ޗާގޯސް އައިލޭންޑްސްގެ މައްސަލައިގައި ރާއްޖެއިން ވަކާލާތު ކުރަމުން އައި ގޮތް ކުއްލިއަކަށް ދިވެހި ސަރުކާރުން ބަދަލުކުރުމާ ގުޅިގެން ކަމަށް ބުނެ، ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ކަންބޮޑުވުންފާޅުކޮށް، ކަނޑުގެ ޤާނޫނުގެ ބައިނަލްއަޤުވާމީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ސިޓީއެއް ފޮނުވައިފިއެވެ.
އެ މައްސަލައިގައި އިޓްލޮސްއިން މިއަދު ހުކުމް ކުރުމަށް ތައްޔާރުވަމުންދާއިރު އެކަމާ ގުޅިގެން ޖޭޕީން ބުނީ ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ޚާއްޞަ އިގްތިޞާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.
އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ދިވެހި ގައުމުގެ ގާނޫނު އަސާސީގެ ތިން ވަނަ މާއްދާއާއި ފުށުއެރުންތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ކަމަށް ޖޭޕީގެ ސިޓީގައިވެއެވެ. ޖޭޕީން ބުނީ އެ ސިޓީ ފޮނުވާފައިވަނީ މި މައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމުގެ ނިޔަތުގައި ކަމަށެވެ.
ޖޭޕީގެ ސިޓީގައި ވަނީ ޗާގޯސް މައްސަލައިގައި ރާއްޖެއިން ވަކާލާތު ކުރަމުން އައި ގޮތް ކުއްލިއަކަށް މޮރިޝަސްއާ އެއްކޮޅަށް ދިވެހި ސަރުކާރުން ބަދަލުކުރުމާއެކު އެ ނިންމުމުގައި ގޮތް ނޭނގޭ މުއާމަލާތްތަކެއް ހިނގައިފައިވާ ކަމަށް ތުހުމަތުކޮށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ ތުހުމަތުތަކާ ގުޅިގެން އާންމު ރައްޔިތުންނާ މަޖިލިސް މެމްބަރުން ވެސް އެކަމުގެ ކަންބޮޑުވުންފާޅު ކުރަމުންދާ ކަމަށް ސިޓީގައިވެއެވެ.
ހަމަ އެހެންމެ އެ މައްސަލައިގައި ރާއްޖޭގެ ސަރުކާރުން އަމަލު ކޮށްފައިވާ ގޮތް ގާނޫނާ ޚިލާފު ކަމަށާއި އެކަމުގައި ރާއްޖޭގެ ގާނޫނު އަސާސީގެ ތިން ވަނަ މާއްދާއާއި ފުށުއެރުންތަކެއް ހުރި ކަމަށް ސިޓީގައިވެއެވެ. އެފަދަ ނިންމުމެއް ނިންމޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނަމަވެސް އެކަމުގައި މަޖިލީހުގެ ރުހުން ވެސް ހޯދާފައި ނުވާ ކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، މި މައްސަލައަކީ ރާއްޖެއަށް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާނެ މައްސަލައަކަށް ވުމާއެކު އެކަމުގައި ދިވެހި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ރިއާޔަތް ކުރުމެއްނެތި މައްސަލައިގައި ގޮތެއް ނިންމަވައިދެއްވުމަށް އެ ޕާޓީން ވަނީ އިޓްލޮސްގައި އެދިފައެވެ.
އެ މައްސަލައާ ގުޅިގެން މީޑިއާތަކުގައި ސަރުކާރަށް ކޮށްފައިވާ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގު ކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޗާގޯސްގެ މައްސަލަ އާއި އެނޫންވެސް ޚާރިޖީ ދާއިރާއާ ގުޅޭ ކަމެއްގައި، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް މި ސަރުކާރަކުން މިހާތަނަށް ނިންމާފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދުގައި ފުށުއަރާ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައި ކަމަށާއި، ވަކި ސަރުކާރަކާ އެކީ މި ވާހަކަތައް ކުރިއަށް ނުގެންދާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، މި ސަރުކާރުން އަންނަނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތް ކުރަމުންކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
އެޓާނީ ޖެނެރަލް އޮފީހުން މީގެ ކުރިން ބުނެފައި ވަނީ، އެ މައްސަލައާ ގުޅުން ހުރި ކަމެއްގެ ގޮތުގައި މި ސަރުކާރުން ބަދަލު ގެނެސްފައި ވަނީ ޗާގޯސްގެ މިނިވަންކަމާމެދު ރާއްޖޭގެ ނިންމުން ކަމަށެވެ. އެގޮތުން ޗާގޯސް އިސްތިއުމާރުކޮށްގެން ތިބި ތިބުމާ ދެކޮޅަށް އދ.ގައި ރާއްޖެއިން ވޯޓު ދިނުމަށް ނިންމާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ރައީސްގެ ސިޓީފުޅުން އެންގެވި ކަމަކީ އެއީ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.