މ. އަތޮޅުގައި ގާއިމްކުރާ 'މީމު އެއާޕޯޓް' ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ފަށައިފިއެވެ.
އެ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ފެށުމާ ގުޅިގެން އެމްޓީސީސީން ބުނީ އެ މަސައްކަތް ފަށާފައިވަނީ އިއްޔެ ކަމަށެވެ. އަދި, އެ މަޝްރޫގެ ދަށުން އެޅުމަށް ނިންމާފައިވާ އަލިފާން ނިއްވާ އިމާރާތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 1812 މީޓަރުގެ ސަރަޙައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމް ކުރުން ހިމެނެއެވެ. ހަމަ އެހެންމެ، އެ މަޝްރޫއުގެ ދަށުން ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމުގެ މަސައްކަތް ކުރުން ވެސް ހިމެނޭ ކަމަސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫޢަކީ 230.10 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މަޝްރޫއުއާ ގުޅިގެން މ. އަތޮޅު ކައުންސިލްގެ ރައީސް، މުޙައްމަދު ނިމާލު "ސަން"އަށް ވިދާޅުވީ އެ އެއާޕޯޓަކީ މުޅި އަތޮޅުގެ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ.
އެއާޕޯޓް ގާއިމު ކުރެވުމާ އެކު ދަތުރުފަތުރަށް ދިމާވެފަފައިވާ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ވިދާޅުވީ އޭގެ ސަބަބުން ފަތުރުވެރި ކަމުގެ ސިނާއަތް އެ އަތޮޅުގައި ކުރިއެރުވުމަށް ވެސް ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ފަތުރުވެރިކަމުގެ އިތުރުން އެއާޕޯޓް އެޅުމާ އެކު ވިޔަފާރިތަކަށް ވެސް ފަސޭހަވެގެން ދާނެ ކަމަށެވެ.
އޭގެ އިތުރުން ވަޒީފާތައް އިތުރުވެ، މުޅި އަތޮޅުގެ ތަރައްގީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. ނިމާލު ވިދާޅުވީ މި ސަރުކާރުން މިހާރު ވެސް މ. އަތޮޅުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށެވެ.