގެ ގޮތުން، ޒަމާނާ އެއްގޮތަށް، ވަޒީފާގެ މާހައުލަށް ބަދަލު ގެނައުމުގެ މުހިއްމުކަން ވެސް ދެނެގަންނަން ޖެހޭ ކަމަށާއި އެގޮތުގެ މަތިން ވަޒީފާގެ މާހައުލުގެ ހުރިހާ ކަމެއް ވެސް ޒަމާނާ އެއްގޮތަށް ތަރައްގީކޮށް، އާ ޖީލުގެ އާ ވިސްނުމަކަށް މަރުޚަބާ ކިޔުމަށް، އަފީފް ލަފާދެއްވައެވެ.

"އާ ޖީލުތައް އިންސްޕަޔާ ކޮށްދެވޭ ވަރުގެ މީހުންނާއި ކަންކަން މަދީ. މަސައްކަތް އަގުވަޒަން ކުރެވޭ ވަރު ކުޑައީ. އެކަންކަން ބަދަލުކޮށް، އިތުރަށް ވޯކްގެ ބޭނުން މުވައްޒަފުންނަށް އިހުސާސްކޮށްދޭންވި،" އަފީފް ވިދާޅުވިއެވެ.

ވަޒީފާތައް ޝައުގުވެރިކުރުވަން ޖެހޭނީ ހަމައެކަނި ބޮޑު މުސާރައެއް ދީގެން ނޫންކަން އަފީފް ހަނދާންކޮށްދެއްވިއެވެ. އޭގެ ބަދަލުގައި އިތުރު ފުރުސަތުތައް މަގުފަހިކޮށްދީ، ކުރިއެރުމަށް މަގު ކޮށައިދިނުމަށް އަފީފް އެދިލެއްވިއެވެ.

ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަދި ލީޑާޝިޕް ކޯޗު ހުސެއިން އަފީފް --- ފޮޓޯ/ ރެޒޫމޯ މޯލްޑިވްސް

އާ ޖީލުގެ ޒުވާނުންނަކީ ހުރިހާ ކަމެއް ފަސޭހަގޮތުގައި ކުރުމުގެ ވިސްނުން ގެންގުޅޭ ބައެކެވެ. ވަޒީފާގެ މާހައުލަކީ ރަނގަޅު ގޮތުގައި މުވައްޒަފުން ވަޒީފާއަށް "ކޮމިޓެޑް" ވާނެ ގޮތްތަކެއްގެ މައްޗަށް ބައްޓަން ވާން ޖެހޭނެ ތަނެއްކަމަށް އަފީފް ދެކިލައްވައެވެ.

ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލުކަމުގައިވާއިރު، ވަޒީފާތަކުގައި ދިމާވާ މިފަދަ ކަންކަމަށް ސަމާލުވެ، ގެންނަން ޖެހޭ ހައްލުތައް ގެންނަން އަވަސްވެ ގަންނަން ޖެހެއެވެ. މަސައްކަތުގެ މާހައުލުގައި ޒުވާނުންގެ ބޭނުން ފުރިހަމައަށް ހިފޭނަމަ، ވަޒީފާގެ މާހައުލަށް ވެސް ފުރިހަމަކަން ލިބޭނެއެވެ.

comment ކޮމެންޓް