ބޮޑު ކަންނެލި މަސްވެރިން މާޔޫސްވެއްޖެ: ޒަމާންވީ ކަންބޮޑުވުންތަކަށް ހައްލެއް ނެތް!

ދިވެހި މަސްވެރިއަކު ބޮޑު ރީނދޫ އުރަހަ ކަންނެއްޔެއް ކޮނޑަށް ލައިގެން -- ފޮޓޯ/ ދިވެހި މަސްވެރިން

ބޮޑު ކަންނެލީގެ މަސްވެރިކަން ކޮށްގެން އާމްދަނީ ހޯދާ މީހުންނަކީ ރާއްޖޭގައި މަދު ބައެއް ނޫނެވެ. އެއީ, ޒަމާނުއްސުރެ ވެސް ދިވެހީންގެ އިގުތިސޯދުގެ ލޭނާރާ ގުޅިފައިވާ މަސްވެރިކަމުގެ ބައެކެވެ. ޒަމާނަށް އަންނަ ބަދަލާ އެކު އެ މަސައްކަތް ފުޅާވެ، ތަރައްގީވަމުން ދެއެވެ.

އެކަމަކު، ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް އަދިވެސް އޮތީ ފަސް އަޅާ ފޮރުވައިފައެވެ.

އެ ކަންބޮޑުވުންތަކަށް ހައްލު ނުލިބި އެތައް އަހަރުތަކެއް ފާއިތުވެގެން ދަނީއެވެ. ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހު ކޮންމެ އަހަރަކު އެ ކަންބޮޑުވުންތައް ފާޅުކުރަން ބޮޑުކަންނެލި މަސްވެރިން ނުކުމެ އިހުތިޖާޖު ކުރެއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ މައިގަނޑު ކަންބޮޑުވުންތައް އެ މީހުން ސާފުކޮށް ކިޔައިދެެއެވެ. ސަރުކާރުން ވީ ވައުދާ އެއް ގޮތަށް ކަންނެލީގެ އަގު ބޮޑެއް ނުވެއެވެ. ސަރުކާރުގެ މަސް ކުންފުންޏަކުން ކަންނެއްޔެއް ނުގަނެއެވެ. ބޮޑު ކަންނެލި ގަނެވޭނެ އެންމެ ކުޑަ އަގު (ފްލޯ ޕްރައިޒް)އެއް ކަނޑައަޅައިފައެއް ނުވެއެވެ.

ފްލޯ ޕްރަައިޒް ކަނޑައެއް ނޭޅޭ، ކަންބޮޑުވުން!

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ ރައީސް ހުސައިން ނަޝީދު "ސަން"އަށް ވިދާޅުވީ މި ކަމަށް ހައްލު ހޯދުމަށްޓަކައި ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯ އަދި ރައްޔިތުންގެ މަޖިލީހާ އެކު ވެސް ބައްދަލު ކޮށްފައިވާނެ ކަމަށެެވެ.

ޒަމާނާ އެއް ގޮތަށް އޮޑިފަހަރު ތަރައްގީވަމުން އަންނަކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ދަތުރުގެ އަގު ވެސް ބޮޑުވަމުންދާ ކަމަށެވެ. އަދި، ތެލުގެ އަގު ބޮޑުވުމަކީ ވެސް ޚަރަދު ބޮޑުވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ބައި ލައްކައަށްވުރެ ބޮޑުވާނެ ކޮންމެ ދޯންޏެއްގެ ދަތުރެއްގެ ޚަރަދު. ދަތުރެއް އެއީ ގާތްގަނޑަކަށް 12 ވަރަކަށް ދުވަސް،" ނަޝީދު ވިދާޅުވިއެވެ.

