އިމުގެ މައްސަލައިގައި އިދިކޮޅުން އުފެއްދި ފިތުނަ ދިޔައީ ޗޮކުން: ފައްޔާޒު

އިކޮނަމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް -- ސަން ފޮޓޯ

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެ ގައުމުގެ ފުށުއަރާ ކަނޑުގެ ސަރަހައްދުން ބޮޑުބައި ރާއްޖެއަށް ލިބޭ ގޮތަށް, އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމަކީ ވަރަށް ކާމިޔާބު ނިންމުމެއް ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

އެ ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވައި ފައްޔާޒު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ނިންމުމެއް ކަމަށާއި އެ މައްސަލައިގައި އިދިކޮޅުން އުފެއްދި ފިތުނަ ދިޔައީ ޗޮކުން ކަމަށެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހިންގި އިންޑިއާ އައުޓް ކެމްޕޭނާއި ޗާގޯސް މައްސަލަ ފެއިލް ވުމުން، ސަރުކާރު ބަދަލުކުރަން އެހެން ފޯމިއުލާއެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދަޅުވިއެވެ.

"ސަރުކާރު ބަދަލުކުރަން ދޮގާއި އޮޅުވާލުން ދޫކޮށް، އެހެން ފޯމިއުލާއެއް ހޯދަން އިދިކޮޅުން އުޅުން ބުއްދިވެރި،" އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި އިޓްލޮސްއިން މިއަދު ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ބަހާލައިށެވެ.

https://sun.mv/176662

އިޓްލޮސް އިން ނިންމީ ފުށުއަރާ ބައި އިކުއި ޑިސްޓެންޓު އުސޫލުން ބަހާލައިށެވެ. މިގޮތަށް އިގްތިސާދީ ސަރަހައްދު ބެހުމުގައި ދެ ގައުމުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދުނީ ހަމައެކަނި ހިކި ދިޔައިގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން މިން އަޅަން މޮރިޝަސް އިން އެދުމުންނެވެ.

އެކަމަކު، ރާއްޖެއިން ވަކާލަތު ކުރީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އިޓްލޮސް އިން ވެސް މިއަދު ނިންމީ މޮރިޝަސްގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށެވެ. މި ނިންމުމާ އެކު، ރާއްޖެއަށް އިތުރު 4687 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުންނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ.

comment ކޮމެންޓް