އިން ކަނޑައެޅުމުން ލިބުނު ސަރަހައްދުގައި އިގުތިސާދީ މަސައްކަތް ފަށައި، މައުދަން ހުރިތޯ ބަލާނެ: ފައްޔާޒު

އިޓްލޮސްގެ ނިންމުމާއެކު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ ރައީސް އޮފީސް

ރާއްޖޭގެ ދެކުނުގެ ސަރަހައްދުން އިން ކަނޑައެޅިގެން ގޮސްފައިވާއިިރު ރާއްޖެއަށް ލިބުނު ސަރަހައްދު ބަލަހައްޓާނީ ދިވެހިންކަމަށާއި ކަނޑައެޅުނު ސަރަހައްދުގައި މައުދަން ހުރިތޯ ބެލުމަށް ސާވޭތައް ކުރާނެކަމަށް ސަރުކާރުން ބުނެފިއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީޒް (އިޓްލޮސް)ގެ ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކަމާ ގުޅިގެން ސަރުކާރުން ގިނަ ވާހަކަތަކެއްވަނީ ދައްކައިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކެބިނެޓްގެ ގިނަ ވަޒީރުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޓްލޮސްގެ ނިންމުމާއެކު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ވަޒީރުން -- ފޮޓޯ ރައީސް އޮފީސް

އީއީޒެޑް ބެލެހެއްޓުމުގައި ކަންކުރާނެ ގޮތް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވި ގޮތުގައި ދެން އެންމެ އަވަަހަށް ފަށާނެ މަސައްކަތަކީ އެ ސަރަހައްދުގައި ކުރެވެން ހުރި އިގްތިސާދީ މަސައްކަތްތަަކަކީ ކޮބައިތޯ ބެލުމެވެ.

އެގޮތުން އެ ސަރަހައްދުގެ ކަނޑު އަޑީގައި މައުދަން ހުރިތޯ ބެލުމަށް ވެސް މަސައްކަތްކުރާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އިގްތިސާދީ ގޮތުން ކުރެވެން ހުރީ ކޮން ކަމެއްތޯ އަަޅުގަނޑުމެން ބަލާނަން. އެތާނުގައި އަޅުގަނޑުމެންނަށް އެ ތަނުގެ އަޑީގައި މައުދަން ހުރިއްޔާ އެ ކަމެއް ވެސް އަޅުގަނޑުމެންނަށް ބެލޭނެ. އަދިކިރިޔާ އަޅުގަނޑުމެންގެ އަތަށް މި ލިބުނީ އެ ތަނުގައި އިގްތިޞާދީ މަސައްކަތެއް ކުރަން،" ފައްޔާޒު ވިދާޅުވިއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައިި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ ގޮތުގައި ކަނޑައެޅުނު ސަރަހައްދު ބެލެހެއްޓުމަށް ޓަކައި ގައުމީ ދިފާއީ ބާރުގެ ކޯސްޓު ގާޑާ ހަވާލުކޮށްފައިވާކަމަށެވެ.

އަދި މިހާރު ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުން އަންނަ އުސޫލުން އެ ކަން ކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އާންމު އުސޫލުން މަހަކު އެއްފަހަރު ކުރިއަށްގެންދާ ސަވައިލަންސް އޮޕަރޭޝަންތައް ގަވައިދުން ކުރިއަށްގެންދާނެކަމަށެވެ. އަދި އެ ކަން ކުރުމުގައި އަވަށްޓެރި އެކުވެރި ގައުމުތަކުގެ އެހީތެރިކަން ވެސް ހޯދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އީއީޒެޑް ސަވައިލަންސް ޒަމާނުއްސުރެ ހަމަ އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކާއެކީގައި ކުރަމުން އަންނަ ކަމެއް. މަހަކު އެއްފަހަރު ކުރީއްސުރެ ސަވައިލަންސްތައް ހަދާ މިތަނަށް އައިސް. އެއީ އަލަށް ކުރާ ކަމެއް ނޫން. އަބަދުވެސް ކުރާ ކަމެއް،" މާރިޔާ ވިދާޅުވިއެވެ.

އިމުގެ ސަބަބުން މަސްވެރިކަމަށް އަސަރެއް ނުކުރާނެ

މީގެ ކުރިން ރާއްޖޭގެ މަސްވެރިން އެއްވެސް އިރެއްގައި އިމުގެ މައްސަލަ ޖެހިފައިވާ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ކަމުގެ ރެކޯޑެއް ފެންނަން ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

"ކޯސްޓުގާޑުން ވިދާޅުވެފައި އެބައޮތް އެ ކަމެއް ނުކުރެޔޭ. އެ ހިސާބަކަށް ދިވެހި މަސްވެރިން ގޮސްފައެއް ނެތޭ، ތިމަންނަމެންކަށް އެއްވެސް ރެކޯޑެއްގައި ފެންނާކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަށް ރަސްމީކޮށް ކަނޑައެޅުނު 200 ނޯޓިކަލް މޭލަކީ މަސްވެރިންނަށް ލިބުނު ބޮޑު ފައިދާއެކެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ލިބުނު 200 ނޯޓިކަލް މޭލަކީ އަޅުގަނޑު ދަންނަވާނީ ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު ފައިދާއެކޭ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމަށް އަސަރެއްކޮށްފާނެތޯ އުފެދޭ ސުވާލަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖޭގައި ކުރާ މައިގަނޑު މަސްވެރިކަމަކީ ކަޅުބިލަ މަހުގެ މަސްވެރިކަންކަމަށެވެ.

އިޓްލޮސްގެ ނިންމުމާއެކު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު -- ފޮޓޯ ރައީސް އޮފީސް

ކަޅުބިލަ މަހަކީ އޭގެ ޒާތުގައި ދުރު ރާސްތާއަށް ހިޖުރަކުރާ މަހެއްކަމަށެވެ.

"އެއީ ފާނަ ކަހަލަ ފަރުމަސް ކަހަލަ ގޮތަށް އެއް ތަނެއްގައި ހިފެހެއްޓިފައި ހުންނަ މަހެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކަނޑުގެ އެއްވެސް ސަރަހައްދަކުން މަސްކަނޑު ކޮންޓްރޯލްކުރުމަށް ދާ ޖަހައި މަސް ނަގައި ނަމަ ކަނޑު މަސްވެރިކަަމަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

އެއީ ވަކި މޮރިޝަސް ސަރަހައްދު ނުވަތަ ޗާގޯސް ހިމެނޭ ސަރަހައްދަށް ވާކަށް ނުޖެހޭނެއެވެ.

"ހަމަ ހައި ސީޒް ތެރޭ ނެގިއަސް އިންޑިއާ ކަނޑުގެ ކޮންމެ ތަނަކުން އާދަޔާ ޚިލާފަށް މަސް ނެގިއަސް އޭގެ ނޭދެވޭ އަސަރުކުރާނެ. އެކަމު އަޅުގަނޑުމެންނަށް ފާހަގަކުރެވިއްޖެ މިއަދު މޮރިޝަސްއިން ފާހަގަކުރި މިއަދު އިނގިރޭސިން އެ ސަރަހައްދުގައި ގާއިމްކޮށްފައި އޮތް ކޮންޒަވޭޝަން ޒޯން ހަމަ އެ ގޮތަށް ދަމަހައްޓާނެކަމަށް. އެހެންވީމާ އެ ގޮތަށް ދެެމެހެއްޓުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޭނުންތެރިކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދު ހިމާޔަތްކޮށްފައި އޮތުން މުހިންމީ އެ ތަނުގައި އާލާވާ މަސް ރާއްޖޭގެ ސަރަހައްދަށް ހިޖުރަކުރާތީކަމަަށެވެ.

"އެހެންވީމާ އެއީ ރާއްޖެއަށް ރަނގަޅު ކަމަކަށްވާނެ. އެ ކަމަކު މި ހުކުމުގެ ސަބަބުން ނޭދެވޭ އަސަރެއް ކުރާނެކަމަކަށް ނުބެލެވޭ. ސަބަބަކީ އެ ތަން ކޮންޒަވޭޝަން ޒޯނެއްގެ ގޮތުގައި ބަލަހައްޓާނެތީ. އަދި އެ ތަނުގައި މިހާތަނަށް، މި ދެންނެވީ ޗާގޯސް ސަރަހައްދުގައި ނެތް ދާ ޖަހައިގެން މަސްވެރިކަން ކުރާކަށް އެއްވެސް ބަޔަކު ލައިސަންސް ދީފައެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެ ފަދައިން އަމަލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެވެެން ނެތްކަމަށާއި އެއީ ރާއްޖޭގެ ބާރު އެ ސަރަހައްދަށް ނެތުމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމާ އެ ގޮތުން މި ދެންނެވި ސިޔާދަތީ ބާރު ލިބިގެންވާ ގައުމަކަށް އެ މީހުންގެ އިގްތިސާދީ ސަރަހައްދެއްގައި ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ހުއްދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އަަޅުގަނޑުމެންނަކަށް ނުދެވޭނެ. އެއީ އަޅުގަނޑުމެންގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަަމަށް އެއްވެސް އިރަކު ނުބުނޭ

ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް ވެސް ވަނީ ރާއްޖެއިން އެއްވެސް އިރަކު ޗާގޯސްގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ބާރުވެރިކަން އޮތްކަމަށް ބުނެ ވަކާލާތުކޮށްފައި އޮތްކަން ހާމަވާން ނެތްކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއްޖެއަށް މިނިވަންކަން ލިބިގެން ކުރީގެ ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި ވެސް ޗާގޯސްއަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ބަލައިގެން އެއްވެސް މަސައްކަތެއް ކޮށްފައި އޮތްކަން ފެންނަން ނެތްކަމަށެވެ.