އެއީ ހަމައެކަނި ތެލަށް ކުރާ ޚަރަދެވެ. އޮޑިއަަށް އަރުވަން ޖެހޭ ކާބޯތަކެތީގެ ޚަރަދާއެކު 80،000އަށްވުރެ ގިނަ ރުފިޔާ ދަތުރަކަށް ދާނެއެވެ. އެހެންވެ، ޚަރަދު ބޮޑުވާ ކަމަށްވަނީނަމަ މަހުގެ އަގު ވެސް ބޮޑުވާން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މާރުކޭޓް ސަރަހައްދުން ކަންނެއްޔެއް ދަމާފައި ގެންދަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ވައުދާ އެއްގޮތަށް ކަންނެއްޔަށް ފްލޯ ޕްރައިޒްއެއް ކަނޑައަޅަން ބޭނުންވިޔަސް އެ ބާރު ސަރުކާރަށް ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސަބަބަކަށް އޭނާ ފާހަގަކުރެއްވީ ސަރުކާރުން ކަންނެލި ނުގަތުމެވެ.

"ދޮށީ މަސްވެރިން ބާނާ މަސް ސަރުކާރަށް ގަނެވޭއިރު ކީއްވެގެންތޯއޭ ކަންނެލި ނުގަނެވެންވީ؟،" ނަޝީދު ސުވާލުކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ކަންނެލި ގަނެ އެކްސްޕޯޓް ކޮށްގެން ވެސް ފައިދާ ހޯދޭނެ ގޮތްތައް ބައިވަރެވެ.

"ކަންނެއްޔަށް ބޮޑަށް ޔޫރަޕް މާކެޓް މި އިންނަނީ. ރާއްޖޭން ކުރަންޖެހޭ މަަސައްކަތް ކޮށްފިއްޔާ މީގެ އިތުރު މާކެޓްތައް ވެސް ހޯދޭނެ،" އޭނާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ޓެކްސް ފްރީ ގައުމުތަކުގެ މާކެޓް ވެސް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ފަޅުގެ ދަތިކަން ވެސް ބޮޑު

މާލޭގައި ކަންނެލި އޮޑިފަހަރު އައިސް ބޭއްވޭނެ ހަމައެކަނި ޖާގައަކީ މަސްމާރުކޭޓު ކުރިމައްޗަށް އޮންނަ ޖާގައެވެ. އެ ތަން އަބަދު ވެސް އޮންނަނީ ތޮށްޖެހިފައެވެ. އެއް އޮޑި ބޭރުގައި އަނެއް އޮޑި އަޅައި ފުރައިލައިފައެވެ.

"އެ ތަނަށް ގޮސް ދެ ދޯންޏެއް ވަންނައިރަށް މި އޮންނަނީ ތަންކޮޅު ފުރިފައި،" ނަޝީދު ވިދާޅުވިއެވެ.

އެ ކަމުގެ ސަބަބުން އެއްގަމަށް ފައިބާ އުޅުމުގައި ވެސް ބޮޑެތި ދަތި ތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މަސްވެރިންނަށްވުރެ މާލެއަށް ވެލި ގެންނަ މީހުންނަށް ވެސް މާ ޖާގަ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޅުގެ ދަތިކަން ބޮޑުކަމަށް ވެސް ބޮޑުކަންނެލި މަސްވެރިން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައިގަނޑު ގޮތެއްގައި މިހާރު މަސްވެރިން ބޭނުންކުރަނީ ހުޅުމާލޭ ކަންނެލި ޖެޓީއެވެ. އެ ތަނުގައި ޖާގަ ތަނަވަހެވެ. އެކަމަކު، ކާބޯތަކެތި ގަތުމުގައި އެ ތަނުން ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. މާލޭން ގަނެގެން ކާބޯތަކެތި ހުޅުމާލެއަށް ގެންދިއުމަކީ ވެސް ދައްޗެކެވެ. ހުޅުމާލޭ އެއްގަމު ތެރެއިން ކާބޯތަކެތި ގަނެއްޖެނަމަ އެހާ އަގު ބޮޑެވެ.

ހައްލެއް ހޯދަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މި ކަންކަމަށް ހައްލު ހޯދުމަށް ބީކޭއެމްޔޫއާއި އިކޮނޮމިކް މިނިސްޓްރީއާ ފިޝަރީޒް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެކަން ކުރެވޭގޮތެއް ނުވެއެވެ. ސަބަބަކީ، ކަންނެއްޔަކީ ތާޒާކަމާ އެކު ވިއްކަން ޖެހޭ އެއްޗަކަށް ވާތީ ގިނަ ދުވަހު ފިނިކޮށްފައި ވެސް ނުބެހެއްޓޭތީއެވެ. އަދި، ދުނިޔޭގެ ބާޒާރުގައި ކަންނެލީގެ ސަޕްލައި ގިނަވާ ވަރަކަށް، އަގު ދަށްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންވެ، ވަކި ފިކްސްޑް އަގެއް ކަންނެއްޔަށް ކަނޑައެޅުމަކީ އުނދަގޫކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މޯލްޑިވް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓް އެސޯސިއޭޝަންގެ ފަރާތުން އެބަ ބުނޭ ތިމަންނަމެންނަށް ކިހިނެއްހޭ ގަނެވޭނީ ވިއްކައިގެން ލިބޭ އެއްޗަކަށްވުރެ ބޮޑު އަގެއްގައި،" މިނިސްޓަރު ވިދާޅުވިއެވެ.

"މަހަކީ ޕެރިޝަބަލް [އަވަހަށް ހަލާކުވާ] އެއްޗެއް. އެ ކިހިނެއްތޯ އަޅުގަނޑުމެން މީހުން ކައިރީގައި ބުނާނީ މިވެނި އަގެއްގައި ގަންނާށޭ،"

އެ ގޮތަށް މަސް ގަންނަން ބުނާނަމަ ސަރުކާރުން އެ ގަންނަ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، އެ ގެއްލުމުގެ ބަދަލުދޭނެ ގޮތަކާ މެދު ސުވާލު ކުރެއްވިއެވެ. ފްލޯ ޕްރައިޒް ކަނޑައެޅުން ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި އެބައޮތް ކަމަށާއި އެ ކަމަށް މަސް ގަންނަ ފަރާތްތަކާއި މަސް ބާނާ ފަރާތްތަކާ ދެމެދު މަޝްވަރާކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބޭރުގެ އަގުތަކަށް އަންނަ ބަދަލުތަކާ އެކު ފްލޯ ޕްރައިޒެއް ކަނޑައެޅުމަކީ އުނދަގޫ ކަމެއްކަން ވެސް މަސްވެރިން ގަބޫލު ކުރެއެވެ. އެކަމަކު ވެސް، އެ ކަމަށް ހައްލެއް ބޭނުންވާ ކަމަށް މަސްވެރިން ބުނެއެވެ.

މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑު ކަންނެލި މަސްވެރިކަމުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރި މީހަކު ބުނީ މިހާރު ޚަރަދު ކަނޑައިފައި ބޮލަކަށް ޖެހެނީ ގިނަވެގެން ވެސް 25،000 އެއްހާ ރުފިޔާ ކަމަށެވެ. ނަމަވެސް މީގެ ކުރިން 50،000 ރުފިޔާ ވެސް ލިބިފައި އެބަހުރި ކަމަށް އޭނާ ބުންޏެވެ. އެއީ، ދަތުރަކުން ލިބޭ އާމްދަނީއެވެ.

"ތެލަށް ކުރަން ޖެހޭ ހޭދަ ބޮޑުވީމަ މިހާރު އެ ވަރު ނުލިބޭ،" އޭނާ ބުންޏެވެ.

މިއީ ކޮންމެ އަހަރަކު ވެސް ބޮޑު ކަންނެލި މަސްވެރިން ފާޅުކުރާ ކަންބޮޑުވުންތަކެވެ. އަބަދުވެސް ދައްކާ ވާހަކަތަކެކެވެ. މި ވާހަކަތައް ދައްކާ ދައްކާ އެ މީހުން ވެސް ވަރުބަލިވެއްޖެއެވެ.

ލިބޭ އާމްދަނީ މަދުވެ، ޒުވާނުން މި ދާއިރާއަށް ނުކުންނަ މިންވަރު ވެސް ވަނީ މަދުވެފައެވެ. އެހެންވެ، މިއަދު މަސްވެރިކަމުގައި އުޅޭ މީހުން ބުނަނީ މިހެންނެވެ. މަސްވެރިކަމުގެ އިގްތިޞާދު ދަމަހައްޓަން ބޭނުންނަމަ ތިމަންނާމެންގެ ކަންބޮޑުވުންތައް އަޑު އަހައި ހައްލުހޯދައިދޭށެވެ.

comment ކޮމެންޓް