ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުން އެންމެ ފައިދާ ރަނގަޅީ ބީއެމްއެލްގެ

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް ---

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ރަނގަޅު ފައިދާއެއް ހޯދި ކުންފުންޏަކަށް ބޭންކް އޮފް މޯލްޑިވްސް ވެއްޖެއެވެ.

ދިވެހި ގައުމީ ބޭންކުން ނެރެފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ބަޔާނަށް ބަލާއިރު، މިދިޔަ ކުއާޓަރުގައި ބޭންކަށް ވަނީ ސާފު ފައިދާގެ ގޮތުގައި 504 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ނުވަ އިންސައްތައިގެ އިތުރުވުމެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލަށް ޖުމްލަ އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ބޭންކް ހިންގައިގެން ލިބުނު ފައިދާ އުޅެނީ 670 މިލިއަން ރުފިޔާގައެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓަރުގެ ފައިދާއަކީ 690 މިލިއަން ރުފިޔާއެވެ.

ބީއެމްއެލްގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު:

  • ބޭންކްގައި ޑިޕޮސިޓްކޮށްފައި ހުރި ފައިސާގެ އަދަދު: 30.1 ބިލިއަން ރުފިޔާ
  • ވިޔަފާރިތަކަށާއި، އަމިއްލަ ފަރުދުންނަށް އަލަށް ދޫކުރި ލޯނުގެ އަދަދު: 1 ބިލިއަން ރުފިޔާ
  • މިހާތަނަށް ދޫކުރި ލޯނުތަކުގެ ޖުމްލަ: 17.2 ބިލިއަން ރުފިޔާ
  • ޖުމްލަ އެސެޓް: 43.3 ބިލިއަން ރުފިޔާ

ބީއެމްއެލް އިސްލާމިކް އާ ބެހޭ މައުލޫމާތު ދުވަސްވީ މީހަކާ ހިއްސާކުރަނީ -- ފޮޓޯ: ބީއެމްއެލް

ގައުމީ ބޭންކްގެ ނިމިގެންދިޔަ ކުއާޓަރުގެ ރިޕޯޓަށް ބަލާއިރު، ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ހޯދާ އަދަދު، ދުވާލަކަށް 39،000 ޓްރާންސްސެކްޝަން އަރައެވެ. އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ދުވާލަކަށް 232،000 ޓްރާންސެކްޝަން ހަދައެވެ.

މި ކުއާޓަރުގެ ތެރޭގައި ބީއެމްއެލްގެ ޚިދުމަތްތަކަށް ގެނައި ހެޔޮބަދަލުތަކުގެ ތެރޭގައި ކިޔަވާކުދިންގެ ލޯނު ފައިނޭންސިން ރޭޓު ވަނީ ނުވަ އިންސައްތައިން ފަސް އިންސައްތައަށް ދަށްކޮށްފައެވެ. ކޮވިޑް ދުވަސްވަރު އޭޓީއެމް އަދި ބްރާންޗު މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭގޮތަށް އޮތް ޑޮލަރު ލިމިޓުވެސް ވަނީ އުވާލާފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން 20 އަތޮޅެއްގައި އެ ބޭންކްގެ 38 ބްރާންޗް ގާއިމްކޮށްފައިވާއިރު، 85 ސެލްފް ސާވިސް އޭޓީއެމް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ ރަށްތަކުގައި މިހާތަނަށް 141 އޭޓީއެމް ބަހައްޓާފައިވާއިރު، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން ހަރަކާތްތެރިވެއެވެ.

comment ކޮމެންޓް