މީގެ އިތުރުން 1992ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ބައްދަލުވުންތަކެއް ބޭއްވި ނަމަވެސް އެ ބައްދަލުވުންތަކުގައި ވެސް ވާހަކަދައްކައި އެއްބަސްވެފައިވަނީ ޗާގޯސްއާއި ރާއްޖެއާ ދެމެދު އިންވަކިކުރުމަށްކަމަށެވެ.

އިޓްލޮސްގެ ނިންމުމާއެކު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު -- ފޮޓޯ ރައީސް އޮފީސް

އަދި 2010ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އދ.ގެ މަޖިލީހަށް ހުށަހެޅި އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފުގެ ޗާޓުގައި ޗާގޯސް ރާއްޖޭގެ ބައެއްގެ ގޮތުގައި ކުރަހައިފައިނުވާކަމަށެވެ.

އަދި 2017ވަނަ އަަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެ ފަދަ ވަކަލާތެއް ނުކުރައްވާކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރައީސް ޔާމީނުގެ ސަރުކާރުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަނަކަށް ގެންދަން ވޯޓަށް އެހީ. އެ ވޯޓުގައި އަޅުގަނޑުމެން ވޯޓުލީ އިދިކޮޅަށް. އެހެންނަމަވެސް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މި މައްސަލަ ހިނގަމުން ދިޔައިރު ދިވެހިރާއްޖޭގެ ފަރާތުން ޗާގޯސް އެއީ ރާއްޖޭގެ ތަނެއްކަމަށް ބުނެ މި މައްސަލައަށް ތަދައްޚުލުވެފައެއް ނެތް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެއީ ރާއްޖެއަށް ޗާގޯސްގެ ސިޔާދަތީ ބާރު އޮތްކަމަށް ބުނެ ވަކާލާތުކުރަން ލިބުނު އެންމެ ފަހު ފުރުސަތެވެ. ނަމަވެސް އޭރު އެ ފުރުސަތުވަނީ ދޫކޮށްލައިފައެވެ.

މި ސަަރުކާރުން އެއްބަސްވާ ގޮތުގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގޭނީ މޮރިޝަސްއަށެވެ.

"އެއީ އެ ކަން އެ މަގުން ހިނގައިފައި މިހުރީ އެއްވެސް ސަރުކާރަކުން ހަގީގަތުގައި ޗާގޯސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުނުކުރައްވާތީ،" ޝާހިދު ވިދާޅުވިއެވެ.

ލިބުނީ ކުރިން ބޭނުންކުރެވޭ ސަރަހައްދަށްވުރެ ބޮޑު ސަރަހައްދެއް

ރައީސް ވިދާޅުވީ ކުރިން ރާއްޖެއަށް ދެކުނުން ބޭނުންކުރެވެން އޮތީ 12 ނޯޓިކަލް މޭލަށް ކަމަށެވެ. ނަމަވެސް އިޓްލޮސްގެ ނިންމުމާއެކު 200 ނޯޓިކަލް މޭލަށް ބޮޑުވީކަމަށެވެ.

އިޓްލޮސްގެ ނިންމުމާއެކު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހު -- ފޮޓޯ ރައީސް އޮފީސް

"އަޅުގަނޑުމެންނަށް ޚާއްސަ އިގްތިޞާދީ ސަރަހައްދެއް ކަނޑައެޅިގެން ދިޔައީ ކުރިއަކުން ނެތް ބޭނުންކުރާ ސަރަހައްދަކަށް. މިހާރު އަޅުގަނޑުމެންނަށް ކަނޑައެޅިގެން މިދިޔަ 200 ނޯޓިކަލް މޭލަކީ 12 މޭލަށްވުރެ ކުޑަތޯ، އަަޅުގަނޑު ހިތުން ބޮޑު ސަރަހައްދެއް އެއީ. އެހެންވީމާ އެގޮތުން ބަލާއިރު އަަޅުގަނޑުމެންނަށް ލިބުނު ކާމިޔާބެއް. ހަގީގަތުގައި އަސްލު އަދި މި ކަނޑައެޅިގެން މި ދިޔައީ. ދެން މީގެން ބައެއް ގެއްލޭ ކަމަށްވަންޏާ ދެން ވާނީ އަޅުގަނޑުމެންނަށް ގެއްލުމަކަށް،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް